ގާތް މީހުންނާ އެކުވެރިން މިހާ ގިނައިން ބަލިވަމުންދާއިރު މިދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ގާތް މީހުންނާ އެކުވެރިން މިހާ ގިނައިން ބަލިވަމުންދާއިރު މިދުޢާކުރުން ގިނަކުރާށެވެ!

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ عَادَ مَرِيضًا، لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ، إِلَّا عَافَاهُ»

[رواه أبو داود / كتاب: الجنائز / باب: الدعاء للمريض عند العيادة / رقم: 3106 ، وصححه الألباني في صحيح وضعيف سنن أبي داود]

މާނައީ: "މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ. (މާނައީ: "މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.") މިފަދައިން ހަތްފަހަރު އޭނާއަށް ދުޢާކޮށްދީފިނަމަ ދަންނައެވެ. އޭނާއަށް ޢާފިޔަތު ލިބޭނެއެވެ."

މިޙަދީޘްފުޅުގައި އެވަނީ ބަލިމީހާއަށް ޒިޔާރަތްކޮށް 7 ފަހަރު މިދުޢާކުރުމަށެވެ. މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސް ޖެހިއްޖެނަމަ ޒިޔާރަތްކުރެވޭނެ ގޮތެއް ނެތެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އަހުރެން ބުނާނީ ބަލިމީހާގެ ޙާލަތުހުރިގޮތުން ޒިޔާރަތް ނުކުރެވޭނަމަ ދުރުގައިހުރެގެންވެސް މިދުޢާ ކުރުމަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

ހަނދުމަކޮށްލައިދިނުމެއް!:

"މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ އަނެއް ޙައްޤަކީ އޭނާ ބަލިވުމުން އޭނާއަށް ޒިޔާރަތްކުރުމެވެ. ބަލީގެ ސަބަބުން ވޭން ތަހައްމަލު ކުރަން ޖެހެއެވެ. އަދި އެކަން ހަފްތާތަކަކަށް ނުވަތަ މަސްތަކަކަށް ދިގުދެމިގެން ގޮސްދާނެއެވެ. އޭނާއަށް ލޮލުފިޔަޖަހައި ނުލެވެއެވެ. އަދި އަރާމެއް ނުލިބެއެވެ. އޭނާގެ ހަށިގަނޑުގައި ވޭންއަޅައެވެ. އޭނާވަނީ އެޙާލުގައި މާޔޫސްވެފައެވެ. އަދި އޭނާގެ ބަލި ފަސޭހަކޮށްދެއްވާ، އޭނާގެ ދަރަޖަ އުފުއްލަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތަށް ދުޢާކޮށް ދިނުން އެދިއެދިއެވެ. އޭނައަށް ޒިޔާރަތްކޮށް، ވާހަކަ ދައްކާލުމުން އޭނާގެ ހިތާމަތައް ފިލައިދެއެވެ. އަދި އޯގާތެރިކަމާއެކު ފިރުމާލުމުން އަޚްވަންތަކަމާއި ގާތްކަން އިޙްސާސްކުރެވެއެވެ."

އިމާމްގެ މިބަސްފުޅުގައިވެސް އެވަނީ ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެއީ ޢާންމު ޙާލަތުގައެވެ. މިޙާލަތުގައި އޮތީ ދުރުގައި ހުރެ ހެޔޮ ދުޢާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން