އަޅުގަނޑުގެ މަންމައަކީ އަބަދުވެސް ފައިސާވެރިކަމަށް ލޯބިކުރި އަންހެނެކެވެ. މަންމަ ބުނާ ގޮތުން ތަނަވަސްކަން ނެތްނަމަ ލޯތްބަކީ އެއްވެސް އަގެއް އަދި ބޭނުމެއްވެސް ހުރި އެއްޗެއް ނޫނެވެ. ބައްޕަގެ އުމުރުކުރުވެގެންދިއަ އެއް ސަބަބަކީވެސް މަންމަގެ އެ ފޯމިޔުލާ ކަމަށްވެދާނެއެވެ.
ބައްޕައަކީ ވަޒީފާއަދާކުރި މީހެކެވެ. ވަރަށް ތެދުވެރި އަމާނާތްތެރިއެކެވެ. ބައްޕަ އަދާކުރި ވަޒީފާގެ ގޮތުން ބޭނުންވިނަމަ އިތުރު ފައިސާ ހޯދުނީހެވެ. ނަމަވެސް އެއީ ޙަލާލް ގޮތުގައި ލިބޭ އެއްޗަކަށް ނުވާނެތީ ބައްޕަ ނުހޯދީއެވެ. ލިބެން އޮތް ގޮތަކަށް ފައިސާ ނުހޯދުމަކީ މަންމަ ޤަބޫލުކުރާ ކަމެއް ނޫނެވެ. އެހެންވެ ދެމީހުންގެ ފިކުރު ދިމާނުވީއެވެ.
މަންމައަކީ އަބަދުވެސް ވަޒީފާއަދާކުރާ އަންހެނެކެވެ. ބައްޕަ ނިޔާވުމުން ކުރިއަށްވުރެ ބުރަކޮށް މަންމަ މަސައްކަތްވެސްކުރިއެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތު އިތުރުވިއެވެ. ލިބޭ ޢާމްދަނީވެސް އިތުރުވިއެވެ. އެވަރުންވެސް މަންމަގެ ހިތް ފުރޭނެ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ އަޅުގަނޑަށް 18 އަހަރުވީތަނާ މަންމަ ވަޒީފާއަދާކުރާ ކުންފުނީގެ ވެރިމީހާގެ ދަރިފުޅާ ކައިވެނިކުރުމަށް އަމުރުކުރުމެވެ.
ދެކޮޅަށް ބަހެއް ބުނެލުމުގެ ފުރުޞަތުވެސް ނުދީ އަމުރުކުރީ ވަގުތުން ކައިވެނިކުރުމަށެވެ. އެއިރުން ތަނަވަސް ދިރިއުޅުމެއް އުޅެން ފުރުޞަތުލިބޭނެތީކަމަށްވެސް ބުންޏެވެ. އެހީތެރިވެ ދިފާޢުކޮށްދޭނެ މީހަކު ނުވުމުން އަޅުގަނޑަށްއެކަންކުރަން މަޖުބޫރުވިއެވެ.
ކައިވެނިކުރި ފަހުން ގޭގެ ނޯކިރީއެއްގެ ކިބައިން އަޅުގަނޑަށް އެނގުނީ މިއީ އޭނާގެ 5 ވަނަ ކައިވެނިކަމެވެ. އަދި އެހުރިހާ އަނބިންވެސް ރޮމުން ގެއިން ނުކުމެގެންދިއައީ ދެބަފައިން "ޝެއާކުރަން" އުޅުމުން ކަމަށެވެ. އެހެންވެ އަޅުގަނޑަށްވެސް ހުންނަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މަންމައަށް އެވާހަކަތައް ކިޔައިދނުމުން ބުނީ ފިރިން އިޞްލާޙްކުރުމަކީ އަނބިންގެ ކަމެއް ކަމަށާއި ވަރިވެގެން ނުވާނެ ކަމަށެވެ.
ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުންގޮސް ކައިވެންޏަށް 6 މަސްވީތަނާ ދެބަފައިން ވަރަށް ސިއްރުން ސައްލާއެއްކުރި އަޑު އިވިއްޖެއެވެ. އެހެން ނަމަވެސް އަޑުއިވުނު ކަމަށްވެސް ނުހަދަމެވެ. އެހެން ހުއްޓާ ފިރިމީހާ ދެއްކީ ދަރިއަކު ނުލިބޭ ވާހަކައެވެ. އަޅުގަނޑު ބުނީ އަދިމިވީ 6 މަސްދުވަސްކަމަށާއި ދަރިއަކު ނުލިބި ލަސްވެގެން އުޅެން އަދި ނުޖެހޭ ކަމަށެވެ.
ޖަވާބުގައި ބުނީ އޭނާއަކީ ފަނިމަރުވެފައި ހުރި މީހެއް ކަމަށެވެ. އެހެންބުނެ ލިޔުންތަކެއްވެސް ދެއްކިއެވެ. އަޅުގަނޑު ބުނީ ޑޮކްޓަރުންނަށް މިހާރު ޙައްލު ހޯދޭނެ ގޮތްތައް ހުންނަ ކަމަށާއި މަސައްކަތްކޮށްލުން ރަނގަޅުވާނެކަމަށެވެ. އެހެން ބުނުމުން ފިރިމީހާ ބުނީ އެއަށްވުރެ ފަސޭހައިން އެކަން ޙައްލުކުރެވޭނެ ގޮތެއް އެބައޮތް ކަމަށެވެ. އެގޮތަކީ ބައްޕައާއިއެކު ރޭކޮށްލުން ކަމަށެވެ. ޖަވާބުގައި އަޅުގަނޑުބުނީ ހަމަހިލާ ތިއަކަން ނުކުރާނެ ކަމަށެވެ.
އެހިސާބުން އަޅުގަނޑަށް ބިރު ދައްކަންފެށިއެވެ. އަޅުގަނޑުގެ ފޮޓޯ އާއި ވީޑިއޯތައް ޢާންމުކޮށް އަޅުގަނޑަކީ ކަސްބީ އަންހެނެއްކަމަށް އިއުލާނުކުރާނެ ކަމަށްވެސް ބުންޏެވެ. އެވާހަކަތަކަކަށް ޖަވާބެއް ނުދެމެވެ.
އަނެއްދުވަހު މަންމަގާތަށް ގޮސްލަނީކަމަށް ގެއިން ނުކުމެގެން ދިއައީ ރައްޓެހި އަންހެންކުއްޖެއްގެ ގެއަށެވެ. އޭނާއަށް ޙާލަތު ކިޔައިދިނުމުން އަޅުގަނޑަށް އެހީތެރިވާނެ ކަމަށް ބުންޏެވެ. އޭނާގެ ގާތުގައި ބަހައްޓައިދޭނެ ކަމަށްވެސް ބުންޏެވެ.
އަޅުގަނޑު ފިރިމީހާއަށް ފޯނުކޮށްފައި ބުނީމެވެ. "މިހިސާބުން ވަރިކުރާށެވެ! ހަމަ މިއަދު ވަރިނުކޮށްފިނަމަ މާދަމާ ކޯޓަށް ދާނަމެވެ. އަދި ދެބަފައިން ތިއަ ގަންނަ ގަނޑު ކޯޓުގައި ކިޔައިދޭނަމެވެ. ކަލޭ ކޮށްފާނެ ނުބައިކަމަކަށް އެއްވެސް ބިރެއް ނުގަންނަމެވެ. އަހަރެންވެސް ގެއިން ނުކުމެގެން މިއައީ ހުސްއަތަކާ ނޫނެވެ. ބޮޑަށް ފަޟީޙަތްވަނީ ކާކުކަން ބަލަން ވާދަކޮށްލަމާ ހިނގާށެވެ."
އިރުކޮޅަކުން ބުއްރާސް ޖަހާފައި މަންމަ އަތުވެއްޖެއެވެ. މަންމަ އެދުނީ އަޅުގަނޑު އެގެއިން ގެނައިކަމަށް ބުނި ތަކެތި މަންމަޢާއި ޙަވާލުކުރުމަށެވެ. އަދި އެއިރުން އެއިގެ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ހޯދިދާނެ ކަމަށެވެ.
ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "ބައްޕަ އަޅުގަނޑު ތަރުބިއްޔަތުކޮށްފައި ހުރީ ޙަރާމް ގޮތުގައި ތަނަވަސްކަން ހޯދުމުގެ ވިސްނުމުގައެއް ނޫނެވެ. ބައްޕަ ދިން ނަޞޭޙަތްތައް މިހާރުވެސް ހަނދާން އެބަހުއްޓެވެ. އަވަހަށް މިތަނުންދާށެވެ. ކޮންމެ މީހަކަށްވެސް ﷲ މަގެއް ދައްކަވާނެއެވެ. މިދުނިޔެއިން ތަނަވަސްކަން ބޭނުމެއް ނޫނެވެ. ތަނަވަސްކަން ބޭނުމީ ޤިޔާމަތްދުވަހު ﷲ ގެ ޙަޟްރަތުންނެވެ. މަންމައަށް ހެޔޮވިސްނުން ދެއްވެވުން އެދި މިހާރުވެސް މިގެންދަނީ ދުޢާކުރަމުންނެވެ."
ކޮންމެއަކަސް މަންމަ އަނގައިންވެސް ނުބުނެ ހުރެ ނުކުމެގެންދިއައީއެވެ. ދިއަތާ މާގިނަ އިރުތަކެއް ނުވެ ފިރިމީހާ ގުޅާފައި ވަރިކުރި ކަމަށް ބުނެފިއެވެ.
މަންމަ އެދުމުންވެސް ގެއަކަށް ނުދަމެވެ. އެކުވެރިޔާ ގާތުގައި ހުރީއެވެ. އެހެން ހުއްޓައި ޢިއްދަ ހަމަވިތަނާ އެކުވެރިޔާގެ ބޭބެ އަޅުގަނޑާއި ކައިވެނިކުރަން އެދިއްޖެއެވެ. އޭނާއަކީ ކައިވެނިކޮށް ދަރިއަކު ލިބުނު ތަނާ އަނބިމީހާ ނިޔާވުމުން އެކަނިވެރިވެފައި ހުރި މީހެކެވެ. އުމުރުގެ ތަފާތަކީ 5 އަހަރެވެ. ވަރަށް ތަޤްވާވެރި ރަނގަޅު މީހެކެވެ.
އަޅުގަނޑު އޭނާ އާއި ކައިވެނިކުރީއެވެ. ކައިވެންޏަށް މިވީ އަހަރެއްހައި ދުވަހެވެ. އޭނާއަކީ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ރަނގަޅު މުސާރައެއް ލިބޭ މީހެކެވެ. ވީމާ ދިރިއުޅެމުން މިދަނީ ފުދި އިތުރުވެ ހަމަ އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހިއްޞާކޮށްލަން ބޭނުންވީ މިދިއަ ޖަނަވަރީ މަހުގެ މެދުތެރޭގައި ހަމަ އަޅުގަނޑަށް ދިމާވި ފަދަ ޙާލަތެއް ވަރަށް ގާތް އެކުވެރިއަކަށް ދިމާވެފައިވާތީއެވެ. އޭނާއަށް ކުރިމަތިލާން ޖެހުނީ ފިރިމީހާގެ ކޮއްކަ އާއިއެވެ. މަސައްކަތްކުރީ ދެބެއިންގެ އަނތބަކަށް ހަދާށެވެ. އޭނާއަށްވެސް އެކަމުން ސަލާމަތްވެވުނީ ވަރަށް ހިތްވަރުގަދަކޮށްގެންނެވެ.
ބުނެލަން ބޭނުންވަނީ ބޭރުގައި ތިބެގެން ކިޔަވައިގެން އައިސް ބޭރުގައި މީހުން އުޅޭގޮތަށް ރާއްޖޭގައިވެސް އުޅެން ބައަކު މިކުރާ މަސައްކަތަށް ކުރިމަތިލާން އެބަޖެހެއެވެ. އަންހެނުންނަކީ ޖިސްމާނީ ގޮތުން ބަލިކަށި ބައެކެވެ. ތަޅާފޮޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ތަލާ ފޮޅައިގެން ގަދަވެސް ނުވެވިދާނެއެވެ. ނަމަވެސް އަންހެނުންނަކީ ވިސްނުމުގެ ގޮތުން ބަލައިފިނަމަ ބަލިކަށިބައެއް ނޫނެވެ. އަދި ހިތްވަރުވެސް ދެރަ ބައެއް ނޫނެވެ. ވީމާ ބުއްދީގެ ބޭނުންކޮށްގެން ސަލާމަތްވާން މަސައްކަތްކުރުމުން ސަލާމަތްވާނެ މަގެއް ފެންނާނެއެވެ. އިން ޝާ ﷲ
އަދި ބުނެލަން ބޭނުންވާ އެއްވާހަކަ އެބައޮތެވެ! އަޅުގަނޑަށް ކުރިމަތި ކަންތައްތަކުން މަންމައަށް ވަނީ ފިލާވަޅެއް ލިބިފައެވެ. މަންމަވެސް މިހާރުވަނީ ދެވަނަ ކައިވެނިކޮށްފައެވެ. ވަޒީފާވެސް ދޫކޮށްލައި އުޅެމުންދަނީ ވަރަށް ތަޤްވާވެރި ދިރިއުޅުމެކެވެ. މަންމަގެ ވިސްނުން ބަދަލުކޮށް އިޞްލާޙްވުމުން އަޅުގަނޑުވެސް މިހާރު ދިރިއުޅެމުންމިއަންނަނީ މަންމަ އާއި އެކުގައެވެ.
- ނަސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް