"އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ."

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
"އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ."

އަހުރެން ފުރަތަމަ ބަޔާންކުރާނީ ކުޑަކުޑަ މިސާލެކެވެ. ކޮރޯނާއަކީ ﷲ ތަޢާލާ ފޮނުއްވަވާފައިވާ މުޞީބާތެކެވެ. މޫނުގައި މާސްކޭ ކިޔާ ފޮތުގަނޑެއް އަޅައިގެން މިއުޅެނީ ކޮރޯނާ ޖެހިދާނެ ކަމަށް ބިރުގަންނާތީ އެއިން ސަލާމަތްވުމަށެވެ. އެބިރު ނުގަންނަނަމަ އެތައް ތަކްލީފެއް އުފުލަންޖެހޭއިރުވެސް އެ ފޮތިގަނޑު މޫނުގައި އައްސައި މޫނުގެ ބޮޑުބައެއް ފޮރުވަނީ ކީއްކުރަންހެއްޔެވެ؟ 

މިއުޅެނީ މާސްކްއަޅާތީ އެވާހަކަދައްކާކަށް ނޫނެވެ. މިއުޅެނީ އާޚިރަތް ދުވަހަށް ބިރުވެތިނުވެވޭ ވާހަކަ ދައްކަންވެގެންނެވެ. އާޚިރަތް ދުވަސް އަންނާނެކަމާއި ޙިސާބުބެލެވޭނެ ކަމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ނުބެހެއްޓިއްޖެނަމަ ނަރަކައަށް ވަންނަން ޖެހިދާނެކަން ޤަބޫލުކުރެވޭނަމަ އެކަމަށް ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ބިރުގަންނަނަމަ ﷲ ތަޢާލާ އަނގަވާފައިވާ ގޮތް ނޫން ގޮތްގޮތަށް ޢަމަލުކުރަން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟  

މީސްތަކުންނޭވެ! އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެހެންވެ އާޚިރަތް ދުވަސް އަންނާނެކަމަށް އިންކާރުނުކުރުމަކުން އަދި ނުފުދެއެވެ. ފުދޭނީ އާޚިރަތް ދުވަސް އަންނާނެތީ ހިސާބު ބައްލަވާނެތީ އަދި ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަނެ ޢަމަލުކުރުމުންނެވެ. ނޫންނަމަ އެމީހަކީ އާޚިރަތް ދުވަހަށް އީމާންވާމީހަކަށް ވެވޭނީ ވެސް ކިހިނަކުންހެއްޔެވެ؟  

"ކަލޭގެފާނު ކަމަކާމެދު ޢަޖާއިބު ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް ޢަޖާއިބުވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ." (އައް ރަޢްދް: 5)  

އަޚިރަތް ދުވަހަށް އީމާންވާކަން ޢަމަލުން ނުދައްކާނަމަ މިއާޔަތުގައި ބަޔާންކުރައްވަވާފައިވާ ކާފިރުންނާއި ތިމާއާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލާށެވެ! "--- އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ." އޮތް ބަސްފުޅު ތިމާއަށް ރައްދުނުވާކަން ޔަޤީންކުރާށެވެ! މާނައަކީ ތިމާއަކީ އެފަދަ މީހަކު ނޫންކަން އަމިއްލައަށް ކަސަވަރުކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން