މުޢުޖިޒާތް ފާޅުކުރެއްވުން:
ޘަމޫދުބާގައިގެ މީސްތަކުންގެ ކުރިން، ދުނިޔޭގައި އުޅުނު މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި، މާތްالله سبحانه وتعالى، ވަނީ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވާފައެވެ. އެބޭކަލުންގެ ރިސާލަތުގެ ތެދުކަން ކަށަވަރު ކޮށްދެއްވުމަށްޓަކައި ތަފާތު މުޢުޖިޒާތްތައްވަނީ ދެއްވާފައެވެ. އެކަން ޘަމޫދުބާގައިގެ މީސްތަކުން ރަނގަޅަށް ދަނެއެވެ. އެހެންކަމުން އެބައިމީހުން އެދުނީ صالح عليه السّلام ގެ ރިސާލަތުގެ ތެދުކަން ކަށަވަރު ކުރުމަށްޓަކައި މުޢުޖިޒާތެއް ދެއްކެވުމަށެވެ.
ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޘަމޫދު ބާގައިގެ ބޮޑުން އެއް ދުވަހަކު ސައްލާ ކުރަން ތިއްބައި އެ ތަނަށް صالح عليه السّلام ވަޑައިގަތެވެ. އެކަލޭގެފާނުގެ އެ މަޖިލީހުގައި މާތްالله سبحانه وتعالى، ގެ އެއްކައުވަންތަކަމަށް ދަޢުވަތު ދެއްވިއެވެ. އީމާން ނުވެއްޖެނަމަ، އެމީހުންނަށް އާޚިރަތުގައި ހުރި ގެއްލުމާއި ހަލާކުވެ ވާހަކައިން އިންޒާރު ކުރެއްވިއެވެ. އެހިނދު އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ.
"ކަލޭގެފާނަކީ ޙަޤީޤަތުގައި ވެސް ނަބީބޭކަލެއް ކަމުގައިވާނަމަ، މިހިރަ ހިލަ ފަރުބަދައިން އަންހެން ޖަމަލެއް އުފައްދަވައި ނެރެދެއްވާށެވެ! އެ ޖަމަލުގައި ހުންނަންވީ އެވެނި މިވެނި ސިފަތަކެކެވެ."
صالح عليه السّلام ވިދާޅުވިއެވެ. "ތިޔަބައިމީހުން ތިޔަ އެދޭ ކަންތައް ފުރިހަމަވެއްޖެނަމަ، ﷲ ގެ އެއްކައުވަންތަކަމަށް އީމާންވާނަން ހެއްޔެވެ؟" އެބައިމީހުން އާދޭހޭ، ދެންނެވިއެވެ.
ދެން، صالح عليه السّلام މީސްތަކުންނާ ވަކިވެވަޑައިގެން، މާތްالله سبحانه وتعالى، ގެ ޙަޟްރަތަށް މުނާޖާ ދެންނެވިއެވެ. ނަމާދުފުޅު ކުރައްވައި ދުޢާ ދެންނެވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން އެދުނު ފަދައިން، ހިލަ ފަރުބަދައިގެ ތެރެއިން އަންހެން ޖަމަލެއް ޚަލްޤު ކުރައްވައި ނެރެދެއްވުމަށެވެ.
{އާރލީ ޑޭސް، އިބްނު ކަޘީރު، ތަރުޖަމާ ދާރުއްސަލާމް، 2010،ޞަފްޙާ 229 އަދި 230}
މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަލްޤަމަރު ސޫރަތުގެ 27 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ ﴿٢٧﴾
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް امتحان އެއްގެ ގޮތުގައި އަންހެން ޖަމަލެއް (ނެރުއްވައި) ފޮނުއްވާހުށީމެވެ. ފަހެ، ކަލޭގެފާނު އެއުރެން ކަންކުރާގޮތް ބައްލަވައި انتظار ކުރައްވާށެވެ! އަދި ކެތްތެރިވެވަޑައިގަންނަވާށެވެ!"
ދެންފަހެ، صالح عليه السّلام ގެ ދުޢާފުޅު އިޖާބަކުރައްވައި، ޘަމޫދުބާގައިގެ މީސްތަކުންނަށް މުޢުޖިޒާތެއްގެ ގޮތުގައި މާބަނޑު އަންހެން ޖަމަލެއް ހިލަފަރުބަދަ ތަކުގެ ތެރެއިން ނެރުއްވައި ދެއްވިއެވެ. އެބައިމީހުން އެދުނު ހުރިހާ ސިފައެއް އެޖަމަލުގައި ހުއްޓެވެ. އެބައިމީހުންގެ ހަމަލޮލަށް މިދެންނެވި އިންކާރު ނުކުރެވޭނެ ފަދަ މުޢުޖިޒާތް ފެނުމަށްފަހު ބަޔަކު މީހުން އެކަލޭގެފާނަށް އީމާންވިއެވެ. ނަމަވެސް، ގިނަ މީސްތަކުން އީމާންނުވެ ޢަދާވާތްތެރިކަމުގައި ދެމިތިބީއެވެ.
{އާރލީ ޑޭސް، އިބްނު ކަޘީރު، ތަރުޖަމާ ދާރުއްސަލާމް، 2010،ޞަފްޙާ 230}
ޘަމޫދުބާގައިގެ މީސްތަކުންނަށް މުޢުޖިޒާތެއްގެ ގޮތުގައި އެ އަންހެން ޖަމަލު ޚަލްޤުކުރައްވައި ނެރެދެއްވީ، އެ ޖަމަލާ މެދު ވަކި ގޮތަކަށް މުޢާމަލާތް ކުރުމަށް އަންގަވައިފައެވެ. ވަކި ގޮތަކަށް ސުލޫކު ބެހެއްޓުމަށް ޢަމުރު ކުރައްވައިފައެވެ. އެއީ އެބައިމީހުން އިމްތިހާނު ކުރެއްވުމުގެ ގޮތުންނެވެ. ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 64 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَيَا قَوْمِ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ ﴿٦٤﴾
މާނައީ: "އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެތްކެއްގެ ގޮތުގައި އޮތް اللَّه ގެ جمل އެވެ. ފަހެ، اللَّه ގެ ބިމުގައި، އެ جمل ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ عذاب އެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ."
މިދެންނެވި، ކަންތައްތަކުގެ އިތުރަށް، އެބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައިފައިވަނީ ފެންވަޅުން ނުވަތަ ފެންކޯރުން އެއްދުވަހު އެބައިމީހުން ފެންބުއިމަށެވެ. އަނެއް ދުވަހު، ޖަމަލު ފެންބުއިމަށް ދޫކޮށްލުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ސޫރަތުއް ޝުޢަރާއު 155 ވަނަ އާޔަތާއި 156 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ هَـٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ ﴿١٥٥﴾ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ ﴿١٥٦﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذاب އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ."
އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ، އޭނާ ލިޔުއްވި ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އެ ޖަމަލު ދުސްވަސްކޮޅަކުން ވިހައިފިއެވެ. އެ ޖަމަލާއި އެޖަމަލުގެ ދަރި އެބައިމީހުންގެ ތެރޭގައި އުޅެމުން ގެންދެއެވެ. އެޖަމަލު އެބައިމީހުންގެ ވަޅުން އެއްދުވަހު ފެންބުއިމަށްފަހު އަނެއް ދުވަހު އެބައިމީހުން ފެންބުއިމަށް ދޫކުރެއެވެ. ޖަމަލު ވަޅުން ފެންބޯދުވަހު، އެބައިމީހުންނަށް އެ ޖަމަލުގެ ކިރު ލިބެއެވެ. އެބައިމީހުން އެ ޖަމަލުގެ ކިރު ނަގައި އެބައިމީހުންގެ ކަންވާރުތައް ފުރާލައެވެ.
އަދި އެޖަމަލު ޘަމޫދުބާގައިގެ މީސްތަކުންގެ ވިނަދަނޑު ތަކުން ވިނަ ކައި އުޅެއެވެ. އެ ޖަމަލަކީ ވަރަށް ބިޔަ ބޮޑު ޖަމަލެކެވެ. ވަރަށް ރީތި ޖަމަލެކެވެ. އެ ޖަމަލު އެބައިމީހުންގެ ނަޢަމު ސޫފިތަކުންގެ ކައިރިން ދާނަމަ އެ އެސޮރުމެން ބިރުން އުޅެއެވެ. ކޮންމެއަކަށް ދުވަސްތައް ފާއިތުވަމުންގޮސް، އެބައިމީހުންގެ ޢަދާވާތްތެރިކަން ބޮޑުވެއްޖެއެވެ. އަދި ޖަމަލު މަރާލުމަށް އެބައިމީހުން އެއްބަސްވެ ނިންމިއެވެ.
{ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަންގެ 4 ވަނަ ޖިލްދުގެ 102 ވަނަ ޞަފްޙާ އަދި 103 ވަނަ ޞަފްހާ}
- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް