އަންހެނުންނާ ފިރިހެނުންގެ ތެރެއިން ޚަރަދުތައް ބޮޑީ ކޮންބައެއްގެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
އަންހެނުންނާ ފިރިހެނުންގެ ތެރެއިން ޚަރަދުތައް ބޮޑީ ކޮންބައެއްގެތަ؟

"އަޅުގަނޑުގެ ފިރިމީހާ ވަޒީފާއަދާކުރެއެވެ. އަޅުގަނޑު ގޭގައި އިނދެގެން މަސައްކަތްކޮށްގެން އާމްދަނީ ހޯދަމެވެ. އެކަމަކު އަބަދު ފިރިމީހާ ކުރާ ޝަކުވާއަކީ އަޅުގަނޑުގެ ޚަރަދުތައް ބޮޑުކަމުގެ ޝަކުވާއެވެ!

އަޅުގަނޑަސް މަހަކު ކުރެވޭ ޚަރަދުތައް ލިޔެފައި ހިސާބުދައްކައިފީމެވެ. ފިރިމީހާއަކަށް އޭނާގެ މުސާރަ ހޭދަކުރާ ގޮތުގެ ހިސާބެއް ނުދެއްކެއެވެ. އަނގަބަހުން މޮޅު ވާހަކަތައް ދެއްކުން ނޫން ކަމެއް ނުކުރެވެއެވެ.

މިބާވަތުގެ ކަންކަމުގައި މިއަދުނޫހުގައި ވަރަށް ގިނައިން ލިޔެފައި ހުންނާތީ ސުވާލުކޮށްލަން ބޭނުންވަނީ މިބާވަތުގެ ކަމެއްގައި އެއްވެސް ދިރާސާއެއް ކުރެވިފަ އެބައޮތްތޯއެވެ؟"

ކިޔުންތެރިޔާ ފާހަގަކުރައްވާފައި އެވަނީ މުހިންމު މައްސަލައެކެވެ. އެކި ޢާއިލާތަކުގައި އެކަން އޮންނަނީ އެކި ގޮތަށެވެ. އިސްރާފްކުރަނީ އަނބިމީހާކަމަށް ނުވަތަ ފިރިމީހާކަމަށް ކަނޑައެޅިގެން ބުނަން އެނގޭނީ އެ ޢާއިލާއެއްގެ ޚަރަދުތައް ކުރާ ގޮތް އެނގިގެންނެވެ.

ތިރީގައި އެވާ ލިޔުމުން ބައެއް މައުލޫމާތު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކޮންމެ ދެމަފިރިއަކީވެސް ހަމަ މަސައްކަތްކުރާ ދެމަފިރިންނެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަން އޮތް ގޮތެވެ. މިއަދު އެކަނި އޮތް ގޮތެއް ނޫނެވެ. އަދި ހަމައެކަނި ރާއްޖޭގައި ވެސް މިކަން އޮތް ގޮތެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް މިކަން އޮތް ގޮތެވެ.

މިގޮތުން ބަލައިފިނަމަ ދިވެހި ކަނބަލުންނަކީ ނަމޫނާ ބައެކެވެ. އެއީ ދިރިއުޅުމުގެ އެންމެ މުހިންމުބައި ކަމަށްވާ ގޭތެރޭގެ މަސައްކަތާއި ދަރިން ބެލުމުގެ މަސައްކަތް ކުރުމުގެ އިތުރުން ގޭގައި ތިބެގެން އާމްދަނީ ހޯދަންވެސް މަސައްކަތްކޮށް އާމްދަނީ ހޯދައި ލިބޭ އާމްދަނީ ޢާއިލާއަށް ޚަރަދުކުރާތީއެވެ.

ރާއްޖޭގައި މިކަމަށް ފުރިހަމަ ދިރާސާއެއް ކުރެވިފައި ނުވި ނަމަވެސް ލިބޭ މައުލޫމާތަށް ބަލާއިރު ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުން އެމީހުންގެ ޢާއިލާއަށް ކުރާ ޚަރަދުވެސް ގިނައެވެ. ފިރިހެނުން ފަދައިން އޮފީސްތަކުގައި ވަޒީފާ އަދާކުރާ ގިނަ އަންހެނުން މިހާރު ފެންނަނީ ހަމަ ފިރިހެނުން ފަދައިން ކޮފީމޭޒުތަކުގައި ތިބެ އިސްރާފްކުރާތަނެވެ. ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުންގެ ކިބައިން މިފަދަ އަމަލުތައް ފެންނަނީ ވަރަށް މަދުންނެވެ.

އޮފީހަށް ދިއުމަކީ މިހާރު ވަރަށް ޚަރަދު ބޮޑުކަމެކެވެ. އެންމެ އަގު ބޮޑު ހެދުން ވަރަށް ގިނައިން ހޯދަން ޖެހޭ ކަމެކެވެ. އެންމެ އަގު ބޮޑު ސެންޓާއި އިތުރު ކޮސްމެޓިކްސްވެސް ހޯދަން ޖެހޭ ކަމެކެވެ. ވެމްކޯގެ މުވައްޒިފުންނާއި ޔުނިފޯމް ލިބޭ ވަޒީފާ އަދާކުރާ އަންހެނުންނަށް ހެދުމަށް ކުރަން ޖެހޭ ޚަރަދު މަދުވި ނަމަވެސް ޔުނިފޯމް ލިބެނީ މަދު ބައަކަށެވެ.

ގޭގައި ތިބެ މަސައްކަތްކުރާ އަންހެނުންގެ މިފަދަ ޚަރަދުތައް ވެސް ޢާންމު ގޮތެއްގައި ވަރަށް ކުޑައެވެ. އޮފީހުގައި އުޅޭ އެހެން ކުދިން ތިބޭ ފަދައިން ހުރުމަށާއި ހަމަ އެ ފެންވަރުގެ ސެންޓް ހޯދަން ކުރަން ޖެހޭ ޚަރަދުތައް ކުރަން ނުޖެހޭތީއެވެ. މިބާވަތުގެ ޚަރަދުތައް ކުރަން ނުޖެހުމަކީ ޢާއިލާއަށް ޚަރަދު ކުރާނެ ފައިސާ އިތުރު ކުރެވޭނެ ކަމެކެވެ.

އަންހެނުންގެ މިބާވަތުގެ ވާހަކަތައް ދެކެވޭއިރު ފިރިހެނުންގެ ހާލަތު ސަހަލެއް ނޫނެވެ. ފިހާރައަކުން ފެނުނު ގަމީސް ފޮތިފޭލިތަކަކަށް ބަލައިލިއިރު މީޓަރެއް 720 ރުފިޔާ އަށް އަގުޖަހާފައި އިން ފޭލި އޮތީ ހުސްވާން ދާދި ކައިރިވެފައެވެ. އެފޭލިން ފޮތި ގަތީ ވަރަށް މުއްސަނދިންތޯ އަހައިލުމުން ސޭޓު ބުނީ މުއްސަނދިން ހެދުން ގަންނަނީ ރާއްޖެއިން ބޭރުން ކަމަށާއި އެ ފިހާރައިން ވިޔަފާރިކުރަނީ ހަމަ އާދައިގެ މީހުން ކަމަށެވެ.

އަންހެނުން ކޮސްމެޓިކަށް ޚަރަދުކުރާ ވާހަކަ ދެއްކޭކަށް ވެސް ނެތެވެ. މަސް ދުވަހު އަންހެނުންގެ ކޮސްމެޓިކަށް ކުރާ ޚަރަދު ފިރިހެނުން 3 ދުވަހުގެ ކޮފީއަށް ޚަރަދުކުރެއެވެ. ހިލޭ ފިރިހެނުންނަށް އަންހެނުން ކުރާ ޚަރަދަށްވުރެ ފިރިހެނުން ހިލޭ އަންހެނުންނަށް ކުރާ ޚަރަދު 90 އިންސައްތަ އިތުރުވާނެކަމަށް ބެލެވެއެވެ.

ދިރިއުޅުމުގެ ކަންކަން މިފަދަ ގޮތަކަށް ހުރި ނަމަވެސް އެންމެންވެސް ދައްކަނީ ދިރިއުޅުމަށް ކުރަން ޖެހޭ އަސާސީ ޚަރަދުތައް ނުކުރެވޭ ވާހަކައެވެ. ކަރަންޓް ބިލާއި ފެން ބިލް ނުދެއްކޭ ވާހަކައެވެ. ދަރިންގެ ތައްލީމަށް ޚަރަދުކުރާނެ ފައިސާ ނުހުންނަ ވާހަކައެވެ. ވީއިރު ޙައްލަކީ ކޮބައިހެއްޔެވެ؟ މައްސަލައަށް ހޭލުންތެރިކުރުވަން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ ހެއްޔެވެ؟ މިބާވަތުގެ ވާހަކަތައް ނުދައްކައި ތިބުމުން މައްސަލަތައް ޙައްލުކުރެވޭނެ ހެއްޔެވެ؟

 

މިއަދު އޮންލައިން