ސިފައަށް ފާޑުކިޔުން ހުއްޓުވޭނެ ގޮތާ ސުވަރުގެ ވަނުމުގެ ތަޅުދަނޑި ލިބޭނެ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ސިފައަށް ފާޑުކިޔުން ހުއްޓުވޭނެ ގޮތާ ސުވަރުގެ ވަނުމުގެ ތަޅުދަނޑި ލިބޭނެ މަގު މިއޮތީ!

ފުރަތަމަ ކޮށްލަން ބޭނުމީ ސުވާލެކެވެ! އެއީ އެންމެންނަށް ސިފަރީތި މީހަކީ ކާކުހެއްޔެވެ؟ އެމީހަކު ދުނިޔޭގައި އެބަހުރިހެއްޔެވެ؟ ނުވަތަ އެފަދަ މީހަކު ދުނިޔޭގައި އުޅުނު ހެއްޔެވެ؟

ބައެއް މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެމީހުންގެ ސިފަ ހުތުރުކަމަށް ބުނެ މީހުން ކުރާ މަލާމާތެވެ! ބައެއް މީހުން ބުނެއެވެ. "މީސްތަކުން މަލާމާތް ކުރާތީ ވަރަށް ހިތުގައި ޖެހެއެވެ. ލަދުވެސް ގަނެއެވެ. އަހަރެންނަށް މީހުން އިހްތިރާމެއް ނުކުރެއެވެ. ބަލައެއްވެސް ނުގަނެއެވެ. އެމީހުން ބޭނުންވަނީ ރީތި މީހުންނެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟"

މިފަދަ ކަންބޮޑުވުންތައް ހުރި މީހުންނަށް ބުނަން އޮތީ ފުރަތަމަ ކަމަކަށް އެންމެންވެސް ދުނިޔެއަށް ފޮނުއްވަވަނީ ﷲ ތަޢާލާއެވެ. ކޮންމެ މީހކަށް ސިފަ ދެއްވަވަނީ ވެސް ﷲ ތައާލާއެވެ. އެމީހަކު ބޭނުންވާ ސިފައެއްގައި އުފަންވި ހަމަ އެކަކުވެސް ނުހުންނާނެއެވެ. ވީމާ ފުތަމަ ކަމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ސިފަ އެމީހަކު ބަލައިގަތުމެވެ. އެމީހަކަށް އެމީހާގެ ސިފަ ރީތިވުމެވެ. އެމިހާގެ ސިފަ އެމީހަކަށް ރީތިނުވާނަމަ އެކަމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

ދެވަނަ ކަމަކީ އަހަރެމެން އެންމެން ވެސް މަސައްކަތް މިކުރަނީ ސުވަރުގެ ވަނުމަށެވެ. އެއްވެސް މީހެއްގެ ސިފައަކީ ސުވަރުގެ ވަނުމަށް އެންމެ މާރކްސްއެއްވެސް ލިބޭ ކަމެއް ނޫނެވެ. ސުވަރުގެ ވަނުމަށް ބޭނުންވާ ހުރިހާ މާރކްސް އެއްވެސް ލިބެން އޮތީ ހިތުގެ ޠޯހިރުކަމުންނެވެ. ޢަމަލުތަކުގެ ޠޯހިރުކަމުންނެވެ. ދުލުން ބުނި ބަސްތަކުގެ ޠޯހިރުކަމުންނެވެ. ހުރިހާ ކަމެއް ޖުމުލަކޮށްފައި ބުނާނަމަ ތަޤްވާވެރިކަމުންނެވެ. ހެޔޮ އަމަލުތައް ކުރި މިންވަރަކުންނެވެ.

ސިފައަށް މީހުން ފާޑުކިޔާތީ ޚަރަދުކުރަންވީ އެމީހުން ބޭނުންވާ ސިފައަށް ބަދަލުވާކަށް ނޫނެވެ. މިގޮތަށް އަމަލުކުރާށެވެ! އެއިރުން ފާޑުކިޔުން ހުއްޓައިލާނެއެވެ.

ތިބާގެ މޫނުގައި ނުވަތަ ގައިގައި ލަފެއް އިނުން ނުވަތަ ނުވަތަ އެނޫންވެސް އެފަދަ ކަމެއް ފާހަގަކޮށްފިނަމަ އެއިންނާތީ ތިމަންނާއަށް ވަރަށް ރީތި ކަމަށް ބުނާށެވެ! ގައިގެ ކުލަ ކަމުނުދާކަމަށް ބުނެފިނަމަ މި ކުލަ ތިމާއަށް ވަރަށް ރީތި ކަމަށް ބުނާށެވެ. އުފެދުމުގައި ހުރި އުނިކަމަކުން ކޮރެއްލަމުން ހިނގަން ޖެހުން ފަދަ ކަމެއް ހުންނާތީ މީހަކު ބަހެއް ބުނެފި ނަމަ މިގޮތަށް ހިނގަން ވަރަށް ފަސޭހަކަމަށް ވެސް ބުނާށެވެ!

މިބުނެދިން ގޮތަށް އަމަލުކުރާނަމަ ފާޑުކިޔުން ހުއްޓައިލާނެއެވެ. އޮޅިގެންވެސް އެހެން މީހަކާއި ދިމާއަށް އެމިހާގެ ސިފަ ހުތުރު ކަމަށް ނުބުނާށެވެ! ތިމާގެ ސިފަ ތިމާއަށް ހަމަ ވަރަށް ރީތިކަމަށް ބުނާށެވެ! އެހެން މީހުން އެދޭ ގޮތަށް ތިމާގެ ބޭރުފުށުގެ ސިފަ ބަދަލުކުރަން ކުރާ ޚަރަދުތަކަކީ ހަމަ މުޅިން އިސްރާފެވެ. ފައިދާކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިތް ބަދަލުކުރަން މަސައްކަތް ކުރުމުންނެވެ. ސުވަރުގެ ވަނުމުގެ ތަޅުދަނޑިއަކީ އެއީއެވެ. އިން ޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން