ބައެއް މައިންބަފައިން ވިސްނާނުލައި ތިބެ ވަރަށް ނުބައި ބަސްތައް ދަރިންނަށް ބުނެއެވެ. "ތިއައީ ބަސްނާހާ ކުއްޖެއް! ނުކިޔަވާ ކުއްޖެއް! މޮޅުކުއްޖަކަށް ނުވެވޭނެ!" ފަދަ ބަސްތައް ބުނަމުން ގޮސް "ތިއައީ ސިފަ ހުތުރުކުއްޖެއް" ކަމަށްވެސް އެބަ ބުނެއެވެ.
މިފަދަ ބަސްތައް ދަރިންނަށް ބުނަން ހެޔޮނުވާނެއެވެ! އެހެނީ އެފަދަ ބަސްތައް ބުނާނަމަ އެކުދިންނަށް ޤަބޫލުކުރެވެން ފަށާނީ އެކުދިންނަކީ އެފަދަ ކުދިން ކަމަށެވެ. އެއިގެ ބަދަލުގައި ދަރިފުޅަށް ތައްރީފްކޮށް ހިތްވަރުދޭނަމަ އަދި ދަރިފުލަކީ ބަސްއަހާ، މޮޅުކުއްޖެއްކަމަށް ބުނާނަމަ އެކަންވެސް ދަރިންނަށް ޤަބޫލުކުރެވޭނެއެވެ.
މީގެ އިތުރުން މައިންބަފައިންނަށް ކުރެވޭ ވަރަށް ބޮޑު ނުބައިކަމެއް އޮވެއެވެ. އެއީ ބައްޕަ ނުވަތަ މަންމަގެ ނުބައިވާހަކަ ދަރިންގެގާތުގައި ދެއްކުމެވެ. އަދި ކައިވެނި ރޫޅިއްޖެނަމަ ކޮންމެވެސް އެކެއްގެ ގާތަށް ދަރިން ދިއުން މަނާކޮށް ހިފަހައްޓަން މަސައްކަތްކުރުމެވެ. މިކަންކަމަކީ އެކަންކަމުގެ ސަބަބުން ދަރިފުޅުގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ނުބައި އަސަރުކުރާ ކަންކަމެވެ.
އަނެކާގެ ގާތަށް ދިއުން މަނާކުރަން ނުވަތަ ހުއްޓުވަންވާނީ ހަމައެކަނި އެންމެ ސަބަބަކަށް ޓަކައެވެ. އެއީ އޭނާގެ ކިބައިގައި ހުންނަ ނުބައި އަޚްލާޤެއްގެ ސަބަބުން ދަރިންނަށް އެކަމުގެ ނުބައި އަސަރުކޮސްފާނެ ކަމުގެ ބިރު އޮތްނަމައެވެ. އެއިރުން އެއީ މުޅިން ތަފާތު ޙާލަތެކެވެ.
ކައިވެނި ރޫޅުމަކީ އެއްވެސް ޙާލެއްގައި އެކަމުގެ އަސަރު ދަރިންނަށް ކުރާނެ ކަމަކަށް ހަދައިގެން ނުވާނެއެވެ. އެއީ ދެމަފިރިންގެ މައްސަލައެކެވެ. އެމައްސަލަތައް ބާއްވަންވާނީ ދެމަފިރިންގެ މެދުގައެވެ. އަދި އެކަމުގައިވެސް އޮތް އެންމެ ރަނގަލު ގޮތަކީ ކައިވެނި ރޫޅޭ ހިސާބުން ދެމީހުންގެ މެދުގައި ޖެހުނު މައްސަލަތައް ހަނދާން ނައްތައިލުމެވެ. ދެމީހުން އަލުން ގުޅެން ބޭނުން ނުވާނަމަ ވަކިން އައު ދިރިއުޅުމެއް ފެށުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން