އުފަލުގަ ހުންނަން ބޭނުންހެއްޔެވެ؟ ވިސްނުންތެރިކަމާއެކު ކިޔައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އުފަލުގަ ހުންނަން ބޭނުންހެއްޔެވެ؟ ވިސްނުންތެރިކަމާއެކު ކިޔައިލާށެވެ!

ކައިވެނި ރޫޅުނީއެވެ. އެކަނިވެރިވީއެވެ. އަމިއްލަ ޢާއިލާއިން ބަލައެއް ނުގަތެވެ. ގޮތް ހުސްވީއެވެ. ﷲ ތަޢާލާ ފިޔަވައި އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް އެހެން ފަރާތެއް ނެތެވެ.

އަނެއްބައި މީހުން ބަލިވީއެވެ. ހޮސްޕިޓަލުގައި އޮންނަން ޖެހުނީއެވެ. ޒިޔާރަތްކޮށްލަން އަންނާނެ އެއްވެސް މީހަކު ނެތުނީއެވެ. ﷲ ތަޢާލާ ފިޔަވައި އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް އެހެން ފަރާތެއް ނެތެވެ.

އަނެއްބައި މީހުން ކުރަމުން ދިއަ ވިޔަފާރި ބަނގުރީޓުވީއެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވީއެވެ. ތަނަވަސްކަން ހުރިއިރު އެކުގައި އުޅުނު ހުރިހާ އެކުވެރިން ގެއްލިގެން ދިއައީއެވެ. ﷲ ތަޢާލާ ފިޔަވައި އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް އެހެން ފަރާތެއް ނެތެވެ.

އަނެއްބައި މީހުން އުޅުނު ވަޒީފާ ގެއްލުނީއެވެ. ލިބެމުން އައި އާމްދަނީ ލިބުން ހުއްޓުނީއެވެ. ނިކަމެތިވީއެވެ. ﷲ ތަޢާލާ ފިޔަވައި އެހީތެރިކަމެއް ފޯރުކޮށްދޭނެ އެއްވެސް އެހެން ފަރާތެއް ނެތެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ބަޔާން ކުރީ ވަރަށް އާދައިގެ މިސާލުތަކެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ފުރަތަމަވެސް ޤަބޫލުކުރަންވީ އެއީ ތިމާއަށް ލިބުނު އެންމެ ބޮޑު ނަޞީބު ކަމުގައެވެ. އެހެނީ އެފަދަ ޙާލަތެއް ކުރިމަތިވުމުން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އާއި ކުއްތަން ވެވޭނެއެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރެވޭނެއެވެ. ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރެވޭނެއެވެ.

ޙަޤީޤީ ވިސްނުންތެރިންނަކީ މިފަދަ ޙާލަތެއް ކުރިމަތިވުމުން ތިމާ ކުރާ ދުޢާ ޢިޖާބަ ކުރައްވަވައި މައްސަލަ ޙައްލުކޮށްދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައި ނުލާ މީހުންނެވެ. ނަމަވެސް ގިނަ ފަހަރަށް ކަންކަން މެދުވެރިވަނީ އެހެނެއް ނޫނެވެ. ކުރިން ނިޢްމަތުގައި އުޅުނު ދުވަސްވަރުވެސް ﷲ ތަޢާލާ ހަނދުމަނެތިކޮށްލި ފަދައިން ދެވަނަ ފަހަރަށް ނިޢްމަތްތައް ދެއްވެވުމުންވެސް ހަނދުމަނެތިކޮށްލެވެނީއެވެ.

އެގޮތަށް އެކަން ވިއަ ނުދޭށެވެ! ނިޢްމަތަށް ޝުކުރުވެރިވުމަކީ ނިޢްމަތް އިތުރުކުރައްވަވާ ކަމެކެވެ. ވީމާ އަބަދުވެސް ވާންޖެހޭނީ ނިޢްމަތަށް ޝުކުރުވެރިވާ މީހަކަށެވެ. ތިމާ އާއިއެކު އަބަދުވެސް ނިޢްމަތްތައް ދެމިގެންދާނީ އެއިރުންނެވެ.

--އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން