ކޮންމެ ހުކުރު ދުވަހަކު ހުކުރަށްދާ މީހުން ގިނަވެ މިސްކިތްތައް ފުރިގެން މަގުމަތީގައިވެސް ނަމާދުކުރަންޖެހުމަކީ ޢާންމު ކަމެކެވެ. ހަމައެފަދައިން ރަމަޟާން މަސް އައުމުންވެސް ގިނަ ބައަކު ޖަމާއަތުގައި ނަމާދުކުރަން ފަށައެވެ. މިސްކިތްތައް ފުރިގެން ބޭރުގައި ނަމާދުކުރަން ޖެހެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޖަމާޢަތުގައި ނަމާދުކުރުން އޮތީ ހަފްތާގެ ހުކުރު ނަމާދު އެކަންޏެއް ނޫނެވެ. ހުކުރު ނަމާދަކީ ކޮންމެ ހަފްތާއަކު ވާޖިބުވާ 35 ނަމާދުން ހަމަ އެންމެ ނަމާދެކެވެ. ޖަމާޢަތުގައި ނަމާދުކުރަންވީ ހަމައެކަނި ރަމަޟާން މަސް އައުމަކުން ނޫނެވެ. ދެން އޮތް 11 މަހުގައިވެސް ޖަމާއަތުގައި ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުވާން ދެން މިއޮތީ ދާދި މަދު ދުވަސްކޮޅެކެވެ. މިހާރުންސުރެ ޖަމާޢަތުގައި ނަމާދުކުރަން ފަށާށެވެ. އެކަމަށް ތަމްރީނު ލިބިގަންނަން މަސައްކަތްކުރާށެވެ. އެކަނިކުރާ ނަމާދަކުން 1 ދަރަޖަ ލިބޭއިރު ޖަމާޢަތުގައި ކުރާ ނަމާދަކުން 27 ދަރަޖަ އެބަ ލިބެއެވެ.
ތިބާއަށް ލިބެން އޮތް އާމްދަނީއެއް 27 ގުނައަށް އިތުރުކުރެވެން އޮތްނަމަ އެކަން ދޫކޮށްލާނަން ހެއްޔެވެ؟ ވީއިރު އެއަށްވުރެ މާފައިދާބޮޑު، ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ތިއަ އިހްމާލްވަނީ ކީއްވެގެންކަމާއިމެދު އަމިއްލަ ނަފްސާއި ނިކަން ސުވާލުކޮށްލަބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން