އާދަމްގެފާނު ވާހަކަ- އުމުރުފުޅުން ސާޅީސް އަހަރު ދާވޫދުގެފާނަށް ދެއްވެވި!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 6ސ
އާދަމްގެފާނު ވާހަކަ- އުމުރުފުޅުން ސާޅީސް އަހަރު ދާވޫދުގެފާނަށް ދެއްވެވި!

آدم عليه السّلام ގެ ޙަޤީޤީ އުމުރުފުޅަކީ އެއްހާސް އަހަރުފުޅެވެ. ނަމަވެސް އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސްއަހަރު އެކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާއޫދުގެފާނަށް ދެއްވާފައެވެ. އެހެންކަމުން آدم عليه السّلام އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅެއްކަމުގައިވާނީ ނުވަސަތޭކަ ފަސްދޮޅަސް އަހަރުފުޅެވެ. 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

" لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ وَجَعَلَ بَيْنَ عَيْنَىْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ ثُمَّ عَرَضَهُمْ عَلَى آدَمَ فَقَالَ أَىْ رَبِّ مَنْ هَؤُلاَءِ قَالَ هَؤُلاَءِ ذُرِّيَّتُكَ فَرَأَى رَجُلاً مِنْهُمْ فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ فَقَالَ أَىْ رَبِّ مَنْ هَذَا فَقَالَ هَذَا رَجُلٌ مِنْ آخِرِ الأُمَمِ مِنْ ذُرِّيَّتِكَ يُقَالُ لَهُ دَاوُدُ . فَقَالَ رَبِّ كَمْ جَعَلْتَ عُمْرَهُ قَالَ سِتِّينَ سَنَةً قَالَ أَىْ رَبِّ زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً . فَلَمَّا انْقَضَى عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ فَقَالَ أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً قَالَ أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ قَالَ فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ آدَمُ فَنَسِيَتْ ذُرِّيَّتُهُ وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ޙަދީޘް ނަންބަރު 3076} 

މާނައީ: މާތްﷲ އާދަމުގެފާނު ހެއްދުވުމަށްފަހު، އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ފިރުއްމަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިންގެ ތެރެއިން ޤިޔާމަތާހަމައަށް ދާންދެން އެކަލާނގެ އުފައްދަވާނެ ހުރިހާ މަޚްލޫޤުން އެކަލޭގެފާނުގެ ބުރަކަށިފުޅުން ނުކުތެވެ. އަދި އެއިން ކޮންމެ އިންސާނެއްގެ ދެލޯދޭތެރޭގައި ނޫރެއްލެއްވިއެވެ. ދެން އެމީހުން އާދަމުގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ ކޮންބައެއްތޯއެވެ؟ މާތްﷲ އެންގެވިއެވެ. މިއީ ކަލޭގެފާނުގެ ދަރީންނެވެ. އެމީހުންގެ ތެރެއިން ބޭކަލެއްގެ ދެލޯފުޅުގެ ދެމެދުގައިވާ ނޫރު ފެނިވަޑައިގެން އާދަމުގެފާނު އަޖާއިބުވަވަޑައިގެން އެބޭކަލަކަށް އިޝާރާތްކުރައްވައި ދެންނެވިއެވެ. މިއީ ކޮންބޭކަލެއްތޯއެވެ؟ މާތް ﷲ އެންގެވިއެވެ. އެއީ ކަލޭގެފާނުގެ ދަރިންގެތެރެއިން ފަހުގެ އުއްމަތުގެ ބޭކަލެކެވެ. އެބޭކަލަކަށް ދާއޫދުގެފާނުގެ ނަންފުޅުން ނަންދެވިގެންވެއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އެބޭކަލަކަށް ދެއްވާފައިވާ އުމުރަކީ ކޮބައިތޯއެވެ؟ މާތްﷲ އެންގެވިއެވެ. ފަސްދޮޅަސް އަހަރެވެ. އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އެކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު އިތުރުކޮށްދެއްވާނދޭވެ! ދެން އާދަމުގެފާނު އުމުރުފުޅު ނިމުމުން މަލަކުލް މައުތު އާދަމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ އުމުރުފުޅުން އަދި ސާޅީސްއަހަރު ބާކީއެބައޮތް ނޫންތޯއެވެ؟ މަލަކުލް މައުތު ދެންނެވިއެވެ. ކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާއޫދުގެފާނަށް ނުދެއްވަންތޯއެވެ؟ ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އާދަމުގެފާނު އިންކާރުކުރެއްވީއެވެ. އަދި އާދަމުގެފާނުގެ ދަރިންވެސް އިންކާރުކުރީއެވެ. އާދަމުގެފާނު ހަނދުމަ ނެތުނީއެވެ. އާދަމުގެފާނުގެ ދަރިންވެސް ހަނދާންނެތުނީއެވެ. އާދަމުގެފާނަށް ކުށެއް ކުރެއްވުނީއެވެ. އާދަމުގެފާނުގެ ދަރިންނަށްވެސް ކުށް ކުރެވުނީއެވެ."

آدم عليه السّلام އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ އަދާކުރައްވަމުން ގެންދެވި ރިސާލަތު ބަޔާންކޮށްދެއްވުމުގެ މަސައްކަތްފުޅު ކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން شيث عليه السّلام އެވެ. 

އަރަހުށި މާތްﷲ،  آدم عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

ވިސްނައިލުން މުހިންމު ނުޤްތާއެއް!

960 އަހަރު ދުވަހު ދުނިޔޭގައި ހުންނެވި، އެންމެހައި އިންސާނުންގެ ބައްޕަ އާދަމްގެފާނު އެވަނީ 960 އަހަރު ދުވަހު ދުނިޔޭގައި ހުންނެވުމަށްފަހުގައިވެސް އަވަހާރަވާން ބޭނުންފުޅު ނުވެފައެވެ. ވީއިރު މަރުވާން ރުހޭނީ ކާކުހެއްޔެވެ؟ އަދި މަރުވުމުގެ ވަގުތު ޖެހުމުން އެކަމަށް އިންކާރުކޮށް އެކަމުން ސަލާމަތްވެވޭނީ ކާކަށްހެއްޔެވެ؟ ހަމަޔަޤީނުންވެސް އެފަދަ ހަމަ އެކަކުވެސް ނުހުންނާނެއެވެ! ކޮންމެވަގުތަކުވެސް މަރުވެދާނެކަމަށްޓަކައި އޮތީ ތައްޔާރުވެގެން ތިބުމެވެ!

 

 

މިއަދު އޮންލައިން