ސުވަރުގެ ވަންނަން މަސައްކަތްކުރި ނަމަވެސް ނުވަދެވޭނެ ބައަކު ތިބޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ސުވަރުގެ ވަންނަން މަސައްކަތްކުރި ނަމަވެސް ނުވަދެވޭނެ ބައަކު ތިބޭނެއެވެ!

ސުވަރުގެ ވަންނަން މަސައްކަތްކުރި ނަމަވެސް ސުވަރުގެ ނުވަދެވި ހިނގައިދާނެ ބައަކު ތިބެދާނެއެވެ. ސުވަރުގެ ވަންނަން މަސައްކަތް ކުރުމުން ވެސް ނުވަދެވިދާނެ ބައަކީ ކޮބައިކަމާއިމެދު ބައެއް މީހުން ސުވާލުކޮށްފާނެއެވެ.

އެއީ ސުވަރުގެ ލިބިގަތުމުގެ ބޭނުމުގައި ވަރަށް ގިނައިން އަޅުކަންކުރާ މީހަކަށް ވެދާނެއެވެ. ނަމަވެސް އަވަސް އަރުވާލައިގެން ކަންކަން ކުރަން ހަދައިގެން އެއްވެސް ކަމަކަށް ދޭން ޖެހޭ ސަމާލުކަމެއް ނުދެވެއެވެ. އެހެންކަމަށްވެއްޖެ ނަމަ ކުރާ ހުރިހާ ކަންކަމަކީ ނުކުރާ ކަންކަމަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކުރާ ކޮންމެ ހެޔޮ އަމަލެއް އިޚްލާޞްތެރިކަމާއިއެކު ކުރުމަށެވެ. އަދި ފަރުވާތެރިކަމާއިއެކު ކުރުމަށެވެ. އެކުރާ ކަމެއްގެ ތެރެއަށް ރަނގަޅަށް ވަދެ ހުރެގެން އަޅުކަން ކުރުމަށެވެ. މާނައަކީ ބޭކާރު ކަންކަމަށް ޣާފިލުވެގެން ނުހުރުމެވެ.

ހަމައެއާއިއެކު ﷲ ތައާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މަދުން ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ޤަވާއިދުން، ދާއިމީ ގޮތެއްގައި ކުރެވޭ ކަންކަން ކަމުގައި ވެސް ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ.

Prophet Mohammad (ﷺ) said, "Do good deeds properly, sincerely and moderately and know that your deeds will not make you enter Paradise, and that the most beloved deed to Allah is the most regular and constant even if it were little." Sahih al-Bukhari 6464

ސިކުނޑި އެކުގައި ހުޅުވާލައިގެން ހުރެ ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ތިބާ ސުވަރުގެ ވައްދާނީ ތިބާކުރި އަޅުކަމެއް ނޫނެވެ. އަޅުކަމަށް ތިބާ ސުވަރުގެ ވެއްދޭނެ ނަމަ ލަޝްކަރު ބޮޑުކުރަންވީއެވެ. ނަމަވެސް ކަން މިއޮތީ އެހެންނަކުން ނޫނެވެ. ސުވަރުގެއަށް ވަދެވެން މިއޮތީ ތިބާ ކުރާ އަޅުކަން އިޚްލާޞްތެރިކަމާއިއެކު ކުރުމުން އެ އަމަލުތައް ޤަބޫލުފުޅުކުރައްވަވައި ﷲ ތަޢާލާ ތިބާ ސުވަރުގެ ވެއްދެވުމުންނެވެ.

މަސައްކަތް ކުރަންވީ ކުރާ އަޅުކަމުގެ އަދަދު ގިނަކުރުމަކަށް ނޫނެވެ. ކުރާ އަމަލުތަކަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރާ އަމަލުތަކަކަށް ހެދުމަށެވެ. ހެޔޮ އަމަލުކުރުން ގިނަކުރަންވީ ފުރިހަމަ ގޮތުގައި އެމީހަކަށް ކުރެވޭނެ އަދަދަށް ބަލައިގެންނެވެ. ތިމާއަށް ވަގުތު ހޭދަކުރެވޭނެ މިންވަރަށް ބަލައިގެންނެވެ.

ކޮންމެ މީހަކީ ވެސް ހާލަތު ތަފާތު މީހެކެވެ. ވީމާ ގޮތްތައް މެދުވެރިވާނީ އެކި މީހުންނަށް އެކި ގޮތަށެވެ. އަޅުކަމުގައި ހޭދަ ކުރެވޭނެ ވަގުތުވެސް ތަފާތުވާނެއެވެ. ވީމާ އެމީހެއްގެ ހާލަތަށް ބަލައިގެން ވާން އޮތް ވަރަކުން އަޅުކަން ކުރުން ގިނަކުރަމުން ގެންދާށެވެ. ޔަޤީން ކުރަން މަސައްކަތްކުރަންވީ އަޅުކަން ކުރެވޭ ފެންވަރެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން