އާންމު ގޮތެއްގައި އިންސާނުންނަށް ގިނަ ނިޢުމަތްތަކާއި ދުނިޔަވީ ދިރިއުޅުމުގެ ފަސޭހަތައް ލިބުމުގެ ނަތީޖާއަކީ އިންސާނާ ހެއްދެވި ފަރާތް ހަނދާން ނައްތާލުމެވެ. އެކަލާނގެ ހަނދުމަކުރުމުން ދުރުހެލިވުމެވެ. ޘަމޫދުބާގައިގެ މީސްތަކުންނަށް ވެސްވީ މިފަދަ ގޮތެކެވެ. އެބައިމީހުންނަށް ގުނާ ޢަދަދު ނުކުރެވޭހައި، ގިނަ ނިޢުމަތްތައް ދެއްވުމުން އެބައިމީހުން މާތްالله سبحانه وتعالى މަތިން ހަނދާން ނައްތައިލީއެވެ.[1]
ޘަމޫދުބާގައިގެ މީހުންވެސް، ޢާދުބާގައި މީހުންނެކޭ އެއް ފަދައިން، މާތް الله سبحانه وتعالى ދެއްވި ނިޢުމަތްތަކާ މެދު ޣާފިލުވިއެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެ ނިޢުމަތްތަކަށް ކާފިރުވަމުން ގެންދިޔައެވެ. އެބައިމީހުންގެ ފަންނުވެރިކަމުގެ އުފެއްދުންތަކަކީ އެބައިމީހުންގެ އަމިއްލަ ކުޅަދާނަކަމާއި ފަންނުވެރިކަމުގެ އުފެއްދުންތަކެއް ކަމުގައި ޤަބޫލުކުރަމުން ގެންދިޔައެވެ. އެ ނިޢުމަތުން އުފާ ޙާޞިލު ކުރުމުގައި އަބަދަށް ދެމިތިބެވޭނެކަމަށް އުއްމީދު ކުރަމުންނެވެ. އެކަމާއި ފަޚްރުވެރިވެ ބޮޑާވަމުންނެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އައްޝުޢަރާއު ސޫރަތުގެ 149 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ ﴿١٤٩﴾
މާނައީ: "އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ."
އަލްއަޢުރާފް ސޫރަތުގެ 75 ވަނަ އާޔަތާއި 76 ވަނަ އާޔަތުގައި އެބައިމީހުން ސިފަ ކުރައްވައިފައިވަނީ ކިބުރުވެރި ބައެއްގެ ގޮތުގައެވެ. މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ الْمَلَأُ الَّذِينَ اسْتَكْبَرُوا مِن قَوْمِهِ لِلَّذِينَ اسْتُضْعِفُوا لِمَنْ آمَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَالِحًا مُّرْسَلٌ مِّن رَّبِّهِ ۚ قَالُوا إِنَّا بِمَا أُرْسِلَ بِهِ مُؤْمِنُونَ ﴿٧٥﴾ قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنتُم بِهِ كَافِرُونَ ﴿٧٦﴾
މާނައީ: "އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كبر ވެރިވެގަތް ބޮޑުން، އޭގެތެރެއިން إيمان ވެ، ނިކަމެތިކޮށްހިތުނު މީހުންނަށް ބުނޫއެވެ. صالح ގެފާނަކީ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވި رسول އަކުކަން ތިޔަބައިމީހުން ދެނެތިބީމު ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެކަލޭގެފާނު އެކަމަކާއިގެން ފޮނުއްވި ކަމަކަށް، ތިމަންމެން މިތިބީ إيمان ވެގެންނެވެ. كبر ވެރިވިމީހުން ބުނޫއެވެ. ތިޔަބައިމީހުން، إيمان ވި ކަންތަކަށް ހަމަކަށަވަރުން، އަހުރެމެން މިތިބީ كافر ވެގެންނެވެ."
ޢާދުބާގައި މީހުންނަށް ފަހުގައި މި ބިންމަތީގައި ބުދަށް އަޅުކަންކޮށް ޝިރުކުގެ ޢަޤީދާ ފަތުރަން ފެށި ބަޔަކީ ޘަމޫދުބާގައިގެ މީހުންނެވެ. މާތްالله سبحانه وتعالى އަކީ ، އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެންމެ އޯގާވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެހެންކަމުން، ޝިރުކުގެ މަގުގައި އެމީހުން ނަރަކައަށް ދިއުމުގެ ބަދަލުގައި އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ނަބީބޭކަލަކު އެބައިމީހުންގެ ގާތަށް ފޮނުއްވެވިއެވެ. އިލާހީ ސުންނަތެއްގެ ގޮތުގައެވެ. އެކަން ބަޔާން ކުރައްވައި ސޫރަތުލް އިސްރާއުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
مَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا ﴿١٥﴾
މާނައީ: "އަދި ތިމަންރަސްކަލާނގެރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސް ބަޔަކަށް) ޢަޛާބު ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ."
އެހެންކަމުން މިދެންނެވި އާޔަތުގައި އަންގަވާ ބަޔާން ކުރައްވާފައިވާ މަތިވެރި އިލާހީ ސުންނަތް ތަންފީޒު ކުރެއްވުމުގެ ގޮތުން ޙިޖްރުގެ އަހުލުވެރިންނަށް، ނުވަތަ ޘަމޫދުބާގައިގެ މީސްތަކުންގެ ގާތަށް ރަސޫލު ބޭކަލަކު ފޮނުއްވިއެވެ. އެއީ صالح عليه السّلام އެވެ. އެކަލޭގެފާނަކީ އެބައިމީހުންގެ ނަސްލުން ވަޑައިގެންނެވި، އެބައިމީހުންގެ ޤަބީލާގެބޭކަލެކެވެ. އެބައިމީހުން ދެކެ ފަރިތަ ބޭކަލެކެވެ. ކީރިތި ޤުރްއާނުގެ އަޢުރާފް ސޫރަތުގެ 73 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ.....
މާނައީ: "އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ."
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް
[1] މަޢާރިފުލް ޤުރްއާން