ރަޙްމަތުން ފުރިގެންވަ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ދާދި ގާތްވެއްޖެއެވެ. ދެމްސްދުވަސްވެސް ދެން ބާކީ ނެތެވެ. ވީމާ ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ!
ސުވާލަކީ ތިބާ އެބަ ރަމަޟާންމަހަށް ތައްޔާރުވަމުހެއްޔެވެ؟ ތައްޔާރުވާން ކުރަނީ ކޮންކަމެއް ހެއްޔެވެ؟
ޖަވާބަކީ ރަމަޟާން މަހު ވީހާގިނަ އަޅުކަންކުރަން ތައްޔާރުވެ އެކަމަށް ފަރިތަކުރަމުންދާނަމަ ތިބާއަށް ކުރިއަށް އެދެވެނީ ދާންވީމަގުންނެވެ. ނޫންނަމަ ތިބާއަށް ތައްޔާރެއް ނުވެއެވެ.
މީސްތަކުންނޭވެ! ޞަޙާބީން ޢަމަލުކުރެއްވެވި ގޮތް ވިސްނާށެވެ! ރަމަޟާން މަސް ނިމުމުން އެބޭކަލުން ފުރަތަމަ ހަމަސްދުވަހު ދުޢާކުރެއްވެވީ ހިއްޕެވި ރޯދަ ﷲ ތަޢާލާ ޤަބޫލުކުރެއްވެވުން އެދިއެވެ. އަނެއްކާވެސް ސުވާލެކެވެ! އެފަދައިން ދުޢާކުރީ ކިތައް މީހުން ހެއްޔެވެ؟
ދެން އަނެއް ހަމަސްދުވަހު އެބޭކަލުން ދުޢާކުރެއްވެވީ އަންނަ ރަމަޟާންމަހާއި ބައްދަލުވޭތޯއެވެ؟ އަނެއްކާވެސް ސުވާލެކެވެ! އެކަމަށް އެދި ތިބާ އެބަ ދުޢާކުރަމުހެއްޔެވެ؟ ދުޢާކުރާނަމަ ހަމައެކަނި ދުޢާކުރުމަކުން ނުފުދެއެވެ. ރަމަޟާންމަހު ވީހާގިނަ އަޅުކަންކުރަން ތައްޔާރުވާން އެބަޖެހެއެވެ. އެކަން ނުކުރާނަމަ ދުޢާކުރިކަމަކަށްނުވާނެއެވެ! އެހެނީ ދުޢާކުރުން އޮތީ އެކަމަށްޓަކައި ތިމާއަށް ކުރެވެންހުރި މަސައްކަތްކުރަމުންނެވެ.
އަނެއްކާވެސް ސުވާލެކެވެ. ރަމަޟާންމަސް އަވަހަށް ނިމިގެންދާން އެދެމުހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާއަށް ރަމަޟާން މަސް ނައިސްވެސްފާނެއެވެ! މާނައަކީ ދުނިޔޭގައި ހުރިނަމަވެސް ރަމަޟާން މަހުން ކުރަންވާ ފައިދާ ނުކޮށްފާނެއެވެ.
ދެން އޮތީ އުފާވެރިކަމުގެ ޚަބަރެވެ. އެއީ ރަމަޟާން މަހަށްޓަކައި ތައްޔާރުވާންޖެހޭ ގޮތަށް މީހާ ތައްޔާރުވަމުން ދަނިކޮށް އެމީހަކަށް ދެރަގޮތެއް މެދުވެރިވިނަމަވެސް އެމީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ. އެހެނީ އޭނާ ކުރި މަސައްކަތާއި ވީތައްޔާރީ ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ރަމަޟާންމަހަށްޓަކައި ތައްޔާރުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އަވަހަށްފަށާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން