آدم عليه السّلام ޚަލްޤުކުރެއްވުމަށްފަހު، އެކަލޭގެފާނަށްޓަކައި، އެކަލޭގެފާނުގެ ހަށިކޮޅުން އަންހެން ބައިވެރިއެއް ޚަލްޤުކުރެއްވެވިއެވެ. އެއީ ޙައްވާގެފާނެވެ. އެކަމަށް އިޝާރާތްކުރައްވައި ސޫރަތުއް ނިސާޢުގެ އެއްވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾
މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ."
އިތުބާރު ހުރި ޞައްޙަ ޙަދީޘްތަކުން ސާބިތުވާ ގޮތުގައި، ޙައްވާގެފާނު ޚަލްޤުކުރައްވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ "{صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ޙަދީޘް ނަންބަރު 3331}
މާނައީ: "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އަންހެނުން ހެއްދެވުނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ހަމަކަށަވަރުން އަރިކަށީގެ ކަށިތަކުގެ ތެރެއިން އެންމެ ގުދުކަންބޮޑު ކަށިގަނޑަކީ އެންމެ މަތީ ކަށިގަނޑެވެ. ފަހެ ތިބާ ގަދަކަމުން އެކަށިގަނޑު ސީދާކުރުމަށް މަސައްކަތްކޮށްފިނަމަ ތިބާ އެކަށިގަނޑު ބިންދާލާނޫއެވެ. އަދި ތިބާ އެކަށިގަނޑު އޮތްގޮތަށް ދޫކޮށްލާނަމަ އަބަދުވެސް އޮންނާނީ ގުދުކަން މަތީގައެވެ. ފަހެ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ."
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް