ޘަމޫދު ބާގައިގެ މީހުންނަށް ފޮނުއްވެވި ގަދަފަދަ ކޯފާ: ވަރުގަދަ ބިންހެލުމަކާ ގަދަފަދަ އަޑެއް އައިސް "ހިކި ހުއިތަކެއް ފަދައިން އެމީހުން ހަދައިލި!"

މިއަދު
ކިޔުމަށް ހޭދަވާނީ 14މ 30ސ
ޘަމޫދު ބާގައިގެ މީހުންނަށް ފޮނުއްވެވި ގަދަފަދަ ކޯފާ: ވަރުގަދަ ބިންހެލުމަކާ ގަދަފަދަ އަޑެއް އައިސް "ހިކި ހުއިތަކެއް ފަދައިން އެމީހުން ހަދައިލި!"

ޢަޛާބާ މެދު ތަޙައްދީކުރުން:

ޖަމަލު މަރާލުމަށްފަހު އަދި އެވަރުންވެސް ޘަމޫދުބާގައިގެ މީސްތަކުން ހުއްޓާލީއަކީ ނޫނެވެ. އެބައިމީހުންގެ އެދުމުގެ މަތިން މާތްالله سبحانه وتعالى،  މުޢުޖިޒާތެއްގެ ގޮތުގައި ފޮނުއްވި ޖަމަލު މަރާލުމަށްފަހު، ދެން صالح عليه السّلام ޖަދަލުކުރީއެވެ. ޖަމަލު މަރައިލިޔަސް، މާތްالله سبحانه وتعالى، ގެ ޙަޟްރަތުން އެއްވެސް ޢަޛާބެއް އައުމަކީ ނުވާނޭ ކަމެއްކަން ކަށަވަރުކޮށް صالح عليه السّلام އަށް ގޮންޖެހިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 77 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَعَقَرُوا النَّاقَةَ وَعَتَوْا عَنْ أَمْرِ رَبِّهِمْ وَقَالُوا يَا صَالِحُ ائْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الْمُرْسَلِينَ ﴿٧٧

މާނައީ: "ފަހެ، އެއުރެން އެ ޖަމަލު މަރައިލޫއެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރިވޫއެވެ. އަދި އެއުރެން ބުނޫއެވެ. އޭ صالح ގެފާނެވެ! ކަލޭގެފާނުވަނީ، رسول ންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް (އެބަހީ: عذاب) އަހުރެމެންނަށް ނިކަން ގެންނަވައި ބައްލަވާށެވެ!"

އެ ޤައުމުގައި ތިބި އެންމެ ނުބައި ނުލަފާ ނުވަ މީހުން އެއްވެ ސައްލާކޮށް ޞާލިޙްގެފާނާ ދެކޮޅަށް އިހުނަށްވުރެ ނުބައި ރޭވުންތަކެއް ރޭވިއެވެ. އެބައިމީހުން މިފަހަރު ރޭވީ صالح عليه السّلام ޤަތުލުކުރުމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އައްނަމްލު ސޫރަތުގެ 48 ވަނަ އާޔަތުން 50 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ ﴿٤٨﴾ قَالُوا تَقَاسَمُوا بِاللَّـهِ لَنُبَيِّتَنَّهُ وَأَهْلَهُ ثُمَّ لَنَقُولَنَّ لِوَلِيِّهِ مَا شَهِدْنَا مَهْلِكَ أَهْلِهِ وَإِنَّا لَصَادِقُونَ ﴿٤٩﴾وَمَكَرُوا مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴿٥٠

މާނައީ: "އަދި އެރަށުގައި ނުވަމީހަކު އުޅުނެވެ. އެއުރެން ބިމުގައި فساد އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) إصلاح އެއް ނުކުރެތެވެ .އެއުރެން ބުނެފޫއެވެ. ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލައި، ނެތިކޮށްލުމަށް اللَّه ގަންދީ ތިޔަބައިމީހުން ހުވާކުރާށެވެ! ދެން ހަމަކަށަވަރުން، އެކަލޭގެފާނުގެ ބަލަދުވެރިޔާ ގާތުގައި ތިމަންމެން ބުނާހުށީމެވެ. (އެކަލޭގެފާނާއި) އެކަލޭގެފާނުގެ أهل ވެރިން އަވަހާރަކޮށްލިތަނެއް ތިމަންމެން ނުވެސް ދެކެމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަކީ، ތެދުވެރިންކަން ކަށަވަރެވެ.އަދި އެއުރެން މަކަރުވެރި ރޭވުމެއް ރޭވިއެވެ. އަދި ތިމަންރަސްކަލާނގެވެސް ރޭވުމެއް ރޭއްވެވީމެވެ. އެއުރެންނަކަށް އެކަމެއް ނޭނގެއެވެ." 

صالح عليه السّلام އެބައިމީހުންނަށް ދެއްވި ތިން ދުވަހުގެ މުހުލަތު ކައިރިވަމުން އައި އިރު، އެބައިމީހުން ތިބީ ފަރުބަދަތައް ކަނޑައިގެން އެމީހުން ހެދި ބިޔަ ގަނޑުވަރުތަކާއި ބޮޑެތި ގެތަކުގެ ތެރޭގައެވެ. ސަހަރާގެ ތެރެއިން އަންނަ ވެލީގެ ތޫފާންތަކާއި ވިއްސާރައިގެ ކޮޅިގަނޑުތަކުން ސަލާމަތްވެވޭނެކަމަށް އުއްމީދުކޮށްގެންނެވެ. އެބައިމީހުންނަށް صالح عليه السّلام ދެއްވި ތިން ދުވަހުގެ މުހުލަތު ހަމަވި ރޭ، ޘަމޫދު ބާގައި މީހުން ތިބީ އެމީހުންގެ ގެތަކުގައި އަރާމު ނިދީގައެވެ. ޢާދުބާގައިގެ މީހުން ނެތި ކުރެއްވުމަށް ޢަޛާބު ފޮނުއްވި ފަދައިން ޘަމޫދުބާގައިގެ މީހުން ނެތި ކުރެއްވުމުގެ ޢަޛާބު ފޮނުއްވާނޭ ވަގުތަކީ ފަތިސް ކަމުގައި މާތްالله سبحانه وتعالى،  ވަނީ މިންވަރު ކުރައްވައިފައެވެ. 

މާތް الله سبحانه وتعالى، ގެ އަޒާބުގެ ވަގުތު ޖެހުމުގެ ކުރިން، އެ ޤައުމުގައި ހުރި އެކަލާނގެ ނަބިއްޔާ صالح عليه السّلام ސަލާމަތް ކުރެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 66 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَلَمَّا جَاءَ أَمْرُنَا نَجَّيْنَا صَالِحًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِّنَّا وَمِنْ خِزْيِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ الْقَوِيُّ الْعَزِيزُ ﴿٦٦﴾ 

މާނައީ: "ދެންފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، صالح ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވި މީހުން، ތިމަންރަސްކަލާނގެ حضرة ންލެއްވި رحمة އާއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ."ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން صالح عليه السّلام އާއި ޘަމޫދުބާގައިގެ މުއުމިނުން ސަލާމަތް ކުރެއްވި އިރު، އެ ޤައުމުގެ އެހެން އެންމެން ތިބީ ރޭގަނޑުގެ އަރާމު ނިދީގައެވެ. އެހެން ތިއްބައި މުޅި ޤައުމަށް ބޮޑު ވަރުގަދަ ބިން ހެލުމެއް ފޮނުއްވައިގެން ހަލާކު ކުރެއްވިއެވެ. މުޅި ޘަމޫދުބާގައިގެ އެންމެން މަރުވެ ދިޔައީއެވެ. ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 78 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ﴿٧٨

މާނައީ: "ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ." 

ޙިޖުރު ސޫރަތުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި މާތްﷲ އެބައިމީހުންނަށް ގަދަފަދަ ބިންހެލުމެއްގެ އިތުރުން ވަރުގަދަ އަޑުފައްގަނޑެއްވެސް ފޮނުއްވިއެވެ. ކީރިތި ޤުރްއާނުގެ އަލްޙިޖުރު ސޫރަތުގެ 83 ވަނަ އާޔަތާއި 84 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَأَخَذَتْهُمُ الصَّيْحَةُ مُصْبِحِينَ ﴿٨٣﴾ فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ ﴿٨٤﴾ 

މާނައީ: "ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ. ފަހެ، އެއުރެން ހޯދައި އުޅުނު عمل ތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ."

ޘަމޫދުބާގައިގެ މީހުން ހަލާކުވެ ނެތިފަނާކުރެއްވި އިރު ފެންނަ ފެނުމަށް އެބައިމީހުން ހީވަނީ ޖަނަވާރު ހުއިހައްޕަން ކަނޑާފައިވާ ހިކި ހުއިތަކެއް ފަދައިންނެވެ. އެފަދަ ނިކަމެތި ގޮތެއްގައެވެ. އާރެއް ބާރެއް ނެތްބައެއްގެ ގޮތުގައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ޤަމަރު ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَكَيْفَ كَانَ عَذَابِي وَنُذُرِ ﴿٣٠﴾إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ ﴿٣١

މާނައީ: "ފަހެ، ތިމަންރަސްކަލާނގެ عذاب އާއި، ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުންހެއްޔެވެ؟ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބިރުވެރި އެންމެ އަޑެއް ފޮނުއްވީމެވެ. ފަހެ، ގެރިބަކަރި ހުއިހައްޕާމީހާ ގެންގުޅޭ ހިކި ހުއިތަކެއް ފަދައިން އެއުރެންވޫއެވެ." 

މިދެންނެވުނު ފަދައިން ހިކި ހުއިތަކެއްފަދައިން ލައްވާފައިވާ ބަޔަކީ، އޭގެ ހިނދުކޮޅެއް ކުރިން، ގަދަބަދަވިކަމާއި އެކު ބިމުގައި ބޮޑާކަމާ އެކު ދިރިއުޅުނު ބައެކެވެ. އެބައިމީހުންވަރުގެ ގަދަބަދަވި ބަޔަކު ނެތްކަމަށް ދަޢުވާކޮށް އުޅުނު ބައެކެވެ. ނަމަވެސް މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ސަބަބުން ނުހަނު ކުޑަ ހިނދުކޮޅެއްގައި އެބައިމީހުންވީ އާރެއް ބާރެއްނެތް ބަޔަކަށެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެބައިމީހުންނެކޭ ހިކި ހުއިތަކެކޭ އެއްފަދައެވެ.

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، ފަތިސް ވަގުތުގައި ފޮނުއްވި ޢަޛާބާ އެކުގައި ޘަމޫދުބާގައި މީހުންވަނީ ހަލާކު ކުރައްވާފައެވެ. صالح عليه السّلام އާއި އެކަލޭގެފާނަށް އީމާންވީ މަދު މީސްކޮޅުވަނީ ސަލާމަތް ކުރައްވާފައެވެ. ކާފިރުން ނެތި ފަނާވެ ދިޔަ ގޮތް މާތްﷲ އީމާންވި މީސްތަކުންނަށް ދެއްކެވިއެވެ. صالح عليه السّلام އެބައިމީހުންނަށް މުޚާތަބު ކުރައްވައި ވިދާޅުވި ބަސްފުޅު އަޢުރާފު ސޫރަތުގެ 79 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ النَّاصِحِينَ ﴿٧٩

މާނައީ: "ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން نصيحة ތެރިވާ މީހުންދެކެ ލޯތްބެއް ނުވަމުއެވެ."

ޘަމޫދުބާގައިގެ މީހުން ހަލާކު ކުރައްވައި ނެތިކުރެއްވިއިރު، އެބައިމީހުން ފަރުބަދަތައް ކަނޑައި ކޮށައިގެން ހަދައިގެން، ދިރިއުޅުނު ގެތަކާއި ގަނޑުވަރުތައް ފަހުގެ އުންމަތްތަކަށް ފެންނާނޭ ހެން މާތްﷲ ވަނީ ލައްވާފައެވެ. އެ ޢިމާރާތްތައް ރައްކާތެރިކަމާ އެކުގައި ލެއްވެވި ސަބަބު، މާތްالله سبحانه وتعالى، ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކޮށްދެއްވައިފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 51 ވަނަ އާޔަތާއި 53 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

فَانظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ ﴿٥١﴾فَتِلْكَ بُيُوتُهُمْ خَاوِيَةً بِمَا ظَلَمُوا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْلَمُونَ﴿٥٢﴾ وَأَنجَيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ ﴿٥٣

މާނައީ: "ފަހެ، އެއުރެންގެ މަކަރުވެރި ރޭވުމުގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނާއި އެއުރެންގެ قوم ގެ އެންމެން ހަލާކުކޮށް ނެތިކޮށްލެއްވީމެވެ.ފަހެ، އެހުރީ އެއުރެންގެ އަނިޔާވެރިކަމުގެ ސަބަބުން ވީރާނާވެފައިވާ އެއުރެންގެ ގޯތިގެދޮރެވެ. ހަމަކަށަވަރުން، އެކަންތަކުގައި ދަންނަ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. .އަދި إيمان ވެ تقوى ވެރިކަންމަތީ އުޅުނުމީހުން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ." 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން