ދަރިފުޅު ލޯފަންކުއްޖަކާ ރަހްމަތްތެރިވުމުން ނަފްރަތުކުރި މަންމައަކަށް ލޯފަން ދެދަރިން ލިބި އަދި އޭނާގެ ފެނުން ގެއްލުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ދަރިފުޅު ލޯފަންކުއްޖަކާ ރަހްމަތްތެރިވުމުން ނަފްރަތުކުރި މަންމައަކަށް ލޯފަން ދެދަރިން ލިބި އަދި އޭނާގެ ފެނުން ގެއްލުނު ގޮތުގެ ވާހަކަ-

މިރޭގެ ދަރުސްވެސް މިފަށަނީ ޢިބްރަތްތެރި ވާހަކައަކުންނެވެ. މިރޭ މިކިޔައިދެނީ އެ އަންހެނާއަށް ދެލޯ ދެއްވަވައި ފެނުން ދެއްވެވުމުން ޝުކުރުވެރި ނުވެވުނު އަންހެނެއްގެ ވާހަކައެވެ.

ރަށްފުށު ސަރަހައްދެކެވެ. ހުރިހާ ކުޑަކުދިން އެކުގައި ކުޅެ މަޖާކުރާ ސަރަހައްދެކެވެ. އެދެމަފިރިންގެ ހުންނަނީ އެންމެ ދަރިއެކެވެ. އުމުރުން 8 އަހަރުގެ ފިރިހެން ދަރިފުލެކެވެ. އެކުއްޖާ ވެސް ކުޅެން ނުކުމެ އެހެން ކުދިންނާއިއެކުގައި ކުޅެންއުޅެ އުފާކޮށް ހަދައެވެ.

މިގޮތަށް ކުޅެން އުޅުމުގެ ތެރޭގައި އެކުއްޖާގެ އެންމެ ބޮޑު އެކުވެރިއެއް ކަމުގައި ހެދީ ލޯފަން އަންހެން ކުއްޖެކެވެ. އެކަން ފާހަގަކުރެވުމުން އެކުއްޖާއާއި އެކުވެރިކަން ނުބޭއްވުމަށް މަންމަ ވަރަށް ބޮޑަށް ބާރުއެޅިއެވެ. އެއީ އެގޮތަށް އެކުވެރިވެގެން އުޅޭނަމަ ބޮޑުވެގެން ހިތުގައި ލޯބި އުފެދި ކައިވެނިކުރަން ބޭނުންވެދާނެތީއެވެ.

އެކަމުގައި މަންމަގެ ނަބޭޙަތް ދަރިފުޅު ޤަބޫލުނުކުރުމުން އެއްޗެތި ގޮވައި ކުޅެން ފޮނުވުންވެސް ހުއްޓައިލިއެވެ. އެކަމުގެ ނަތީޖާ ބުނެލަން ހެއްޔެވެ؟ އެއަނހެން މީހާއަށް އެއްބާނޑު ދެކުދިން ލިބުނުއިރު ދކުދިންވެސްވީ ލޯފަންކުދިންނަށެވެ. އެއްކަލަ އަންހެން މީހާއަށް ކުރާނެ އަސަރު ނިކަން ވިސްނައިލަބަލާށެވެ.

އެކަމުގެ ހިތާމައިގާ އުޅެނިކޮށް އެ 2 ކުދިން ވަރަށް ތުއްތުއިރު އައި ބަލިމަޑުކަމެއްގެ ތެރޭގައި 2 ކުދިންވެސް ނިޔާވީއެވެ. އެހިސާބުން އަދި ކަންކަން ނިމުނީއެއް ނޫނެވެ. މަޑުމަޑުން ލޯއަނދިރިވަމުންގޮސް އެއަންހެންމީހާގެ ދެ ލޯ އަނދިރިވީއެވެ. ޑޮކްޓަރުންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

އެމީޙުންގެ ފިރިހެން ދަރިފުޅު ބޮޑުވެ ކައިވެނިކުރީ ހަމަ އެ ލޯފަން އަންހެން ކުއްޖާ އާއިއެވެ. ކައިވެނިކޮށްގެން އުޅުމުގެ ތެރޭގައި ބޭރު ޤައުމަކަށް ދެމަފިރިން ކުރި ދަތުރެއްގައި ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމުން ބުނީ އޭނާއަށް ދެވިދާނެ ފަރުވާއެއް ވަރަށް ފަހުން އީޖާދުކޮށްފައިވާ ކަމަށެވެ. ބޭނުންނަމަ އަޖުމަބަލައިލެވިދާނެ ކަމަށެވެ.

ޑޮކްޓަރު ދިން ފަރުވާއިން އޭނާގެ ދެލޮލަށްވެސް ފެނުން ލިބުނެވެ. އެނބުރި ޤައުމަށް ދިއައީ ލޮލަށް ފެންނަ އަންހެނެއްގެ ގޮތުގައެވެ. ގެއަށް ގޮސް ލޮލަށް ނުފެންނަ މަންމަގެ ހުރިހާ ކަމެއް ކޮށްދޭން އެފެށީ ލޮލަށް ފެންނަ ދަނބިދަރިފުޅެވެ.

އެއިގެ 5 އަހަރުފަހުން ބައްދަލުވި އިމާމަކަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުންޏެވެ. "ތައުބާވާށެވެ! ތިއަވަނީ ބޮޑު ފާފައެއް ކުރެވިފައެވެ! ތައުބާވެ ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމުން އިން ޝާ ﷲ ރަޙްމަތް ލައްވަވާނެއެވެ. އަދި ވާން އޮތްވަރަކުން ޞަދަޤާތްވެސް ކުރަމުން ގެންދާށެވެ!"

އެގޮތަށް ޢަމަލުކުރަމުން ގެންދަން ފެށުމުން މަޑުމަޑުން ލޮލަށް ފެނުން ލިބެމުން އައިސް ލޮލަށް ފެނުން ލިބުނެވެ. އައިނު އަޅައިގެން ޤުރްއާން ކިޔަވައިލެވޭވަރުވިއެވެ. އިން ޝާ ﷲ

މީސްތަކުންނޭވެ! އަހަރެމެންނަށް ދުނިޔެއަށް ދަހިވެތިމިވެވެނީ ވަކިވަރަކަށް ނޫނެވެ. ނަތީޖާއަކަށްވަނީ ﷲ ތަޢާލާ ނުކުޅެދުންތެރިކަން ދެއްވަވައިފިނަމަ އެމީހަކު ބާކީކޮށްލެވުމެވެ. އޭނާގެ ކިބައިން ޖެހިދާނެ ތަކްލީފަކަށް ބިރުންނެވެ. އެންމެ ފަހަރަކުވެސް ތިމާއަކީ ވެސް ކޮންމެ ވަގުތަކުވެސް ހަމަ އެފަދަ ނުކުޅެދުންތެރިއަކަށްވެދާނެ ކަމާއިމެދު ވިސްނައިވެސް ނުލެވެއެވެ. މިނުބައި ވިސްނުން ބަދަލުކުރާށެވެ!

އަހަރެމެންނަށް އިވުމާއި ފެނުމާއި ހިނގާބިނގާވެ އުޅުމާއި އަދި އެހެންވެސް ނިޢްމަތްތައް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެކަމުގައި އަހަރެމެން އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނުވެއެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ކޮންމެ ވަގުތަކުވެސް އަނބުރާ ގެންދަވައިފާނެއެވެ. އެކަމަށް ބިރުވެތިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން