ރަސޫލް ޞޢޥ, ޘަމޫދުބާގައިގެ މީހުން ދިރިއުޅުނު ސަރަޙައްދުން ވަޑައިގަންނަވާނަމަ، އެ ތަންތަނަށް ނުބައްލަވަން އިސްދަށަށް ޖައްސަވައި ސަވާރީގެ ދުވެލި ހަލުވި ކުރައްވާ!

މިއަދު
ކިޔުމަށް ހޭދަވާނީ 11މ 36ސ
ރަސޫލް ޞޢޥ, ޘަމޫދުބާގައިގެ މީހުން ދިރިއުޅުނު ސަރަޙައްދުން ވަޑައިގަންނަވާނަމަ، އެ ތަންތަނަށް ނުބައްލަވަން އިސްދަށަށް ޖައްސަވައި ސަވާރީގެ ދުވެލި ހަލުވި ކުރައްވާ!

ޖަމަލު މަރައިލުން:

ޖަރީރުއްޠަބަރީ ރަޙިމަހުއްﷲ،  އާއި އެހެން މުފައްސިރުން ރިވާ ކުރައްވައިފައިވެއެވެ. "ޘަމޫދުބާގައިގެ މީސްތަކުންގެ ތެރޭގައި ދެ އަންހެނަކު އުޅުނެވެ. އެ ދެ އަންހެންނުންގެ ތެރެއިން އެކެއްގެ ނަމަކީ صدوف އެވެ. އެއީ محيا بن زهير بن المحيا އޭ ކިޔުނު މީހެއްގެ ދަރިއެކެވެ. މިއަންހެން މީހާއަކީ އެމީހުންގެ ތެރެއިން ނަސަބުން އަރާއިން އަންހެނެކެވެ. ވަރަށް ބޮޑު މުދާވެރިއެއް މެއެވެ. މީނާ އޭނާގެ ފިރިމީހާ އިސްލާމްވުމުން އޭނާގެ ގާތުން ވަރިވީއެވެ. އަދި، އޭނާގެ ދެބެންގެދެދަރި މީހެއްގެ ގާތަށް ގޮސް ބުންޏެވެ. "صالح عليه السّلام ގެ އަންހެން ޖަމަލު މަރާލައިފިނަމަ އަހަރެން ކަލޭގެއާ ކާވެނިކުރާނަމެވެ."  މި ފިރިހެންމީހާގެ ނަމަކީ مصدع بن مهرج بن المحيا އެވެ.

ދެވަނަ އަންހެންމީހާގެ ނަމަކީ عنيزة بنت غنيم بن مجلز އެވެ. އޭނާގެ ކުންނިއްޔަތަކީ أم عثمان އެވެ. އޭނާއަކީ ވަރަށް މުސްކުޅި އަންހެނެކެވެ. ކާފަރުކަމުގައި ޙައްދުފަހަނަ އަޅައިފައިވާ އަންހެނެކެވެ. އޭނާގެ ފިރިމީހާއަކީ ޘަމޫދުބާގައިގެ މީސްތަކުންގެ ތެރެއިން ބޮޑެކެވެ. މިއަންހެން މީހާގެ ވަރަށް ރީތި ހަތަރު އަންހެން ދަރިންތިބެއެވެ. އޭނާގެ  ހަތަރު އަންހެންދަރިން قدار بن سالف އޭ ކިޔުނު މީހަކަށް ދައްކައިފައި ބުންޏެވެ. "صالح عليه السّلام ގެ އަންހެން ޖަމަލު މެރުމަށްފަހު އެތަނުން ކަލޭގެ ހިތްރުހޭ ކުއްޖަކާ ކާވެނި ކުރާށެވެ."

މިދެ އަންހެނުންގެ ބަހަށް ހެއްލި މި ދެފިރިހެނުން އެ ޖަމަލު މެރުމަށް ނުކުތެވެ. މިބައިމީހުންގެ މަސައްކަތަށް އިތުރު ހަތްމީހަކު ހޯދައި އެއްކޮށް ޖުމްލަ ނުވަ މީހުންގެ ޖަމާޢަތެއް އެއްކުރިއެވެ. މިބައިމީހުން މީސްތަކުންނަށް އެ ޖަމަލު މެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކިޔައިދީ، އެޖަމަލު މެރުމުން ދެން ވާނޭ ފަސޭހަތައް މީހުންގެ ހިތުތެރެއަށް، ވައްދައިދީގެން މީސްތަކުން ހައްލައިލައިފިއެވެ. ދެން މި މީހުން ޖަމަލު ފެންބޯން އަންނަ ތަނުގައި ބޮނދައިގެންތިބެފައި، އެ ޖަމަލު އައުމުން مصرع بن مهرج ފިލާއޮވެފައި ޖަމަލުގެ ކަރަށް ތީރު ޖަހައިފިއެވެ. ހަމައެވަގުތު قدار بن سالف އައިސް ކަނޑިން ޖެހިޖެހީނުން އެ ޖަމަލު ޛަބަޙަކޮށްފިއެވެ."

{ތަފްސީރު އިބްނު ކަޘީރު އިންލިޝް އެޑިޝަން 4 ވަނަ ޖިލްދުގެ 104 އަދި 105 ވަނަ ޞަފްޙާ/ އަލްބިދާޔާ ވައްނިހާޔާ ޢަރަބި އެޑިޝަން، 1 ވަނަ ޖިލްދުގެ 313 ވަނަ ޞަފްޙާ}

ކޮންމެއަކަސް، މާތްالله سبحانه وتعالى، ގެ ކޯފާ އަށް ބިރުވެތިވުމެއްނެތި، އެބައިމީހުން އެ ޖަމަލު މަރައިލިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ޝަމްސު ސޫރަތުގެ 14 ވަނަ އާޔަތާއި 15 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ﴿١٤﴾ وَلَا يَخَافُ عُقْبَاهَا ﴿١٥

މާނައީ: "ފަހެ، އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުޅައޫއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލޫއެވެ. ފަހެ، އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް عذاب ފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ عذاب ގައި ހަމަހަމަ ކުރެއްވިއެވެ. އަދި އެ عذاب ގެ ނަތީޖާއާމެދު، އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ."

އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި، ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى الله عليه وسلّم ޙިޖްރާ އަރާހަމަވެވަޑައިގެންނެވި ހިނދު ޙަދީޘްކުރެއްވިއެވެ. 

لَا تَسْأَلُوا الْآيَاتِ ، وَقَدْ سَأَلَهَا قَوْمُ صَالِحٍ، فَكَانَتْ تَرِدُ مِنْ هَذَا الْفَجِّ ، وَتَصْدُرُ مِنْ هَذَا الْفَجِّ، فَعَتَوْا عَنْ أَمْرِ رَبِّهِمْ، فَعَقَرُوهَا ، وَكَانَتْ تَشْرَبُ مَاءَهُمْ يَوْمًا، وَيَشْرَبُونَ لَبَنَهَا يَوْمًا، فَعَقَرُوهَا، فَأَخَذَتْهُمْ صَيْحَةٌ أَهْمَدَ اللهُ مَنْ تَحْتَ أَدِيمِ السَّمَاءِ مِنْهُمْ، إِلَّا رَجُلًا وَاحِدًا كَانَ فِي حَرَمِ اللهِ “، قِيلَ: مَنْ هُوَ يَا رَسُولَ اللهِ ؟ قَالَ: ” هُوَ أَبُو رِغَالٍ، فَلَمَّا خَرَجَ مِنَ الْحَرَمِ أَصَابَهُ مَا أَصَابَ قَوْمَهُ { روى الإمام أحمد/ لحديث ذكره الهيثمي في مجمع الزوائد (6 / 194) / إِسْنَادُهُ صَحِيحٌ} 

މާނައީ: "ތިޔަބައިމީހުން ހެކިތަކާއި ބެހޭގޮތުން ސުވާލު ނުކުރާހުށިކަމެވެ. ހަމަކަށަވަރުން صالح عليه السّلام ގެ ޤައުމުގެ މީހުން ހެއްކާއިމެދު ސުވާލު ކުރިއެވެ. ފަހެ އެ ޖަމަލު ފެންބޯން މި މަގުން އާދެއެވެ. އަދި ފެންބޮއެގެން މި މަގުން ދެއެވެ. ދެންފަހެ ޘަމޫދުބާގައިގެ މީސްތަކުން މާތްالله سبحانه وتعالى ގެ އަމުރާއި ދެކޮޅުވެރިވެ ޖަމަލު ކަތިލިއެވެ. އެ ޖަމަލު އެބައިމީހުންގެ ފެންގަނޑުން އެއްދުވަހު ފެން ބޯކަމުގައި ވިއެވެ. އެދުވަހު އެބައިމީހުންނަށް އެ ޖަމަލުގެ ކިރު ލިބެއެވެ. އެބައިމީހުން އެޖަމަލު ކަތިލުމުން ގަދަފަދަ އަޑެއް އައިސް އެބައިމީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އުޑު ދަށުގައިވާ އެންމެ ހަލާކުވެގެންދިޔައެވެ. ހަލާކުން ސަލާމަތްވި މީހާ ވީ މާތްالله سبحانه وتعالى(ޙުރުމަތްތެރިކުރެއްވި) އެކަލާންގެ ޙަރަމްފުޅުގައެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަބޫ ރިޣާލް އެވެ. އޭނާ ޙަރަމްފުޅުން ނުކުތުމާއެކު އޭނާގެ ޤައުމަށް ޖެހުނުކަންތައް އޭނާއަށްވެސް ޖެހުނެވެ." 

ނޯޓް: (علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. “މި ހަދީޘަކީ އިމާމް މުސްލިމްގެ ޝަރުޠުތަކަށް ފެތޭ ޙަދީޘެކެވެ. ނަމަވެސް، އައްޝައިޚް އަލްބާނީ ވިދާޅުވެފައި ވަނީ މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމުގައެވެ. ބައްލަވާ صحيح قصص النبوي للدكتور عمر سليمان عبدالله الأشقر}

علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. "قدار بن سالف އެޖަމަލު މަރައިލުމުން ބޮނދައިގެންތިބި އެހެން މީހުންތައް އަވަސްއަވަހަށް ނިކުމެ އެ ޖަމަލު ކޮށާ ކުދިކުދި ކޮށްލިއެވެ. މި މަންޒަރު ބަލަން އެ ޖަމަލުގެ ފިރިހެންދަރި އޮވެފައި ދުވެގޮސް ފަރުބަދައެއްގެ ކުރިއަށް އަރައި ތިންފަހަރު ހިތާމައިގެ ރާގުގައި ހޭރިގަތެވެ. صالح عليه السّلام ވިދާޅުވިއެވެ. ތިންދުވަސް ވަންދެން ތިޔަބައިމީހުންގެ ގެތަކުގައި އުފާކުރާން ތިބޭށެވެ" އެދުވަހުގެ ރޭވެ އަނދިރިވުމުން އެމީހުން صالح عليه السّلام ޤަތުލުކޮށްލުމަށްވެސް އުޅެގަތެވެ. "

{އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ފުރަތަމަ ޖިލްދު}

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޞަޙާބީންނާއެކު ތަބޫކު ހަނގުރާމަ އަށް ކުރެއްވި ދަތުރުފުޅުގައި ޙިޖްރު (ޘަމޫދު ބާގައި މީހުން ދިރިއުޅުނު ސަރަޙައްދު) ގައި ޤާފިލާ މަޑުކުރެއްވިއެވެ. ޘަމޫދުބާގައިގެ މީސްތަކުން ފެން ބޮއެ އުޅުނު ފެންވަޅުތަކުން ޞަޙާބީ ބޭކަލުން ފެންފޮދު ހިއްޕެވިއެވެ. ޘަމޫދުބާގެ މީސްތަކުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި ޖަމަލު ފެންބުއި ފެންވަޅުގެ ގާތަށް ވަޑައިގެން  ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.  

"ތިޔަބައިމީހުން އެ ކަންކަމުން ޢިބްރަތް ލިބިގަންނާށެވެ. މާތްالله سبحانه وتعالى ގެ ކުޅަދުންވަންތަކަމާ މެދު ވިސްނައި ފިކުރުކުރާށެވެ. އެބައިމީހުންނަށް އެ ޖެއްސެވި ނިކަމެތި ޙާލާއިމެދު ރޮއި ހިތާމަކުރާ ހާލުގައި މެނުވީ، މާތްالله سبحانه وتعالى ގެ ޢަޛާބުގައި ހަލާކު ކުރެއްވި މީހުންތައް ދިރިއުޅުނު ގެދޮރުތަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އެ މީހުންނަށް އެ ފޮނުއްވި ޢަޛާބާ މެދު ބިރުވެތިވެ ނުވެނޭ ނަމަ، ތިޔަބައިމީހުން އެ ގެދޮރުތަކަށް ނުވަންނާށެވެ. އެއީ އެބައިމީހުންނަށް ޖެހުނު ފަދަ މުޞީބާތެއް ތިޔަބައިމީހުންނަށް ވެސް ޖެހިދާނެ ކަމަށްޓަކައެވެ."

{صحيح مسلم/كتاب الزهد والرقائق/باب لاَ تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ إِلاَّ أَنْ تَكُونُوا بَاكِينَ / ޙަދީޘް ނަންބަރު 2980}

އެހެން ބައެއް ރިވާޔަތްތަކުގައިވާ ގޮތުގައި، ކީރިތި ރަސޫލާ، صلّى اللّـه عليه وسلّم ޘަމޫދުބާގައިގެ މީސްތަކުން ދިރިއުޅުނު ސަރަޙައްދުން ވަޑައިގަންނަވާ ނަމަ، އެ ތަންތަނަށް ނުބައްލަވަން ވެގެން އިސްދަށަށް ޖައްސަވައި ސަވާރީގެ ދުވެލި ހަލުވި ކުރައްވައެވެ. 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން