ޙަޤީޤީ ޙާދިސާ: ތަނަވަސްކަން ލިބުމުން ފެންވަރު އޮޅި އަނބިމީހާ "ސިސް"އަކަށް، ދަރިން "ސިސް"ގެ ދަރިންނަށް ހެދިމީހާވީ ބަނގުރޫޓު! އަނބިމީހާވީ މަހުޖަނަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ޙަޤީޤީ ޙާދިސާ: ތަނަވަސްކަން ލިބުމުން ފެންވަރު އޮޅި އަނބިމީހާ "ސިސް"އަކަށް، ދަރިން "ސިސް"ގެ ދަރިންނަށް ހެދިމީހާވީ ބަނގުރޫޓު! އަނބިމީހާވީ މަހުޖަނަކަށް!

އަޅުގަނޑުގެ ޙަޔާތުގައި އެހައިތަނަށް އެންމެ ބޮޑަށް އުފާވި ދުވަހަކީ އެމީހަކު ދެކެ އަޅުގަނޑު އެންމެ ބޮޑަށް ލޯބިވީ މީހާ އާއި ކައިވެނިކުރެވުނު ދުވަހެވެ. އޭނާއަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ޒުވާނެކެވެ. ތައުލީމީ ޒުވާނެކެވެ. އަތުގައި ތަނަވަސްކަން ނެތްނަމަވެސް ތަނަވަސްކަން ހޯދަން މަސައްކަތްކުރުމުގެ ހިތްވަރުހުރި ޒުވާނެކެވެ. 

ކައިވެންޏަށްފަހު ދެމީހުން ދިރިއުޅުނީ އަޅުގަނޑުގެ މަންމަގެ ގޭގައެވެ. މިއީ ކޮންމެހެން ފިރިމީހާގެ ނިކަމެތިކަމުގެ ވާހަކަދައްކާކަށް ނޫނެވެ. ނަމަވެސް މިވާހަކަ ކިޔައިދެވެންއޮތީ މިވާހަކަ ދައްކައިގެން ކަމަށްވާތީ ބުނެލަނީއެވެ. ވަޒީފާއެއް ލިބޭތޯ އިންޓަރވިޔުއަކަށްދާއިރު ލާންކަމުދާ ފެންވަރުގެ ގަމީހެއްވެސް ފިރިމީހާއަތަކު ނެތެވެ. އޭނާ އެއިރު ހުރީ އެހައިވެސް ނިކަމެތި ޙާލުގައެވެ. ހެދުމާއި އެހެން އެއްޗެތިވެސް ގަނެދިނީ އަޅުގަނޑުގެ ބޭބެއެއްގެ އަތުން ފައިސާކޮޅެއް ހޯދައިގެންނެވެ. 

ރަނގަޅު ވަޒީފާއެއް ލިބި ރަނގަޅު މުސާރައެއް ލިބެން ފެށުމުން އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެތަނަށް އަޅުގަނޑު ގެންގޮސްފިއެވެ. ފުރަތަމަ ދަރިފުޅު ލިބުނީވެސް އެތަނުގައެވެ. ވަޒީފާގައި އުޅެމުން އައިސް ފައިސާކޮޅެއް ޖަމާވީމާ އަމިއްލަ މަސައްކަތެއްކުރަން ފެށިއެވެ. އެމަސައްކަތުގައި ކުރިއަރާ ގޮސް ތަނަވަސް މީހަކަށްވިއެވެ. 

އެހިސާބުން އޭނާއަށް އަޅުގަނޑު އޮޅެން ފެށިއެވެ. އަޅުގަނޑު ކަމުނުދާން ފެށިއެވެ. ސިފަވެސް ހުތުރުވާން ފެށިއެވެ. ނަމަވެސް ޝަކުވާއެއް ނުކުރަމެވެ. އެއިން ކަމަކަށް ބަހެއްވެސް ނުބުނަމެވެ. 

3 ދަރިން ލިބުނުފަހުން މައްސަލަތައް ގޯހުން ގޯހަށްދާން ފެށިއެވެ. އަބަދުހެން ކަމަކަށް އޮންނަނީ އަޅުގަނޑުގެ ކޮންމެވެސް ކަމެއް ކުށްވެރި ކުރުމެވެ. އެހެން އުޅެމުން އައިސް ކުދިން ގޮވައިގެން ތަނަކަށް ކާންދިއަ ރެއެކެވެ. ކާންތިއްބާ މޭޒުކައިރިއަށް އައިސް އޭނާއާއި ވާހަކަ ދެއްކި ދެ އަންހެން ކުއްޖަކަށް އަޅުގަނޑު ތަޢާރަފްކޮށްދިނީ "ސިސް" ކަމަށެވެ. އަދި 3 ކުދިންނަކީ "ސިސް"ގެ 3 ކުދިން ކަމަށެވެ. 

ގެއަށް އައިސް ބުނީމެވެ. "ދެން ރަނގަޅުވާނީ ދެމީހުން ވަކިވުމެވެ. "ސިސް"އަކާއެކު ރޭކުރާކަށް ނުވާނެ ނޫންހެއްޔެވެ؟ ކަލޭގެ ތަނަވަސްކަމުން އެއްވެސް މިންވަރެއް ބޭނުމެއް ނޫނެވެ. މިހައިތަނަށް އަންތބެއްގެ ގޮތުގައި ބައިންދާލަދިންކަންވެސް އެއީ ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއް ކަމަށް ދެކެމެވެ. އަހަރެން ޤަޞްދުކުރަނީ މާދަން އެނބުރި މަންމަ ގާތަށްދާށެވެ. އަހަރެން ކުރިން އުޅުނު ކޮޓަރި އަދިވެސް އެހުރީއެވެ. 3 ކުދިން ގޮވައިގެން އެކޮޓަރީގައި އުޅެވޭނެއެވެ. ބޭނުމިއްޔާ ޚަރަދުކުރާށެވެ. ބޭނުން ނެތިއްޔާ ނުކުރި ނަމަވެސް މައްސަލައެއް ނެތެވެ. ރަނގަޅީ މިރޭވެސް ވަރިކޮށްދިނިއްޔާއެވެ." 

އަނެއްދުވަހު ހެނދުނު ހެނދުނާ 3 ކުދިން ގޮވައިގެން މަންމަގެ ގާތަށް އެނބުރިދިއައީއެވެ. މަންމަ އާއި ބޭބެމެން އަޅުގަނޑަށް މަރުޙަބާ ކިޔެވެ. ވަރިކުރީ ގެއަށް ދިއަތާ މަހެއްހައިދުވަސްފަހުންނެވެ. ގެއަށް އައިފަހުން އަޅުގަނޑު އޭނާ ނުދެކެމެވެ. ކުދިން ދެކެލަންވެސް ނުއަންނާތީއެވެ. އަޅުގަނޑުމެންގެ ގެއަށް ނައިތަނުގައި ގުޅާލާފައި ކުދިން ގޮވައިގެން އޭނާގެ ގާތަށް ގޮސްލަންވެސް ނުބުނެއެވެ. އަޅުގަޑުވެސް ގުޅައި އުނދަގުލެއްވެސް ނުކުރަމެވެ. 

އެކަނި އަހަރެއްހައި ދުވަހު އިންތަނާ މަންމަ ދެއްކި މީހަކާ ކައިވެނިކުރީމެވެ. ކައިވެނިކުރީ އޭނާ އާއިބެހޭ މާގިނަ ކަންތައްތަކެއް އެނގިގެނެއްވެސް ނޫނެވެ. އަމިއްލައަށް އެމީހަކު ދެކެ ލޯބިވެ، ކައިވެނިކޮށް އަތުގަ ހިފާ ނަގާ ކޮޅަށް ޖެހިމީހާ ހަދާލިގޮތް ތަޖުރިބާ ކުރެވުނީމާ ލިބުނު މާޔޫސްކަމުގައި ކޮންމެ މީހަކުވެސް އޯކޭ، ނޫޅެވިގެން ވަރިވާން ޖެހުނަސް ހަމަ އޯކޭ ކަމަށް ބަލައިގެން ކައިވެނިކުރީއެވެ. އެއީ ހަމަ މަންމަ ބުނިކަމެއް ކޮށްލަން ކުރި ކަމެއްކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތެވެ.  

ކައިވެނިކުރެވުނު މީހާގެ ޙަޤީޤަތް އެނގުނީ ކައިވެނިކުރި ފަހުންނެވެ. އަބަދުހެން ގޭގައި އުޅޭ މީހަކަށްވާތީ މީހުންނަށް އޭނާގެ ހަޤީޤަތް އެހައި ބޮޑަށް ނުއެނގެނީއެވެ. ގޭގައި ގިނަވަގުތު ހޭދަކުރިނަމަވެސް އޭނާއަކީވެސް ހަމަ ތަނަވަސް މީހެކެވެ. ހިއްޞާވާ ރިސޯޓެއްވެސް އޮވެއެވެ. އަމިއްލަ ރިސޯޓެއް ކުއްޔަށް ދީފައިވެސް އޮވެއެވެ. އޭނާއަކީ ބަސްމަދު އަޚްލާޤްވެސް ރަނގަޅު މީހެކެވެ.  

ކައިވެނިކޮށްގެން ހަނީމޫނަށް ދިއައީ އޭނާ ކުއްޔަށްދީފައި އޮންނަ ރިސޯޓަށެވެ. ކައިވެންޏަށް މިދިއަ އަހަރު 13 އަހަރުފުރުނީއެވެ. އަދިވެސް މިއުޅެވެނީ ހަމަ ހަނީމޫނުގައެވެ. އިން ޝާ ﷲ   

ކުރީގެ ފިރިމީހާއަށް ދިމާވިގޮތްވެސް ބުނެލާނަމެވެ. ކޮންމެހެން އެކަމަށް އުފާކުރާތީއެއް ނޫނެވެ. ކުރި ވިޔަފާރި ބަނގުރޫޓުވެ ހުލިވުމުން މިހާރު ރަށަށް ގޮސް ރަށުގައި ދިރިއުޅޭވާހަކަ އަޑުއިވެއެވެ.  

އަޅުގަނޑުގެ މިހާރުގެ ފިރިމީހާގެ 2 ދަރިންނަށާއި އަޅުގަނޑުގެ 3 ދަރިންނަށާ ދެމަފިރިންގެ 2 ދަރިންނަށާ 7 ދަރިންނަށް ކިޔަވައިދޭން ދެމަފިރިން މެލޭސިޔާގައި ދިރިއުޅޭތާ 8 އަހަރުވީއެވެ. ވީމާ އޭނާގެ ކިބައިން ސަލާމަތްވެވުނުކަންވީ އަޅުގަނޑުގެ ދަރިންނަށް ކިޔަވައިދޭންވެސް ލިބުނު ފުރުޞަތަކަށެވެ. 

މިހާރުގެ ފިރިމިހާއަކީ ވަރަށް ދީލަތިވެސް މީހެކެވެ. ކައިވެންޏަށް 10 އަހަރު ފުރުނު ދުވަހު ހަދިޔާއަކަށް އަޅުގަނޑަށްވަނީ އޭނާގެ ތަނަވަސްކަމުން 40 އިންސައްތަ އަމިއްލައަށް ފެނިގެން ހަދިޔާކޮށްފައެވެ. މިއަދު ފިރިމީހާގެ ކުންފުންޏަކީ އަޅުގަނޑުގެ 40 އިންސައްތަ ޙިއްޞާ އޮތް ކުންފުންޏެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިހެނުންނަށް ބުނެލަން އޮތީ ތަނަވަސްކަމެއް ލިބުމުން އެކަން ލިބެނު ގޮތް ހަނދާން ނުކުރާ އަދި ލިބުނު ތަނަވަސްކަން ލިބުނީ އަނބިދަރިންނަށްޓަކައިކަން ޤަބޫލުނުކުރެވޭ މީހުންނަށް އަޅުގަނޑުގެ މިވާހަކަކޮޅު އިބްރަތަކަށް ފުދޭ ނޫންތޯއެވެ؟ އަންހެނުންނަށް ބުނެލަން އޮތީ ފިރިމީހާގެ ކިބައިގައި ތަނަވަސްކަން ހުރުމަކީ އަހަރެމެން އަންހެނުންގެ ފިޔަކޮށިގެން ނުއުދުހެވިފައި ތިބެންޖެހެންވީ ސަބަބެއް ކަމަށް ނުދެކޭށެވެ. އުދުއްސައިގަންނަން ޖެހުނީމާ ހަމަ އޮތީ އުދުއްސައިގަތުމެވެ. އުދުއްސައިގަތީމާ އިށީންނާނެ މާފުރިހަމަ ގައުތައް ފެންނާނެއެވެ. އިން ޝާ ﷲ  

- ޒުލްފިޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

 

 

 

 

 

 

 

 

https://www.facebook.com/watch?v=474466347611207

 

 

 

Thanavaskan libumun  L

 

 

މިއަދު އޮންލައިން