"ތިމާ އަށް ޙައްޤު އެނގިހުރެ އެހެން ގޮތަކަށް ބުނާނަމަ ނުވަތަ ޢަމަލުކުރާނަމަ އެކަންވާނީ ބޮޑުވެގެންވާ ޚިޔާނާތަކަށް!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
"ޙައްޤަށް ރުޖޫޢަ ވާންޖެހޭ!" -ޝައިޚް ޢަލީ ޒައިދު
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރައްޔިތުންހެ މަޖިލީހުގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް އަދާލަތު ޕާޓީން ތާއީދުކުރުމުގެ މައްސަލައިގައި އެކަމަށް ތާއީދުކުރެއްވި ބޭފުޅުންނާއި ތާއީދު ނުކުރައްވާ ބޭފުޅުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ.
ޢަދާލަތު ޕާޓީއަކީ އިންތިޚާބުތަކަށް ސަރުކާރުގެ ބާރާ ނުފޫޒު ނުފޯރުވުމަށް މިހައިތަނަށް އެންމެ ބާރަށް ގޮވާލައި އަދުލުވެރިކަމާއިއެކު އިންތިޚާބުތައް ބާއްވަން ވަކާލާތުކުރަމުން އަންނަ އެއް ޕާޓީކަމަށްވާއިރު ކޮމަންޑޫ ދާއިރާގެ ބައިއިލްކެޝަނަކީ މިހައިތަނަށް ސަރުކާރުން އެންމެ ބޮޑަށް ބާރާ ނުފޫޒު ފޯރުވައިގެން އަންނަ އިންތިޚާބުކަން ގިނަބައަކު ފާހަގަކުރެއެވެ.
އެގޮތުން ކުއްލިއަކަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ދާއިރާއަށް އޮއްސައިލުމާއި ބަޖެޓުން ބޭރުން ގިނަ ކަންތައްތަކެއްކޮށްދޭން ހުށަހަޅާފައިވާކަން ވެސް ގިނަ ބައަކު ފާހަގަކުރެއެވެ. އެހެންކަމުން އިދިކޮޅުގައި އޮންނައިރު ދައްކާ ވާހަކައާއި ސަރުކާރު ކޯލިޝަނުގައި އޮތުމުން ޢަމަލުކުރާ ގޮތް ތަފާތުވާކަމާއި އިސްލާމް ދީނުގެ ކަންކަމަށް ސަރުކާރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވަމުނަދާއިރެއްގައި އެކަންކަމަށް ރުހުން ދެވޭ ގޮތަށް ޢަދާލަތު ޕާޓީން ޢަމަލުކުރާކަން ފާހަގަކުރައްވައި އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް ޢަލީ ޒައިދު މިހާރުވަނީ އެ މަޖިލީހުން އިސްތިޢުފާވެސް ދެއްވައިފައެވެ.
"ޢަރަބިއްޔާ ސްކޫލަށް ޢިމާރާތެއް ދޭންޖެހޭއިރު އިމާރާތެއް ނުދީގެން މަގުމަތީގަ މުޒާހަރާކުރަންފެށީމާ ބިމެއް ދިނުމަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ކަމެއްކޮށްދިނުމެއް ނޫން. ލާދީނީ ބިލްވެސް ފާސްކޮށްފައި އޮތީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ގޮތަކަށް ނޫން. ހރުޜީ ކޮށްދެވުނު ކަންކަމާ ކަންބޮޑުވުން ހުރި ކަންކަން. ވީމާ ސަރުކާރުން ބޭނުންވާ ހުރިހާ ކަންކަމަށް ތާއީދުކޮށްގެންވާކަށް ނެތް. ކަންކަމާ ކަންބޮޑުވާ ބއަކު އެބަތިބިކަން ސަރުކާރަށް އެނގެންޖެހޭ." ކަމަށް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.