އަޅުގަނޑުމެންގެ މުދަލުގައި ބަރަކާތްލެއްވުން އެދޭނަމަ ނުވަތަ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި މާތްﷲ ގެ ބަރަކާތް އެމީހަކަށް ލިބުމަށް އެދޭނަމަ ކުރެވިދާނެ ތަފާތު ކަންތައްކެއް އެބަ ހުއްޓެވެ. މީހެއްގެ މުދަލުގައި ބަރަކާތްލެއްވުމަކީ މުދަލުގެ ނުވަތަ ފައިސާގެ އަދަދު ގިނަވުމެއްނޫނެވެ. ނަމަވެސް މަދުއެތިކޮޅަކުން ލިބޭ ފައިދާ އިތުރުވެ ގިނަ ދުވަހަށް ބޭނުންކުރެވުމެވެ.
1. ހޯދާ އާމްދަނީއަކީ ޙަލާލު އެއްޗެއްކަމުގައިވުން: ތިމާ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ އެއީ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ނުވަތަ ޝަރުޢީ ޤާނޫނުތަކާ ޚިލާފުނުވާ މަސައްކަތެއް ކަމުގައި ވާން ޖެހޭނެއެވެ. މީގެ ތެރޭގައި ތިމާ ކުރާ މަސައްކަތުގެ އިތުރަށް، ތިމާ މަސައްކަތްކޮށްދެނީ ކޮންބަޔަކަށްތޯ އާއި އާމްދަނީ ލިބޭ ވަސީލަތްތަކުގައިވެސް ޝަރީޢަތުގައި މަނާ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ތިމާ ކުރާ މަސައްކަތަކީ އިސްލާމީ އަޚްލާޤު ފުށުއާރާ މަސައްކަތަކަށް ވެގެންނުވާނެއެވެ.
2. ފަރުވާތެރިކަމާއި އަމާނާތްތެރިކަމާ ތެދުވެރިކަމާއެކު ތިމާ ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ކުރުން: ތިމާއަށް ޙައްޤުވާ މިންވަރަށް ވުރެ އިތުރަށް އެންމެ ފައިސާ ފޮއްޗެއްގައިވެސް ނުޖެހުވޭތޯ ބަލައިށެވެ. ވަޒީފާ ދޭ ފަރާތުން ދޭ ވަސީލަތްތަކާއި ވަޒީފާ އަދާކުރާ ވަގުތު ބޭކާރު ގޮތުގައި ހޭދަނުކުރާށެވެ. ތިމާ އަދާކުރާ ވަޒީފާގައި އަމާނާތްތެރި އަދި ވަފާތެރި މީހަކަށް އަބަދުވެސް ވާށެވެ. ވިޔަފާރީގެ މައިދާނުގައި ތަކެތި ވިއްކުމުގައި މަކަރާއީ ހީލަތް ހެދުމަކީ ލިބޭ އާމްދަނީގެ ބަރަކާތް ނެތިދާ ކަމެކެވެ. {އައްރާޒީ، މަފާތިހުލް ޣައިބު}
3. ނިޔަތް ސީދާކުރުން. މާތްﷲ އަށްޓަކައި އަބަދުވެސް ހޮޔޮކޮށް ވިސްނައި ނިޔަތް ސީދާކުރާށެވެ: ހޯދާ އާމްދަނީއަކީ މާތްﷲ އަށްޓަކައި ސާފު ޠާހިރުގޮތުގައި ހޯދާ އެއްޗެއްކަމުގައި ހަދާށެވެ. އަބަދުވެސް ޢާއިލާއަށް ބޭނުންވާ ކަންތައްތައް ކޮށްދޭށެވެ. އަދި ވީވަރަކުން އެހެން މީހުންގެ ކަންތައްވެސް ކޮށްދެވޭތޯ ބަލާށެވެ.
4. ރިބާ ހިމެނޭ ހުރިހާ މުއާމަލާތްތަކަކުން ދުރުވުން: ރިބާ ހިމެނޭ މުއާމަލާތްތަކާއި ލޯނުތައް ނެގުމުން ދުރުވެގަންނާށެވެ. ދަރަނިވެރިވެއްޖެނަމަ އެ ދަރަންޏެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ދެއްކޭތޯ ގަދައަޅާ މަސަކަތްކުރާށެވެ. އަދި އެފަދަ މުއާމަލާތެއް ނުކުރުމަށް އަޒުމު ކަންޑައަޅާށެވެ.
5. މާތްﷲ ދެއްވި ތަކެއްޗަށް ޝުކުރުވެރިވުން: ޤުރްއާނުގެ އިބްރާހީމު ސޫރަތުގެ ހަތްވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. [އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.] މާތްﷲ ދެއްވި ނިޢުމަތްކަށް ތިމާގެ ހިތާއި ދުލުން ޝުކުރުވެރިވާށެވެ. އެކަލާނގެ ދެއްވި ނިޢުމަތްތައް ހެޔޮގޮތުގައި ރަނގަޅު ކަންކަމުގައި ބޭނުންކުރާށެވެ. އެކަލާނގެއަށް ކިޔަމަންތެރިވެ އަޅުކަން ކުރާށެވެ. {އާލޫސީ، ރޫޙުލް މަޢާނީ}
6. ތިމާގެ އަމިއްލަ ނަފްސާއި އަނބިމީހާގެ ފަރާތުން ޞަދަޤާތްކުރުން: ޞަދަޤާތުގެ ތެރޭގައި ވާޖިބު ޞަދަޤާތް (މިސާލަކަށް ފިތުރު ޒަކާތާއި މުދަލު ޒަކާތް) އަދި ވާޖިބު ނޫން ޞަދަޤާތް ހިމެނެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. [ޞަދަޤާތުގެ ސަބަބުން މުދަލަށް އުނިކަމެއް ނާންނާނެއެވެ.] ފަހަރުގައި މާއްދީ ގޮތުން ބަލާނަމަ ޞަދަޤާތް ދިނުމުގެ ސަބަބުން މުދަލަށް އުނިކަމެއް އަތުވެދާނެއެވެ. ނަމަވެސް ދެން ތިމާގެ އަތުގައި ހުރި މުދަލުގައި މާތްﷲ ބަރަކާތް ލައްވާނެއެވެ.
{ނަވަވީ، މުސްލިމުގެ ޝަރަހަ}
7. މާތްﷲ އަށް ތަޤުވާވެރިވުން. ޤުރްއާނުގެ ތަލާޤު ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައޮ މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. [އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. ]
8. މާތްﷲ އަށް ވަކީލުކުރުން: އަބަދުވެސް މާތްﷲ ތިބާއަށް ރިޒުޤުދެއްވައި ތިބާގެ ކަންތައްތައް ބައްލަވާވޮޑިގެންވާނެ ކަން ޤަބޫލުކުރާށެވެ. ޝައިޠާނާ އަބަދުވެސް މީސްތަކުގެ ހިތުގައި ފަޤީރުވެދާނެކަމުގެ ބިރުވެރިކަމާ މާޔޫސްކަން އުފައްދަން މަސައްކަތް ކުރާނެއެވެ. ބަޤަރާ ސޫރަތުގެ 268 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. [فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ.] ވަކީލު ކުރާ މީހާއާ ބެހޭ ގޮތުން ޠަލާޤު ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. [އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.]
9. ގޭގައި ނަމާދު ކުރުން: ފިރިހެނުންނަށް އެންމެ ރަނގަޅު ގޮތަކީ މިސްކިތުގެ ޖަމާއަތުގައި ފަރުޟު ނަމާދުތައް ޤާއިމުކުރުމެވެ. ގޭގެ އަހުލުވެރިންނަށްވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ޤާއިމު ކުރުމަށް ބާރު އަޅާށެއެވެ. އެއާއެކު ސުންނަތްނަމާދުތައްވެސް ކުރުމަށް އެބައިމީހުންނަށް ބާރު އަޅާށެވެ. ހަމަ އެހެންމެ ގޭގައި ތިމާ އަމިއްލައަށްވެސް ސުންނަތް ނަމާދު ކުރެވޭތޯ ބަލާށެވެ.
10. ގޭގައި ޤުރްއާން ކިޔެވުން.: ގޭގައި ވާޤިޢަތު ސޫރަތް ކިޔަވާނަމަ އެގެއެއް ފަޤީރުކަމުން ރައްކާތެރި ކުރައްވާނެއެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [އެގެއެއްގައި ޤުރްއާން ކިޔެވޭ ގެއެއްގައި އެގެއެއްގެ ކަންތައްތައް ފަސޭހަކޮށް ދެއްވާނެއެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު}
11. ދީލަތި ކަމާއެކު ހަދިޔާ ދިނުން: މީގެ މާނައަކީ ތިމާ އެންމެ ލޯބިވާ އެއްޗަކުން އަދި ހަދިޔާ ލިބޭ ފާރާތްވެސް އެންމެ ބޭނުންޖެހޭ ލޯބިވާތަކެތިން ހަދިޔާކުރުމެވެ. ހަދިޔާ ދިނުމުގައިވެސް އެންމެ ފުރަތަމަ ޢާއިލާގެ މީހުންނާއި ގާތިމާގެ މީހުންނާ އަވައްޓެރިންނަށް ޚާއްޞަ އިސްކަމެއް ދިނުން މުހިންމެވެ.
12. މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ކަމޭހިތުން: މައިންބަފައިންނަށް އިޙްސާންތެރުވުމަކީ ތިމާގެ އުމުރުގައު ބަރަކާތްލައްވައި ރިޒުޤު ތަނަވަސްވާ ކަމެކެވެ.
13. ގާތްތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރުން: ބަރަކާތް ލިބޭނީ ޤާތްތިމާގެ ކަމުގެ ގުޅުން ޤާއިމުކޮށް ހަމައެއާއެކު މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވުމުންނެވެ. {އިބްނު ހިއްބާން، ޞަޙީޙު}
14. ދޮގުހެދުމާއި ދޮގުހުވާ ކުރުމުން ދުރުވެގަތުން: ދޮގުހެދުމާއި ދޮގުހުވާ ކުރުމުން ދުރުވެގަތުމަކީވެސް މުދަލުގައި ބަރަކާތްލައްވާނެކަމެކެވެ. {އިބްނު ޙަޖަރު، ފަތުހުލްބާރީ}
15. މީހަކަށް އެއްޗެއް ވިއްކާއިރު ނުވަތަ ފައިސާ ދޭއިރު އެމީހާއަށް ދޭންޖެހޭ ވަރަށްވުރެ ތަންކޮޅެއް އިތުރަށް ދޭށެވެ.
16. ހެނދުނުގެ ވަގުތުގައި މަސައްކަތަށް ފަށައިގަތުން: ހެނދުނުގެ ވަގުތުގައި ނިދަން އޮތުމުގެ ބަދަލުގައި ފަތިސް ނަމާދުން ދުވަސްފަށައި، މަސަކަތްކަތުގެ މައިދާނަށް ނުކުތުމަކީ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވާނެއެވެ. އެހެނީ ނަބިއްޔާ صلّى اللّـه عليه وسلّم ކުރެއްވި ދުޢާއެއްގައިވެއެވެ. [އޭ ﷲއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން ހެނދުނު މަސައްކަތަށް ނުކުންނަ މީހުންގެ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ.] {އިބްނު މާޖާ، ސުނަނު}
17. އެންމެ އެކުގައި އެއް ސުފުރާ މަތީގައި ކެއުން: މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [ތިޔަބައިމީހުން އެއްވެ، ބިސްމި ކިޔުމަށްފަހު ކާންފަށާއެވެ. އޭރުން ބަރަކާތް ލައްވާނެއެވެ.] {އަބޫދާއޫދު، ސުނަނު} އެހެން ޙަދީޘެއްގައިވެއެވެ. [ތިޔަބައިމީހުން އެންމެ އެކުގައި ކާށެވެ. ވަކިވަކިވެ ނުގަންނާށެވެ. ބަރަކާތްލައްވާހުށީ އެކުގައި ކުއުމުންނެވެ.] {އިބްނު މާޖާ، ސުނަނު}
18. ޞާލިޙު މީހުންނަށް ތިމާއާއެކު އެއް ސުފުރާމަތިން ކެއުމަށް ދައުވަތު ދިނުން: ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ މެހެމާނަކަށް ދުޢާ ކުރައްވައިފައިވަނީ އޭނާގެ ކާތަކެތިން ޞާލިޙު ރަނގަޅު މީހުންވެސް ކެއުމަށެވެ. އެއީ އޭގައި ބަރަކާތް އިތުރުވާ ކަމެއްކަމުގައިވާތީއެވެ.
19. ގޭގައި ގިނަގިނައިން އަސްތަޣުފާރު ކުރުން: އަސްތަޣުފާރު ކުރުމަކީ 'އަސްތަޣުފިރުﷲ' މިފަދައިން ގިނައިން ކިޔުމެވެ.
20. އެހެން މީހުންނަށް މާފުކުރާ އޯގާވެރިއެއްކަމުގައިވުން: ތިމާއަށް ދެރަކޮށް ކަންތައް ކުރާ މީހުންނަށްވެސް މާފުކޮށް އޯގާތެރިވާށެވެ. ތިމާގެ ގައިގައި މިދެސިފަ ހުރެއްޖެނަމަ އެހެން މީހުންނާ ތިމާއާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވާނެއެވެ.
21. އިސްރާފު ނުކުރުމާއި ދުނިޔަވީ ކަންތައްތަކަށް ނުހެއްލުން: މީގެ ތެރޭގައި ކެއިން ބުއިމުގައި އިސްރާފުނުކުރުމާއި ދިރުއުޅުމުގެ ކަންތައްތަކުގައި މެދުމިންގަނޑެއް އިޚްތިޔާރު ކުރުން ހިމެނިގެންވެއެވެ.
22. މުދަލުގައި ބަރަކާތްލެއްވުން އެދި މާތްﷲ އަށް ދުއާކުރުން: އަނަސުގެފާނަށް ހެޔޮދުޢާއެއް ކޮށްދެއްވުމަށް އެކަލޭގެފާނުގެ މައިކަނބަލުން އެދިވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ފުރަތަމަ ކަމަށްވެސް ކުރެއްވި ދުޢާއަކީ އަނަސުގެފާނުގެ މުދަލުގައި ބަރަކާތްލެއްވުމަށް އެދި ކުރެއްވި ދުޢާއެވެ.
މުދަލުގައި ބަރަކާތްލައްވާނެ ވަރަށް ގިނަ ކަންތައްތައް އިސްލާމްދީނުގެ ބޮޑެތި ޢިލްމުވެރިން ބަޔާން ކުރައްވައިފައިވެއެވެ. މަތީގައި ދެންނެވިފައިވާ ކަންތައްތަކީ އޭގެއިން ފުދޭ މިންވަރެކެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް