ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ އަނބިމީހާ ހުތުރުވެފަ ކަޅުވީމާ މީހުންނަށް ކަމުނުދިއަ ނަމަވެސް ދަރިންނާ ފައިސާ ވިހަން މޮޅުވީމާ އެންމެންނަށް ކަމުދިއައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޙަޤީޤީ ޙާދިސާ: އަޅުގަނޑުގެ އަނބިމީހާ ހުތުރުވެފަ ކަޅުވީމާ މީހުންނަށް ކަމުނުދިއަ ނަމަވެސް ދަރިންނާ ފައިސާ ވިހަން މޮޅުވީމާ އެންމެންނަށް ކަމުދިއައެވެ!

އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ ތަނަވަސް ޢާއިލާއަކަށެވެ. އެހެންކަމުން އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ވަރަށް ގިނަ އަހެންކުދިން އުޅެއެވެ. ބައެއް ކުދިންގެ މައިންބަފައިން އަޅުގަނޑުގެ މައިންބަފައިން މެދުވެރިކޮށްވެސް ކައިވެނި ހުށަހަޅައެވެ. ނަމަވެސް އަޅުގަނޑު އައީ އެކައިވެނިތަކަށް އިންކާރުކުރަމުންނެވެ.  

އަޅުގަނޑު މަސައްކަތްކުރަމުން އައީ ބައްޕަގެ ކުންފުންޏެއްގައެވެ. އެއްފަހަރަކު ވަޒީފާއަކަށް މުވައްޒިފަކު ބޭނުންވެގެން އިއުލާނުކުރުމުން ވަރަށް ގިނަކުދިން ސިޓީލިއެވެ. އެއިގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާކަމަށް ފާހަގަކުރެވުނީ އަންހެންކުއްޖެކެވެ. ސިފަ އެހައި ރީއްޗެއް ނޫނެވެ. ކުލަވެސް ކަޅެވެ. ނަމަވެސް ހޯދާފައިވާ ސެޓުފިކެޓްތަކަށާއި ލިބިފައިވާ ޓެލަންޓަށްބަލާއިރު ވަޒީފާ ދިނުން އެންމެ ޙައްޤުކަންބޮޑީ އޭނާއަށެވެ. ވީމާ އަޅުގަނޑު އޭނާއަށް ވަޒީފާދިނީމެވެ.  

އޭނާއަށް ވަޒީފާ ދިނުމުން ވަރަށް ގިނަ ބައަކު ފާޑުކިޔެވެ. މުވައްޒިފުންގެ އިތުރުން މައިންބަފައިންވެސް ފާޑުކިޔެވެ. ނަމަވެސް އެ އަޑު އިވޭކަމަކަށް ނުހަދަމެވެ. ކުރުމުއްދަތެއްގެ ތެރޭގައި އޭނާ ވެގެންދިއައީ އަޅުގަނޑުމެންގެ މުދައު އެންމެ ގިނައިން ވިއްކައިދޭ މުވައްޒިފަށެވެ. ފަހަރެއްގައި ކްލައިންޓުންނަށް އޭނާ ނުފެނި އޭނާގެ އަޑާއި މުޢާމަލާތުކުރާތީ ކަމަށްވެސްވެދާނެއެވެ.  

ސިފަހުތުރަސް ކުލަ ކަޅުނަމަވެސް އަޅުގަނޑަށް އޭނާ ވަރަށް ކަމުދިއައެވެ. މަސައްކަތް ފުރިހަމަވުމުގެ އިތުރުން އޭނާގެ އަޚްލާޤްވެސް އެހައިރަނގަޅުވުމުންނެވެ. އެހެންވެ އޭނާއާއި ގާތް ގުޅުމެއް އައީ ބާއްވަމުންނެވެ. އެކަން އަޅުގަނޑުގެ މައިންބަފައިންނަށްވެސް ފާހަގަކުރެވުނެވެ. އަދި އޭނާ އާއި ޚާއްޞަ ގުޅުމެއް ނުބާއްވަންވެސް ބުންޏެވެ. ނަމަވެސް އެއަޑެއް ނުއަހަމެވެ. އަޅުގަނޑު ދިއައީ ކުރިއަށެވެ.  

މައިންބަފައިންގެ ނުރުހުމުގައި އަޅުގަނޑު އޭނާ އާއި ކައިވެނިވެސްކުރީމެވެ. ގެއަށް ގެންދިއުމުން ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީ އަޅުގަނޑުމެން ދިރިއުޅެންފެށީ ފްލެޓެއް ކުއްޔަށް ހިފައިގެންނެވެ. އެވަރުންވެސް އެންމެންގެ ފާޑުކިޔުންތައް ގިނަވެ އޮބިއޮންނަވަރުނުވުމުން އަޅުގަނޑު އަނބިމީހާ ވަޒީފާއިން ވަކިކުރީމެވެ. އަދި އަޅުގަނޑުވެސް އިސްތިޢުފާދީ ދެމަފިރިން އަމިއްލައަށް ވިޔަފާރިފެށީމެވެ. ވިޔަފާރިފަށަންވެސް ބައްޕަގެ އެހީތެރިކަމެއް ނުހޯދަމެވެ. ކެޕިޓަލަކަށް ބޭނުންކުރީ އަތުގައި ޖަމާކުރެވިފައިހުރި ފައިސާކޮޅެކެވެ.  

ވިޔަފާރިކުރުމުގައި އިސްކޮށް ބެހެއްޓީ އަނބިމީހާއެވެ. އަޅުގަނޑު މަސައްކަތްކުރަމުން އައީ އަނބިމީހާގެ ދަށުން މަސައްކަތްކުރާ މުވައްޒިފެއްފަދައިންނެވެ. އަނބިމީހާވީ ވިހަންވެސް ކުޅަދާނަ އަންތބަކަށެވެ. 3 އަހަރުވީއިރު 3 ދަރިން ވިހައިފިއެވެ. އަދި ވިޔަފާރިވެސް ދިއައީ ވިހައި އިތުރުވަމުންނެވެ. 4 ވަނައަހަރު ނިމުނުއިރު ބައްޕަމެންނަށްވެސް އަނބިމީހާގެ އަގު ވަޒަންކުރެވިއްޖެއެވެ. އަނބިމީހާއަކީ ދަރިއެއްކަމަށް ޤަބޫލުކުރެވޭ ފެންވަރަށް ޕްރަމޯޓްވެއްޖެއެވެ. އެހައިތަނަށް އަޅާވެސް ނުލައި ތިބި އަޅުގަނޑުގެ ދަރިންނަކީ ކާފަ، މާމަ ދަރިންކަމަށް ޤަބޫލުކުރެވިއްޖެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރާއިރު ގައިގެ ކުލައަށް ނުވަތަ ބޭރުފުށުގެ ސިފައަށް ބަލައިގެން ކައިވެނިކުރުމަށްވުރެ އޭނާގެ އަޚްލާޤާއި ކުޅަދާނަކަމަށް ބަލައިގެން ކައިވެނިކުރުމުން ޒަވާޖީ ޙަޔާތަށް ލިބޭ އުފާވެރިކަން މާބޮޑުކަން އަޅުގަނޑު މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައެވެ. ތިއަބޭފުޅުން ބޭނުންފުޅުވާ ގޮތަކަށް ތިއަބޭފުޅުންގެ ކަންކަން ނިންމަވާށެވެ!  

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން