"ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." (އައްޛާރިޔާތު: 55)
ރަސޫލް ﷺ، އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުން ނަމާދަށް ހޭލެއްވެވިއެވެ. އަހަރެމެންގެ ތެރެއިން އެކަން ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިސާލަކަށް ބުނާނަމަ ރަމަޟާން މަސް އައުމުން ހާރުކާން އަނބިދަރިންނަށް ގޮވަމުއެވެ. އަނބިން ފިރިންނަށްވެސް ގޮވައި ހޭލައްވައެވެ. ނަމަވެސް ދަމުނަމާދަށް ހޭލައްވަމުހެއްޔެވެ؟
ކޮންމެއަކަސް އެހީތެރިވުމުގައި ފުރަތަމަ އިސްކަން ދޭން ޖެހެނީ އަމިއްލަ ޢާއިލާއަށް ފަދައިން އަޅުކަން ކުރުމަށް ހަނދާންކޮށްދިނުމުގައިވެސް ފުރަތަމަ ހަނދާންކޮށްދޭންޖެހޭނީ އަމިއްލަ ޢާއިލާއަށެވެ. ނަމާދަށް ދާންވީ ޢާއިލާގެ އެންމެން ގޮވައިގެންނެވެ. ގޭގައި ކުރާ ނަމާދުތައްވެސް ކުރަންވީ ޢާއިލާގެ އެންމެން ގޮވައިގެންނެވެ.
އެންމެ ފުރަތަމަ އިޞްލާޙްކުރަންޖެހެނީ އަމިއްލަ ނަފުސު ފަދައިން އަމިއްލަ ނަފްސަށްފަހު އެންމެ ބޮޑަށް މަސައްކަތްކުރަންވީ އަމިއްލަ ޢާއިލާ އިޞްލާޙް ކުރުމަށެވެ. މިކަމުގެ ސަބަބުވެސް ބުނެފާނަމެވެ. އެމީހެއްގެ އަނބިދަރިން ނަމާދު ނުކުރާކަން އެހެން މީހުންނަށް އެނގޭނަމަ އެހެން މީހުން ނަމާދުކުރަން އެމިހާ ބުނާ ބުނުމުގެ އަޑުއަހަން އެހެން މީހުންނަށް ފަސޭހައެއް ނުވާނެއެވެ.
މިއަދު އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލައަކީ ޢާއިލީ ޒިންމާ ހަނދާން ނައްތައިލުމެވެ. ޢާއިލީ ޒިންމާ ނަގާނަމަ މިސްކިތްތަކުން ފެންނަ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެއެވެ. ކޮންމެ މީހަކީވެސް މަސްއޫލްވެރިއެއް ކަމަށް އޮތް ބަސްފުޅަށް އިތުރަށް ވިސްނާށެވެ! ޖަވާބުދާރީވާން ނުޖެހިއެއް ނުދާނެއެވެ!
އަމިއްލަ ޢާއިލާ ވެސް ހިމެނޭ ގޮތުން ގިނަގިނައިން ހަނދާންކޮށްދޭށެވެ! އެއީ ﷲގެ އަމުރުފުޅެކެވެ! މަތިވެރި އަޅުކަމެކެވެ! އެކަމަށް އޮތް ވަޙީ ބަސްފުޅު ކުރިން މިބަޔާންކުރީއެވެ. އަމިއްލަ ޢާއިލާގެ އިތުރުން ވީހާގިނަ ބައަކަށް ހެޔޮ އަމަލުކުރަން އެހީތެރިވާށެވެ! އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ
އިސްލާމީ ތިލަފަތުގެ ދަރުސަކުން