މީސްތަކުންގެ ތެރެއިން ގިނަބަޔަކުވަނީ ރިބާކެއުމުގެ ނުބައިކަން ބަޔާންވުމުން އެކަމުން ދުރުވެފައެވެ. ނަމަވެސް އެއަށްވުރެން ނުބައިވެގެންވާ ކަމެއްގެ މަތިން ހަނދާން ނައްތާލާ ފަރުވާކުޑަކޮށްފައެވެ. އެއީ ޣީބަބުނުމެވެ.
وعن سعيد بن زيد – رضي الله عنه – عن النبي صلى الله عليه وسلم قال : ( مِنْ أَرْبَى الرِّبَا الِاسْتِطَالَةُ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ ) . [رواه أبو داود ، والبيهقي في شعب الإيمان وصححه الألباني]
ސަޢީދު ބުން ޒައިދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން އެންމެ ބޮޑުވެގެންވާ ރިބާއަކީ މުސްލިމަކު އޭނާގެ މުސްލިމް އަޚާގެ އަބުރަށް ޙައްޤަކާ ނުލާ އަރައިގަތުމެވެ."
(ޙަދީޘް ރިވާކުރެއްވީ އަބޫދާވޫދު އަދި ބައިހަޤީ، ޝުޢަބުލް އީމާން ކިޔުނު ފޮތުގައި)
ލޮބުވެތި އަޚާއެވެ! ޣީބަބުނުމަކީ ތިބާގެ އަޚާގެ ކިބައިގައިވާ އޭނާ ނުރުހޭ ކަމެއްގެ ވާހަކަ ދެއްކުމެވެ. އެކަމަކީ އޭނާގެ ނަސަބާއި އަޚުލާޤާއި ފޭރާމާއި އަދި ޖިސްމާނީ ގޮތުން ހުރިކަމެއްގެ ވާހަކަ ކަމުގައި ވީނަމަވެސް ނޫނީ, ދީނީ ކަންކަމަށް ފަރުވާކުޑަކުރުން ކަމުގައި ވީނަމަވެސް އޭނާ ނުރުހޭ ފަދަ ވާހަކައެއް ޒިކުރުކުރުން ކަމުގައިވާނަމަ އެކަން ވެގެންދާނި ޣީބަބުނުމުގެ ތެރެއިންނެވެ.
ޖިސްމާނީ ގޮތުން: އެގޮތުން ބަލާއިރު ލޯފަން، ކުރު، ކަޅު، އެފަދަ ނުރުހޭ ސިފަތަކުގެ ވާހަކަ ދެއްކުން ހިމެނެއެވެ. ނަމަވެސް މިސިފަތަކުން ނޫން ގޮތަކަށް އެއީ ކާކުކަން ބަޔާންވެގެން ނުވާނަމަ، ނޫނީ މީސްތަކުންނަށް އެގޮތުންނޫނީ އެއީ ކާކުކަން ނޭނގޭނަމަ އެފަދަ ސިފަތަކުން ބަޔާން ކުރުން އެއީ ޣީބަ ބުނުން ކަމުގައި ނުވާނެއެވެ.
ނަސަބުގެ ގޮތުން: މީހާގެ ނަސަބަށް ރައްދުވާ ގޮތަށް ތަފާތު ފާޑުގެ، ނުރުހޭ ނަންތައް ބޭނުން ކުރުމާއި ނަސަބަށް ހުތުރު ވާފަދަ ބަސްތަށް ބޭނުން ކުރުން ހިމެނެއެވެ. މިސާލަކަށް: ތިބާގެ ބައްޕަޔަކީ މިވެނި އެވެނި ކަހަލަ މީހެކެވެ. ނޫނީ ފާސިގެކެވެ. އެފަދައިން ނަސަބު ކިލަނބުވާފަދަ ހުތުރު ބަސްތައް ބޭނުން ކުރުމެވެ.
އަޚުލާޤީ ގޮތުން: އެއީ ޚުލްޤު ނުބައިމީހެއް، ދަހިމީހެއް، ކިބުރުވެރިމީހެއް، ރުޅިގަދަމީހެއް، އިސްރާފުކުރުން ބޮޑު މީހެއް، ވިސްނުމެއް ފިކުރެއްނެތްމީހެއް، މިފަދަ ބަސްތައް ވެގެންދާނީ އެރައްދު ކުރެވުނު މީހާގެ ޣީބަ ބުނުންކަމުގައެވެ.
ދީނާ ގުޅުންހުރި ކަންކަމާ ގުޅުވައިގެން: އެއީ ދޮގުވެރިއެއް ޚިޔާނާތްތެރިއެއް، ރާބޯމީހެއް، ނަމާދަށް ފަރުވާކުޑަމީހެއް، މައިންބަފައިނަށް އޯގާތެރި ނުވާމީހެއް، ރަނގަޅަށް ނަމާދު ކުރަން ނޭނގޭމީހެއް، ދުލުން ހެޔޮ އެއްޗެއްކިޔަން ނޭނގޭމީހެއް، މިފަދައިން ބުނާ ބަސްތައް ވެގެންދާނީ ޣީބަބުނުމުގެ ތެރެއިންނެވެ.
ދުނިޔެވީ ކަންކަމާ ގުޅޭގޮތުން: "އެއީ އަދަބުކުޑަ މީހެއް، މީސްތަކުންނަށް ކަމޭނުހިތާ އިހާނާތްތެރި މީހެއް، އޭނާގެ ކިބައިގައި އެއްވެސް ރަނގަޅުކަމެއް ނުވޭ، އެއީ މީސްތަކުންގެ ޙައްޤުތައް އަދާނުކުރާ މީހެއް، އެއީ ވަރަށް އަނގަ ގަދަ މީހެއް، އެއީ ނިދަންނުވާ ގަޑިތަކުގައި ނިދާ މީހެއް،" މިފަދަ އޭނާ ނުރުހޭ ވާހަކަތަކުން އަޚާ ފަޟީޙަތް ކުރާ މީހާއަށް އެބުނެވެނީ ޣީބައެވެ.
ފޭރާމާ ގުޅޭގޮތުން: އޭނާގެ ހެދުން ހާދަ ދިގެވެ. ހާދަ ނުބައި ވަސްދުވާ ހެދުމެއް، ހާދަ ހަޑި ހެދުމެއް، މިފަދަ ބޭރުފުށުން ފެންނަކަންކަމަށް ބެލުމަށްފަހު އެއަޚާގެ ހުރިހާކަމެއްގެ މައްޗަށް ހުކުމްކޮށް ޣީބަބުނެހަދައެވެ.
- އައްޝައިޚް އަޙްމަދު ޚާލިދު