ބަލައިދޭނެ ދަރިން، ތިމާގެ މީޙުން ނެތް މީހުން އެމީހުން މަރު ދުވަހަށް ރަނގަޅު ގޮތުގައި ބަލައިދިނުން ޝަރުޠުކޮށް އެމީހުންގެ ގެއާއި ގޯތި މީހުންނަށް ދިނުމަކީ މާލޭގައި ކުރިންސުރެ ކުރަމުން އަންނަ ކަމެކެވެ.
އެގޮތުން މީހަކު ބަލައިދޭނެ ކަމަށްބުނެ ގެއާއި ގޯތި ހޯދުމަށްފަހު ގޭގެ ވެރިފަރާތް ނުބެލި މީހަކު އެގޭގެ ވެރިމީހާ މަރުވުމުން އެގޭގައި ދިރިއުޅެމުން އައީ އެކަންޏެވެ. އަނބިމީހާ ވަރިކޮށްފައި ހުރުމުން ކުދިން ދިރިއުޅެމުން އައީ އަނބިމީހާ އާއިއެކުގައެވެ.
ކުދިންގެ ބައްޕަ ލޮލަށް ނުފެންނަތާ 2،3 ދުވަސްވުމުން ކުދިން ގާތު ބުނެގެން އެގެއަށް ފޮނުވައިގެން ބެލިއިރު އޭނާ އޮތީ އެކަނި އޮވެ މަރުވެ ލޮލަށް ހިނިއަރައިފައެވެ. ބުނެވޭގޮތުން ގެއާއި ގޯތީގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރެވުނުފަހުން އެމީހާ އާއިމެދު ކަންކަން ކޮށްފައިވަނީ ވަރަށް ގޯސްކޮށެވެ. ބަލިވުމުން ޑޮކްޓަރަކަށް ނުދައްކައެވެ. ކާންދީހެދީ އޭނާގެ ބަލިޙާލާއި ގުޅޭ ގޮތަކަށް ނޫނެވެ.
"ޙަޤީޤީ ޙާދިސާ"ގެ ސިލްސިލާގައި މިވާހަކަ ހިމަނާލަން އަޅުގަނޑު ބޭނުންވީ މިއީ ވެސް ޙަޤީޤީ ޙާދިސާއަކަށްވެފައި ޢިބްރަތްތެރި ކަމަކަށްވާތީއެވެ. އެމީހާ އޭނާގެ ގެއާއި ގޯތި ދޭނީ އެމީހާގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓައިދޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމާއިއެކުގައެވެ. އެހެންނަމަވެސް ވައުދާއި އަހުދު އުވާލުމުން އެގޭގައި މާގިނަ ދުވަހު އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ނުދެއްވެވީއެވެ.
މިއީ ހަމަ ވަރަށްފަހުން މާލޭގައި ހިނގާފައިވާ ކަމެކެވެ. ވިސްނާލަންވީ ޙައްޤު ނޫން ގޮތުގައި މީހުންގެ ގެދޮރާ ބިން އަދި މުދައު ހޯދައިގެން އުފަލުގައި ދިރިއުޅެން ބޭނުންވިނަމަވެސް އެކަން އެހެން ނުވާނެ ކަމެވެ. ޙައްޤު ޖަޒާ އެމީހަކާއި ބައްދަލުކުރާނެ ގޮތް ޚިޔާލަށްވެސް ގެންނަން ނުއެނގޭނެ ކަމެވެ. އެކަމުގައި އެމީހަކަށް ލިބެންވާ ޖަޒާ މިދުނިޔޭގައި ނުދެއްވެވި ނަމަވެސް އާޚިރަތް ދުވަހު ދެއްވަވާނެ ކަމެވެ. އަދި ދެދުނިޔޭގައިވެސް ދެއްވަވާނެ ކަމެވެ.
ކޮންމެއަކަސް މަކަރާ ޙީލަތްހަދައިގެން މީހުންގެ ޙައްޤުތަކަށް އަރައިގަތުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ބިރުވެތިވަމާތޯއެވެ!
- ޢަލީ ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް