އޭނާއަކީ މަގުމަތީގައި އުޅެންޖެހިފައިވާ މާބަނޑު އަންހެނެކެވެ. އޭނާ ރެސްޓޯރަންޓަކަށްވަނީ ބަނޑުހައިގެނެގެން ސަލާންޖަހާށެވެ. ކުނިވެފައި ނުވަތަ ބާކީވެފައި ހުރި ކާއެތިކޮޅެއް ނަމަވެސް ދޭތޯއެވެ! ނަމަވެސް އޭނާއަށް އެއްޗެތި ގޮވައި އޭނާ ލައިގެން ހުރި ފޭރާމަށް ބަލައި އެއްވެސް އެއްޗެއްނުދީ ގަދަކަމުން ބޭރުކޮށްލީއެވެ.
ރެސްޓޯރަންޓަށް ކާންވަދެ ތިބި މީހުންގެ ތެރެއިން މަންޒަރުބަލަން އިން ފިރިހެނެއްގެ ހިތުގައި ހަމްދަރުދީ އުފެދިގެން އޭނާ އަނބުރާ ރެސްޓޯރަންޓަށް ވައްދައި އޭނާ އާއި އެއް މޭޒުގައި ބައިންދައިގެން އޭނާއަށް ކާންދިނެވެ. އަދި އެމީހާ ބުންޏެވެ. "ކަލެއަސް ބެލުމުން ކަލެއަކީ މަގުމަތީގައި އުޅެބޮޑުވި އަންހެނެއް ވައްތަރެއް ނުޖަހައެވެ. ތިއަޙާލު ޖެހުނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބުގައި ކިޔައިދިނެވެ. "ބަލިވެއިންކަން އެނގުމުން ފިރިމީހާ ވަރިކޮށްފައި އެއްލައިލީއެވެ. އަހަރެން ހޯދައިގެން ކައިވެނިކުރީ އެކަނިވެރިން ހިލޭ ބައިތިއްބާ ހޮސްޓެލެއްގައި ހުއްޓައެވެ. އެހޮސްޓެލްގައި މިހާރު ޖާގަ ނެތުމުން މަގުމަތީގައި އުޅެން ޖެހުނީއެވެ."
ކައިނިމުމުން ފިރިހެން މީހާ އޭނާ ގެންދިއައީ އޭނާ ދިރިއުޅޭގެއަށެވެ. ދިއަ މަގުމަތީގައި އެކަށީގެންވާ ރީތި ހެދުންވެސް ގަނެދިނެވެ. ރީތިވާނެ އެއްޗެތިވެސް ގަނެދިނެވެ. ގެއަށް ގެންގޮސްފައި ބުނީ ފެންވަރައިގެން ރީތި ހެދުން ލައިގެން ނުކުތުމަށެވެ.
އަންހެން މީހާ ރީތިވެގެން ނުކުތުމުން ފިރިހެން މީހާ ބުންޏެވެ. "ތިއަހާ ރީތި އަންހެނަކު މަގުމައްޗަށް އެއްލައިލި މީހާ ވާނީ ބޮޑު މޮޔައަކަށެވެ. މިއީ އަހަރެންގެ ގެއެވެ. މިގޭގައި އަދި އުޅެނީ އަހަރެންނާއި ނޯކަރުންނެވެ. މީގެފަހުން މިގޭގެ އޮޅިގަނޑަކީ ކަލެއެވެ." އެހެން ބުނުމުން އަންހެން މީހާއަށް އުފަލުން ރޮވުނެވެ.
އޭނާ ބުނީ އަންހެން މީހާއަށް ހެޔޮކޮށްހިތަން އޭނާ ނިންމީ އޭނާގެ ދެ އަންހެންކޮއްކޮވެސް ވިހެއުމުގެތެރޭގައި ނިޔާވެފައިވުމުން ދެކޮއްކޮއަށާއި މަންމައަށް ކުރާ ޞަދަޤާތެއްގެ ގޮތުން ކަމަށެވެ. "އަހަރެންނަކީ މަސައްކަތް ނިމުމުން އަބަދު ގޭގައި އުޅޭ މީހެއް. އެކަނިވީމާ މިހާރު ވަރަށް ފަޅު. މިގޭގައި ހުރެދީފިނަމަ އަހަރެންގެ އެކަނިވެރިކަންވެސް ފިލާނެ. އަދި އަހަރެންނަށާއި އަހަރެންގެ މަންމައަށާއި އަދި އަދި ދެކޮއްކޮއަށްވެސް ޘަވާބު ލިބޭނެ އަޅުކަމަކަށްވެސްވާނެ!"
ދެމީހުން ދެ އެކުވެރިންގެ ގޮތުގައި ދިރިއުޅެމުން އައިސް 3 އަހަރުފަހުން ދެމީހުން ކައިވެނިކުރީއެވެ. އަޞްލުގައިވެސް ގޭގެ އޮޅިގަނޑަކަށް އަންހެންމީހާވީއެވެ!
މިއީ އަޅުގަނޑު ސޯޝަލްމީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ހިތަށް އެރި އެއްޗެތި ގިނަކަމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ.
ވިސްނާށެވެ! އެމީހުން ރެސްޓޯރަންޓުން އޭނާ ބޭރުކޮށްލީ ކިހައި ބޮޑަށް ނިކަމެތިކޮށްލާފައި ހެއްޔެވެ؟ ސަލާންޖެހީމާ ކާނެ އެއްޗެއް ނުދިންތަނުގައި އެއްޗެތިގޮވައި ފަޟީޙަތްވެސް ކުރަމުންނެވެ. ނަމަވެސް އެކަން އެވީ އޭނާއަށް ލެއްވެވި ކިހާބޮޑު ރަޙްމަތަކަށް ހެއްޔެވެ؟ ކާނެ އެތިކޮޅެއް ދީފައި ފޮނުވާލިނަމަ އެއްވެސް މީހެއްގެ ސަމާލުކަމަށް އެކަމެއް ނާންނާނެއެވެ. އެފިރިހެން މީހާގެ ސަމާލުކަމަށް އެކަން އެއައީ އޭނާގެ ކުރިމަތީގައި ކަންތައްކުރި ގޮތުންނެވެ.
ބުނެލަން ބޭނުންވަނީ ނިކަމެތިން، ޚާއްޞަކޮށް މާބަނޑު އަނހެނުންނަށް ނިކަމެތި ގޮތްގޮތް ހަދަން ހެޔޮނުވާނެއެވެ. މާބަނޑު އަންހެނުންނަށް ނިކަމެތިކޮށް ކަންކަންކުރާނީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހިތުގައި ނެތް މީހުންނެވެ!
- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް