ހުޅަނގުގެ ޤައުމުތަކުގައި އަންހެނުންނާމެދު ނިކަމެތިކޮށް ދެކެވެން މެދުވެރިވި ބައެއް ސަބަބުތައް-

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 31ސ
ހުޅަނގުގެ ޤައުމުތަކުގައި އަންހެނުންނާމެދު ނިކަމެތިކޮށް ދެކެވެން މެދުވެރިވި ބައެއް ސަބަބުތައް-

އިސްވެ ބަޔާން ކުރެވިދިޔަ ފަދައިން އަންހެނުންނަކީ ވަރަށް ނިކަމެތި ދަށް ބައެއްކަމަށް ހުޅަނގުގެ ޤައުމުތަކުގައި ދެކެވެން ފެށީ އެއްވެސް ސަބަބަކާ ނުލައެއް ނޫނެވެ. އެކަމަށް މެދުވެރިވި އެތަކެއް ސަބަބުތަކެއް އެބައިމީހުންގެ ޤަބޫލުކުރުންތަކާއި ޘަޤާފަތުގައި އެބަ ހުއްޓެވެ. ފަލްސަފާވެރި ޤަބޫލުކުރުންތަކާއި އެމީހުން ދީނީ ގޮތުން ޤަބޫލުކުރި ޤަބޫލުކުރުންތަކެއް މިކަމުގައި ހިމެނެއެވެ. 

  • އިހުގައި އަންހެނުނަނާމެދު ޤަބޫލުކުރެވިފައި ހުރި ފަލްސަފާތައް 

އަންހެނުންނާމެދު ނިކަމެތިކޮށް ދެކުމުގެ ފަލްސަފާތައް ޕްލެޓޯ އާއި އެރިސްޓޯޓެލް ފަދަ އިހުގެ މަޝްހޫރު ފަލްސަފާވެރިންގެ ފަރާތުން ފެންނަން އެބަ ހުއްޓެވެ. 

މިގޮތުން ޕްލެޓޯ ދެކެނީ އަންހެނުންނަކީ އެންމެ ނުބައި އަދި އެންމެ ނުވިސްނޭ ފިރިހެނުންގެ ފަރާތުން އުފެދުނު ބައެއްކަމުގައެވެ. އަދި ފިރިހެނުންނަށް ވުރެ އެތައް ގުނައެއް ގޯސް ބައެއްކަމުގައިވެސް ދެކެއެވެ. އަދި އެބައިމީހުންގެ ހަމައެކަނި ވަޒީފާއަކީ ކުދިން ތަރުބިއްޔަތު ކުރުންކަމުގައި ދެކެއެވެ. 

ހަމަ އެފަދައިން އެބައިމީހުންގެ ވާހަކަތަކުގައި އެބައިމީހުން އަންހެނުން ހިމަނަނީ އަޅުންނާއި، ކުޑަކުދިންނާއި ނުބައިކަންކަމާއި، ފިރިހެނުންގެ ތެރެއިން ދެއުޅިއެއް ނުވާ މީހުންނާއި ޖަނަވާރާއި ހައިވާނާ އެކުގައެވެ. 

މިސާލަކަށް، އެބައިމީހުން މިފަދައިން ބުނެފައިވެއެވެ. [އެއްވެސް އަންހެނަކަށް ނުވަތަ ކުޑަކުއްޖަކަށް ނުވަތަ ޖަނަވާރަކަށް، އަމިއްލަ ނަފުސަށް ހެޔޮވެގެންވާ ގޮތާ އަދި އަމިއްލަ ނަފުސަށް ފަރުވާ ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވެއެވެ.] 

އަދި ހަމަ އެހެންމެ އެރިސްޓޯޓެލް އަންހެނުންނާ މެދު ތަޞައްވަރު ކުރާ ގޮތް ނެގެނީ އޭނާ ބުއްދީގެ ގޮތުން ބިނާކޮށްފައިވާ ޢާންމު ކައުނީ ނިޒާމު ތަޞައްވަރު ކުރާ ގޮތުގެ ތެރެއިންނެވެ. ކައުނުގެ ނިޒާމުގެ ތެރެއަށް އޭނާ ފިރިހެނާއި އަންހެން ނިސްބަތް ކުރެއެވެ. އެގޮތުން ވެއްޓަކީ އަންހެން އެއްޗެއްކަމަށް ނިސްބަތްކޮށް އެއަށް މަންމަގެ ނަމުން މުޚާތަބު ކުރެއެވެ. އަދި އުޑާއި އިރަކީ ބައްޕަކަމުގައި ސިފަކޮށް، ހިންގުންތެރިއަކީ އެއީ ކަމުގައި ޤަބޫލުކުރެއެވެ. އެގޮތުން މަތީދަރަޖައިގެ ތަކެތި ވީވަރަކުން ދަށު ދަރަޖައިގެ އެއްޗެއްސާ ފަރަޤުކުރަން ޖެހޭނެކަމުގައި އޭނާ ދެކެއެވެ. އެހެންކަމުން ފިރިހެނުންނާއި އަންހެނުންގެ ގުޅުމަކީ މަތީ ދަރަޖައާއި ދަށު ދަރަޖައާ އޮތް ގުޅުމެވެ. އަދި ޙާކިމު މީހާއާއި އެބައެއްގެ މައްޗަށް އަމުރު ހިންގޭ މީހާއާ އޮތް ގުޅުމެވެ. އެގޮތުން ޢާންމު ބޭނުން ކުރުމުގައި ވެއްޓަށް އަންހެންކަން ނިސްބަތް ކުރި ނަމަވެސް، އެރިސްޓޯޓެލް ދެކޭ ގޮތުގައި އަންހެންކަމަކީ އުނިކަމެކެވެ. 

މިފަދަ ފަލްސަފާވެރިން ގެނެސްފައިވާ ފަލްސަފާތަކުގައި އަންހެނުންނާމެދު ދެކެފައިވާ ނިކަމެތި ދެކުންތަކުގެ ސަބަބުން އެ މުޖުތަމަޢުތަކުގައި އަންހެނުންނާމެދު ދެކޭ ދެކުންތަކަށް އަސަރުކޮށްފައިވެއެވެ. 

އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުންނާމެދު ޢަމަލުކުރުމަށް އަންގާފައިވަ ގޮތްތައް 

އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުންނާމެދު ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދެވިފައިވާ ގޮތްތަކުގެ ބައެއްމިސާލުތައް ތިރީގައި ހިމަނާލަމެވެ. 

[ކަލޭގެފާނު ބަނޫއިސްރާއީލް މީހުންނަށް ދަންނަވާށެވެ. މީހަކު ނިޔާވެއްޖެނަމަ އަދި އޭނާގެ ފިރިހެން ދަރިއަކު ނެތްނަމަ، އޭނާގެ ތަރިކަ މުދަލުން އޭނާގެ އަންހެން ދަރިއަށް ދޭ ހުއްޓެވެ.][4]

[ތިޔަބައިމީހުންގެ އަންހެނުން ކަނީސާތަކުގައި ހަނު ތިއްބުވާށެވެ. އެހެނީ އެކަނބަލުންނަށް ވާހަކަ ދެއްކުން ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު އެކަނބަލުންނަށް އަމުރުވެވިގެންވަނީ ކިޔަމަންތެރިކަމުގެ ދަށުގައި ތިބުމަށެވެ. ޤާނޫނުގައިވެސްވާ ފަދައިންނެވެ. 

[އެހެނެއްކަމަކު އަންހެނުން ކިޔަވައިދިނުން ހުއްދަވެގެން ނުވެއެވެ. އަދި ފިރިހެނުންގެ މައްޗަށް ބާރު ހިނގުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު އެކަނބަލުންނަށްވަނީ ހަނު ތިބުމެވެ.] 

[އަޚުންއެކުގައި ދިރިއުޅޭނަމަ، އަދި އެއިން އެކަކު ނިޔާވެއްޖެނަމަ އަދި އޭނާއަށް ފިރިހެން ދަރިއަކު ނުވާނަމަ، ނިޔާވި ފިރިހެނާގެ އަންހެނުން ބޭރު ބީރައްޓެއްސަކާ ކައިވެނި ނުކުރާ ހުއްޓެވެ. އެކަނބުލޭގެ ފިރިމީހާގެ އަޚު އެކަނބުލޭގެ ކައިރިއަށް ގޮސް އޭނާގެ އަންބެއްގެ ގޮތުގައި ދެކޭ ހުއްޓެވެ. އަދި އެ އަންހެނާގެ މައްޗަށް ފިރިމީހާގެ އަޚާއަށް އޮތް ޒިންމާ އަދާކުރާ ހުއްޓެވެ.]7

އެބައިމީހުން މުޤައްދަސް ފޮތްތަކުންވެސް އަންހެނުންނާމެދު ދެކެފައިވަނީ މިފަދަ ނިކަމެތި ގޮތްތަކަށެވެ. 

- ނުނިމޭ

އައްޝައިޚް ޙަސަން ޒިޔާން

 

 


 

 

މިއަދު އޮންލައިން