އެއިރު އަޅުގަނޑުގެ އުމުރުން 8 އަހަރެވެ. އެއިރު މަންމަ ބަލިވެގެން އޮތީ ހޮސްޕިޓަލުގައި ބާއްވައިފައެވެ. އެއްދުވަހަކު ބައްޕަ ގެއަށް އައިސް ބުނީ މަންމަ މިހާރު ދުނިޔޭގައި ނެތްކަމަށާއި އެހެން ގެއަކަށް ބަދަލުވާންޖެހިއްޖެ ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުބުނެ ބައްޕަ އަޅުގަނޑު ގޮވައިގެން ދިއައީ އެހެން ސިޓީއަކަށެވެ.
އެސިޓީއަކީ ބައްޕަގެ އުފަން ސިޓީއެވެ. ބައްޕަގެ ގެއަށް އަޅުގަނޑު ގެންގޮސް ގޭގައި ބަހައްޓާފައި ބައްޕަ ނުކުމެގެން ބޭރަށް ގޮސްފައި އައީ އަންހެނަކު ގޮވައިގެންނެވެ. ބުނީ މިއަދުން ފެށިގެން މަންމައަކީ އޭނާކަމަށް ބަލައިގެން އޭނާ ބުނާ ބަސްއަހައިގެން އުޅުމަށެވެ.
އޭނާއަކީ ވަރަށް ހަރުކަށި އަންހެނެކެވެ. އަބަދުވެސް ކުރާކަމަކީ އަޅުގަނޑަށް އަމުރުކުރުމެވެ. އޭނާގެ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ ޔަތީމްޚާނާއަކަށް ފޮނުވައިލާނެ ކަމުގެ ބިރު ނުދައްކާ ދުވަހެއް ނުދެއެވެ. އެންމެ ބޮޑު ހިތާމައަކީ އެފަދަ އެއްވެސް ކަމެއްގެ ވާހަކަ ބައްޕަގެ ގާތުގައި ބުނުމުން ބައްޕަ އެކަން ޤަބޫލުނުކުރާ ކަމެވެ.
އެފަދަ ޙާލެއްގައި އުޅެމުންދަނިކޮށް އަޅުގަނޑަށް 18 އަހަރުފުރުނުތަނާ މަންމަ ހުވަފެނުން ފެންނަން ފަށައިފިއެވެ. މަންމަ ބުނަނީ މަންމައާއިއެކު އައުމަށެވެ. އެހިސާބުން ހޭލެވެއެވެ. ދުވަސްކޮޅެއްވަންދެން އެހުވަފެން ހަމައެގޮތަށް ފެނިފައި އެރޭ ދާންވީ އެޑްރެސް ކިޔައިދިނެވެ. އެހިސާބުން ހޭލެވިއްޖެއެވެ. ނަމަވެސް ކިޔައިދިން އެޑްރެސް ހަނދާންހުރީތީ ނޯޓުކޮށްލީމެވެ.
އެއީ އެހެން ސިޓީއެއްގެ އެޑްރެހެކެވެ. އަޅުގަނޑު ކުރިން އުޅުނު ސިޓީގެ އެޑްރެހެކެވެ. ދެން ބައްޕައަށް ސިއްރުން އަމިއްލައަށް ފައިސާ ހޯދަން މަސައްކަތްކުރަން ފެށީމެވެ. މީހުންގެ ކާރު ފުހެދިނުމާއި ކުނިކަހައިދިނުން ފަދަ ކަންކަންކޮށްގެން ފައިސާކޮޅެއް ޖަމާކުރެވުނީމާ ބައްޕަގާތު ނުވެސްބުނެ ފިލައިގެން އެސިޓީއަށް ގޮސް އެއެޑްރެހަށް ދިއައީމެވެ.
ދޮރުގައި އިން އެޑްރެސް ބެލުމުން އެއީ ކުރިން އަޅުގަނޑު އުޅުނުގެ ކަމަށް ވަރަށް ބޮޑަށް ޝައްކުވިއެވެ. ނަމަވެސް ގެ ހުރީ ވަރަށް ބޮޑަށް ބަދަލުކޮށްފައެވެ. ކޮންމެ ގޮތެއްވީނަމަވެސް ހެޔޮކަމަށް ބަލައި ގޭގެ ރަނގަބީލު ޖެހުމުން ދޮރުހުޅުވީ މަންމައެވެ. މަންމަ ފެނުމާއިއެކު އަޅުގަނޑަށް މަންމަ އެނގިއްޖެއެވެ. ނަމަވެސް މަންމައަކަށް އަޅުގަނޑެއް ނުއެނގުނެވެ.
މަންމާއެވެ ބުނުމުން އަނހަ ތިއައީ ދަރިފުޅުތޯ އެހުމާއިއެކު އަޅުގަނޑުގެ ގައިގައި އޮޅުލައިގެންފިއެވެ. ބައިވަރުސުވާލުތައް ކުރިއެވެ. އަޅުގަނޑު ޖަވާބުދިނުމުން މަންމަ ކިޔައިދިނެވެ. "ދަރިފުޅާއެވެ! މަންމަ އޮތީ ކޯމާއެއްގައެވެ. ދަރިފުޅު ގޮވައިގެން ބައްޕަ ފިލައިގެންދިއައީ ހޮސްޕިޓަލުގެ ބިލުތައްވެސް ނުދައްކައެވެ. އެހިސާބުން މަންމައަށް އެހީތެރިވީ ޑޮކްޓަރެވެ. މަންމަ ހޭއަރައި ގަދަވެގެން ގެއަށް އައިއިރު ގެ ހުރީ ފަޅަށެވެ. ބައްޕަ ޢާއި ދަރިފުޅު ހޯދަން ދާނެ ތަނެއްވެސް ނުއެނގޭތީ މަންމަ މިހުރީއެވެ. ދަރިފުޅާއި ބައްދަކުރެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ކޮންމެ ދުވަހަކު ދަރިފުޅަށްޓަކައި ހިތްދަތިވެ ކަރުނައަޅަމެވެ. ދަރިފުޅަށް ތިއަ ހުވަފެން ފެނުނު ސަބަބަކީ މަންމަގެ ދުޢާ އާއި އޮހޮރި ކަރުނަތައް ކަމުގައި ޤަބޫލުކުރެވެއެވެ."
ބައްޕަ އަޅުގަނޑު ގެއްލިގެން ފުލުހުންނަށް އަނގައިފިނަމަ މައްސަލައެއް ކުރިމަތިވެދާނެކަމަށްޓަކައި ބައްޕައަށް ގުޅީމެވެ. އަދި އަޅުގަނޑު މިހުރީ ހުންނަން ބޭނުންތަނުގައި ކަމަށާއި ހޯދަން މަސައްކަތްނުކުރަން ބުނީމެވެ. އަދި ދެމަފިރިންނަށް އުފާވެރި ޙަޔާތަކަށްވެސް އެދުނީމެވެ.
މަންމަ ޢާއި މަންމަގެ ފިރިމީހާ އަޅުގަނޑަށް ވަރަށް ރަނގަޅެވެ. އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. އަމިއްލަ ދަރިންނާއި ތަފާތެއް ނުކުރެއެވެ.
ކޮންމެއަކަސް އަޅުގަނޑު ބޮޑުވެ ކައިވެނިކޮށް ދެ ދަރިންވެސް ލިބުނުފަހުން ބައްޕަ އަޅުގަނޑާއި މަންމަ ހޯދަން އައެވެ. އަދި އަނބިމީހާގެ ސަބަބުން ގެވެސް ވިއްކާލަން ޖެހުނީކަމަށްބުންޏެވެ. ޖަވާބު ދިނީ އަޅުގަނޑެވެ. "ބަސް އަހައިގެން މިހިރަ ކޮޓަރީގައި އުޅޭށެވެ! ބަސްނާހާ އެންމެ ކަމެއްކުރިނަމަވެސް މުސްކުޅިން ބަލަހައްޓާ ގެއަކަށް ފޮނުވައިލާނަމެވެ. މިގޭގައި އުޅެންވާނީ މީގެ އެތައް އަހަރެއްކުރިން ދުނިޔޭގައި ނެތްކަމަށް ބުނި މަންމަ ދުނިޔޭގައި ނެތްކަމަށް ބަލައިގެންނެވެ. މަންމައާއި މިގޭ ބައްޕަގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ކޮށްފިނަމަ ވަގުތުން ގްރައުންޑްކުރާނަމެވެ."
އިރުކޮޅަކު އަޅުގަނޑަށް ބަލަންހުރެފައި ބައްޕަ ދިއައީއެވެ. ހުއްޓުވާކަށްވެސް ނުއުޅެމެވެ. އެދިއަގޮތަށް މިއަދާއި ހަމައަށްވެސް ޚަބަރެއް ނުވެއެވެ. އަޅުގަނޑު އެގޮތަށް ބަސްބުނީ ކޮންމެހެން އަޅުގަނޑާއިމެދު ކަންކަން ކުރި ގޮތަކުން ނޫނެވެ. ކޯމާގައި އޮއްވާ މަންމަ އެއްލާލާފައި ފިލައިގެންގޮސް ދޮންމަމައަކާއިއެކު އުފަލުގައި އުޅެން ބައްޕައަށް ކެރުނީތީއެވެ!
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިހާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކުރަން ބޭނުންވީ ކޮންމެހެން އެފިރިހެން މީހާގެ ނުބައިކަންބޮޑު ވާހަކަ ބުނާކަށް ނޫނެވެ. މިހާރު އެފަދަ ފިރިން މަދުނޫންކަން އެއީ ޔަޤީންވާ ކަމެކެވެ. ނަމަވެސް އެފަދަ ބައްޕައިންނަށް ބަހެއް ބުނެލަން ބޭނުމެވެ. އެއީ ދަރިންނަސް އަނިޔާވެރިވާއިރު ތިމާ އެދަރިންގެ އަތްމައްޗަށް ވެއްޓެންޖެހޭނެ ކަމާއި އެދުވަހުން ދަރިންއޭނާގެ އެދަރިފުޅު އެބުނި ފަދަ ބަސްތައް ތިމާގެ ކަންފަތަށް އަޑު އިއްވާނެކަމަށް ވިސްނާލަން ބުނުމެވެ. ގިނަކުދިން މިނެދޭނީ މިނެދިން ނާޅިންނެވެ. ބަސްތައް ނުބުނި ނަމަވެސް ޢަމަލުން އެކަން ދައްކާނެއެވެ.
އަޅުގަނޑު އެންމެ ބޮޑަސް ފާހަގަކޮށްލަން ބޭނުންވީ ދަރިންގެ މައްޗަށް މަންމަކުރާ ދުޢާގެ ހުރިބާރުގަދަކަމެވެ. އެދުޢާ ﷲ ޢިޖާބަކުރައްވަވާ ކަމެވެ. އެނގިގެން މިދިއައީ އެކަލާނގެއީ ޢަޖައިބެއް ފަދަ ގޮތްގޮތުންވެސް ކަންކަން ހިންމަވައި ދެއްވަވާ ރަސްކަލާނގެ ކަމެވެ.
- ޝިރާނީ / މިއަދުނޫހުގެ ކިޔުންތެރިއެއް