ނަންފުޅާއި ނަސަބުފުޅު:
صالح عليه السّلام އަކީ، އިންސާނީ ނަސްލުގެ ދެވަނަ ބައްޕަކަމުގައިވާ، نوح عليه السّلام ގެ ދަރިކަލުން ސާމުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ. صالح عليه السّلام ގެ ޚާންދާނަކީ، ޘަމޫދުބާގައިގެ މީސްތަކުންގެ ތެރޭގައި ވަރަށް ޤަދަރުވެރި ޚާންދާނެކެވެ. އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވާ ގޮތުގައި، صالح عليه السّلام ގެ ފުރިހަމަ ނަންފުޅަކީ صالح بن عبيد بن ماسح بن عبيد بن حاجر بن ثمود بن عابر بن ارم بن سام بن نوح، عليه السّلام އެވެ.
{އަލްބިދާޔާ ވައްނިހާޔާގެ ޢަރަބި އެޑިޝަންގެ 1 ވަނަ ޖިލްދުގެ 304 ވަނަ ޞަފްޙާ}
އެހެން ނަބީބޭކަލުންނެކޭ އެއްފަދައިން صالح عليه السّلام އަކީވެސް ނުހަނު ޠާހިރު ފިޠުރަތެއްގެވެރި ބޭކަލެކެވެ. އެކަލޭގެފާނު ތުއްޕުޅުއިރުވެސް ޤައުމުގެ މީސްތަކުން ކުރަމުންގެންދިޔަ ޝިރުކުގެ ޢަމަލުތަކަށް ނަފްރަތު ކުރައްވައެވެ. އެކަމާއި ކޯފާއިސްކުރައްވައެވެ. އެކަލޭގެފާނު އުމުރުފުޅުން ސާޅީސް އަހަރުފުޅުވުމުން އެކަލޭގެފާނަށް ނަބީކަމުގެ މަސްޢޫލިއްޔަތު ޙަވާލުކުރައްވައި ފޮނުއްވެވިއެވެ.
ރިސާލަތު:
صالح عليه السّلام، ޘަމޫދުބާގައިގެ މީސްތަކުންނަށް ގޮވައިލެއްވީ، އެހެން ރަސޫލުބޭކަލުންވެސް ގޮވާލެއްވި ގޮވާލެއްވުމެވެ. ހަމައެކަނި މާތް الله سبحانه وتعالى އަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއާއި އެހެން އެއްވެސް އެއްޗެއް ޝަރީކުނުކުރުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަޢުރާފް ސޫރަތުގެ 73 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ ۖوَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴿٧٣﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ."
ބުދަށް އަޅުކަންކުރުން ދޫކޮށް، މާތްالله سبحانه وتعالى އަށް އަޅުކަންކުރުމަށް، صالح عليه السّلام ގޮވާލެއްވުމުން، ޘަމޫދުބާގައިގެ ބޮޑުން ޙައިރާންވިއެވެ. ކާބަފައިންގެ ފަރާތުން އެބައިމީހުންނަށް ވާރުތަވެގެން އައި ބުދުތަކަކީ ބާޠިލު އިލާހުން ތަކެއް ކަމަށް އެކަލޭގެފާނު ވިދާޅުވަންމުން ގެންދަވާތީއެވެ. އެތަކެއްޗަކީ އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވެސް ނުދެވޭނެ ތަކެތި ކަމަށް އެކަލޭގެފާނު ވިދާޅުވަންމުން ގެންދަވާތީއެވެ.
صالح عليه السّلام، އެބައިމީހުންނަށް، މާތް الله سبحانه وتعالى، ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާން ކޮށްދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ދަޢުވަތުގެ ސަބަބުން އެމީހުންގެ މެދުގައި އަރާރުން އުފެދިގެންދިޔައެވެ. ދެކޮޅުވެރިކަން އުފެދިގެން ދިޔައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 45 ވަނަ އާޔަތާއި 46 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَقَدْ أَرْسَلْنَا إِلَىٰ ثَمُودَ أَخَاهُمْ صَالِحًا أَنِ اعْبُدُوا اللَّـهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ﴿٤٥﴾ قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ اللَّـهَ لَعَلَّكُمْ تُرْحَمُونَ ﴿٤٦﴾
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. ފަހެ، އެހާރުން އެއުރެން އަރާރުންވާ ދެބަޔަކަށް ބެހިގެންދިޔައޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّه އަށް دعاء ނުކުރާނޫހެއްޔެވެ؟"
މިދެންނެވި އާޔަތުގައި ބަޔާންވެގެންވާ ފަދައިން، صالح عليه السّلام ޘަމޫދުބާގައިގެ މީސްތަކުންނަށް، ﷲ ގެ އެއްކައުވަންތަކަމަށް ދަޢުވަތު ދެއްވުމުން އެބައިމީހުންގެ މެދުގައި ދެބަސްވުން އުފެދުނެވެ. ޤައުމުގެ މީހުން ދެ ބަޔަކަށް ބެހިގެން ދިޔައެވެ. އެއް ބަޔަކު، صالح عليه السّلام އަކީ ﷲ ފޮނުއްވި ނަބީބޭކަލެއް ކަމަށް އީމާންވިއެވެ. އަނެއް ބަޔަކު ކާފިރުވިއެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އިންކާރު ކުރި މީހުން، އެކަލޭގެފާނުގެ ރިސާލަތު ދޮގު ކުރުމަށް، ޤައުމުގެ އެހެން މީހުންނަށް ވަސްވާސްދީ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ހޫދު ސޫރަތުގެ 61 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ هُوَ أَنشَأَكُم مِّنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ ﴿٦١﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ صالح ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ."
صالح عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ޢަޤްލީ ދަލީލުތަކާއި ނަޤްލީ ދަލީލުތައް ދައްކަވައިގެން ދީނަށް ގޮވައިލެއްވަމުން ގެންދެވިއެވެ. އެގޮތުން އެބައިމީހުން އެންމެ ފުރަތަމަ ޚަލްޤުކުރައްވައިފައިވަނީ ވެލީންކަމުގައި ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ނުހަނު ޟަޢީފު މަނިފޮދަކުން އިންސާނާ ޚަލްޤުކުރައްވައި އެ އިންސާނާއަށް ބާރުދެއްވި ކަލާނގެއަކީ އެއްކައުވަން މާތް ﷲ ކަން ބަޔާންކޮށްދެއްވިއެވެ.
ހަމައެހެންމެ، މާތް الله سبحانه وتعالى، އަކީ ފާފަ ފުއްސަވައި ރަޙީމުވަންތަ ރަސްކަލާނގެކަން ބަޔާންކޮށްދެއްވިއެވެ. އެބައިމީހުންނަށް ކުރެވިފައިވާ ޝިރުކުގެ ޢަމަލުތަކުގެ ފާފަތައް، އެބައިމީހުން އެކަލާނގެއަށް އީމާންވުމުން ފުއްސަވައިދެއްވައި އަފޫކޮށް ދެއްވާނެކަމުގައި ބަޔާންކޮށްދެއްވިއެވެ. ނަމަވެސް އެބައިމީހުން صالح عليه السّلام ގެ ނަސޭހަތްޕުޅު ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދުއްތުރާކޮށް ފާޅުގައި އެކަލޭގެފާނާ ޖަދަލު ކުރަމުން ގެންދިޔައެވެ.
މާތް الله سبحانه وتعالى، ގެ ދީނުގެ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދިނުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެއްވުމުގެ ކުރިން ވެސް صالح عليه السّلام އަކީ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ތެރޭގައި އަބުރުވެރި މާތް ބޭކަލެކެވެ. ރަށުގެ ޤަދަރުވެރި އެކެވެ. ނަމަވެސް ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމަށް، ގޮވައިލެއްވުމުން، އެބައިމީހުން އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައި ބުނަންފެށިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އައްޝުޢަރާ ސޫރަތުގެ 141 ވަނަ އާޔަތުން 144 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
كَذَّبَتْ ثَمُودُ الْمُرْسَلِينَ ﴿١٤١﴾ إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ ﴿١٤٢﴾إِنِّي لَكُمْ رَسُولٌ أَمِينٌ ﴿١٤٣﴾ فَاتَّقُوا اللَّـهَ وَأَطِيعُونِ ﴿١٤٤﴾
މާނައީ: "ثمود ބާގައިމީހުން، رسول ން ދޮގުކުރޫއެވެ.(އެއީ) އެއުރެންގެ أخ، صالح ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!"
ޘަމޫދުބާގައިގެ މީސްތަކުން صالح عليه السّلام ގެންނެވި ރިސާލަތު ދޮގުކޮށް އިންކާރުކޮށްފައި ހުއްޓައިލީކީނޫނެވެ. އަދި ކީއްތޯ؟ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތަފާތު ތުހުމަތުތައް އެޅުވިއެވެ. އެކަލޭގެފާނަކީ މޮޔައެކޭ، ސިޙުރު ޖެހިވަޑައިގެންފައި ހުންނެވި ބޭކަލެކޭވެސް ބުނަމުން ގެންދިޔައެވެ. އެހެންކަމުން އެފަދަ ބޭކަލަކު ވަޑައިގެން ކާބަފައިންގެ ދީން ދޫކޮށްލުމަށް ބުނުމުން އެކަމުގައި ޝައްކުތަކެއް އުފެދޭކަމުގައި އެބައިމީހުން ބުނަމުން ގެންދިޔައެވެ. މިކަމަށް އިޝާރާތްކުރައްވައި ހޫދު ސޫރަތުގެ 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالُوا يَا صَالِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـٰذَا ۖأَتَنْهَانَا أَن نَّعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِّمَّا تَدْعُونَا إِلَيْهِ مُرِيبٍ ﴿٦٢﴾
މާނައީ: "އެއުރެން ދެންނެވޫއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ."
صالح عليه السّلام ގެ ޤައުމުގެ މީހުން އެކަލޭގެފާނަށް އިންކާރު ކުރިޔަސް، އެ ޤައުމުގެ މަދު ބަޔަކު އެކަލޭގެފާނަށް އީމާންވިއެވެ. ނަމަވެސް އެއީ އެ ރަށުގެ އެންމެ އާދައިގެ ރައްޔިތުންނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަށްވެސް އެންމެ ފުރަތަމަ އީމާންވީ މައްކާގެ ދެރަ ނިކަމެތި ރައްޔިތުންނެވެ. ޤައުމުގެ ކަމުވޮށިގެންވާ ފަރާތްތަކުން އެކަލޭގެފާނުގެ ދަޢުވަތަށް ދެކޮޅުހަދައި ފުރައްސާރަ ކުރިއެވެ.
ކޮންމެއަކަސް ޘަމޫދުބާގައިގެ މީސްތަކުން ބުނަމުން ގެންދިޔައީ، صالح عليه السّلام ދެއްވަމުން ގެންދަވާ އެއްކައުވަންތަކަމުގެ ދަޢުވަތާ މެދު ޔަޤީންކަމެއް ނެތް ކަމުގައެވެ. އެދަޢުވާއަކީ އެކަލޭގެފާނު އަމިއްލަފުޅަށް ދުނިޔަވީ ބޭނުންފުޅެއް ޙާޞިލްކުރެއްވުމަށްޓަކައި ހައްދަވައިގެން ދައްކަވާ ވާހަކަފުޅުތަކެއް ކަމުގައެވެ. އެބައިމީހުންގެ މިދެންނެވި ތުހުމަތުތަކަށް އެކަލޭގެފާނު ނުހަނު ޔަޤީންކަމާއެކު ޖަވާބު ދެއްވައެވެ. އެކަލޭގެފާނަކީ އަމާނާތްތެރި ރަސޫލު ބޭކަލެއް ކަމަށް ވިދާޅުވެއެވެ. އެކަލޭގެފާނުގެ ރަސޫލުކަން އިއްވުމަށް، އެބައިމީހުންގެ ފަރާތުން އެއްވެސް އުޖޫރައެއް ބޭނުންފުޅު ނޫންކަމަށް ވިދާޅުވެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އައްޝުޢަރާ ސޫރަތުގެ 142 ވަނަ އާޔަތުން 145 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ ﴿١٤٢﴾إِنِّي لَكُمْ رَسُولٌ أَمِينٌ ﴿١٤٣﴾ فَاتَّقُوا اللَّـهَ وَأَطِيعُونِ ﴿١٤٤﴾ وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ ﴿١٤٥﴾
މާނައީ: "(އެއީ) އެއުރެންގެ أخ، صالح ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ.ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ رسول ކަން އިއްވުމަކަށް، ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ."
ޘަމޫދުބާގައިގެ މީސްތަކުން ހީކުރި ގޮތާ ޚިލާފަށް، صالح عليه السّلام ގެ ފަރާތްޕުޅުން ޖަވާބު ލިބިވަޑައިގެންނެވުމުންވެސް އެބައިމީހުން ކުޑަކޮށް ނަމަވެސް އެކަލޭގެފާނުގެ ދަޢުވަތާމެދުގައި ވިސްނާ ފިކުރުކޮށްލާކަށެއް ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނަކީ ސިޙުރުވެރިއެކޭ ޖާދޫގަރެކޭ މޮޔަފުޅުވެފައި ހުންނެވި ބޭކަލެކޭ ކިޔައި ފުރައްސާރަކުރަމުން ގެންދިޔައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ޝުޢަރާ ސޫރަތުގެ 153 ވަނަ އާޔަތާއި 154 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ ﴿١٥٣﴾ مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ ﴿١٥٤﴾
މާނައީ: "އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.ތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزة އެއް ގެންނަވައި ބައްލަވާށެވެ!"
ޘަމޫދުބާގައިގެ މީސްތަކުންނަށް ޤަބޫލު ކުރެވުނީ، އެބައިމީހުންގެ ޢަޤީދާ އާއި އުޅުން އިޞްލާޙު ކުރުމަށް އެބައިމީހުންގެ ތެރެއިން އާދަމުގެ ދަރިޔަކު ފޮނުއްވުމަކީ މުޞްތަޙީލު ކަމެއް ކަމުގައެވެ. އޭގެ ބަދަލުގައި އެމީހުންގެ ގާތަށް ﷲ ގެ ރަސޫލަކު ފޮނުއްވާނޭ ނަމަ ފޮނުއްވާނީ މަލާއިކަތެއް ކަމަށެވެ.
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް