ހޫދުގެފާނުގެ ވާހަކަ: ޢާދުބާގައިގެ މީސްތަކުންނަށް ދެއްވި ނިޢުމަތްތައް

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 59ސ
ހޫދުގެފާނުގެ ވާހަކަ: ޢާދުބާގައިގެ މީސްތަކުންނަށް ދެއްވި ނިޢުމަތްތައް

هود عليه السّلام

نوح عليه السّلام ގެ ޒަމާނުގެ ތޫފާނުން މާތްالله سبحانه وتعالى ސަލާމަތް ކުރެއްވި މުއުމިނުން ދުނިޔެ ޢިމާރާތްކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެއްޓިއެވެ. ދިރިއުޅޭނޭ ގެތަށް އެޅުމުގެ މަސައްކަތް ކުރަންފެށިއެވެ. ދަނޑުބިންތަކުގައި ގަސްއިންދައި، ދަނޑުވެރިކަން ކުރަންފެށިއެވެ. ދުވަސްތަކެއްގެ ބުރަމަސައްކަތަށްފަހު، ޠޫފާނުގައި ދުނިޔެއިން ނެތިގެން ދިޔަ ދިރުންތައް އަލާވާންފެށިއެވެ. ޢިމާރާތްތައް ގިނަވެ ދުނިޔެ ފަޅުފިލަން ފެށިއެވެ. ކާބޯތަކެއްޗާއި، ގެރިބަކަރި ޖަމަލު ގިނަވާންފެށިއެވެ. މީސްތަކުންގިނަވެ، ބިމުގެ ކަންކޮޅުތަކަށް ފެތުރިގެންދިޔައެވެ.[1]

ބިމުގެ ކަންކޮޅުތަކަށް ފެތުރިގެންދިޔަ ޤަބީލާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ޤަބީލާއަކީ ޢާދުބާގައިގެ މީހުންނެވެ. އެބައިމީހުން ވަޒަންވެރިވެގެން އުޅުނީ ދެކުނު ޔަމަންގައެވެ. މިހާރުގެ ރަށްތައް ބެހިފައިވާ ގޮތަށް ބަލާނަމަ އެއީ ޙަޟްރަމައުތުގެ ބައެކެވެ. އެތަނުގެ ވަށައިގެންވަނީ ވެލިފަރުބަދަތެކެކެވެ. އެތަން އޮންނަނީ ކަނޑުގެ އައްސޭރީގައެވެ. އެތަނަށް އަޙްޤާފޭވެސް ކިޔައެވެ.[2] އެތަނުގެ ވާހަކަ ކީރިތި ޤުރްއާނުގެ އަލްއަޙްޤާފް ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.

وَاذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُ بِالْأَحْقَافِ....)

މާނައީ: "عاد ބާގައިމީހުންގެ أخ (هود ގެފާނު) ގެ ވާހަކަ ކަލޭގެފާނު ކިޔައިދެއްވާށެވެ! (އެއީ) ވެލިފަރުބަދަތަކުގައިވާ، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު إنذار ކުރެއްވި ހިނދެވެ".

ޢާދުބާގައިގެ މީހުން ދިރިއުޅުނު ތަނަށް  "އިރަމް" އޭވެސް ކިޔައެވެ. އެރަށަކީ، އެ ޒަމާނުގެ އިތުރުން މުޅި ދުނިޔެއަށް މިސާލެއްގެ ގޮތުގައި ގުނައިލެވޭ ރަށެކެވެ. އެ ރައްތަކުގައި ހެދިފައިވާ ގަދަފަދަ ޢިމާރާތްތަކުގެ ސަބަބުންނެވެ. ޢުމްރާނީ ގޮތުން ކުރިއަރާފައިވުމުގެ ސަބަބުންނެވެ. ކީރިތި ޤުރްއާނުގެ އަލްފަޖުރު ސޫރަތުގެ ހަތްވަނަ އާޔަތާއި އަށްވަނަ އާޔަތުގައި މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.

إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾

މާނައީ: "އެއީ ތަނބުތަކުގެ ވެރި، އިރަމް އެވެ ކިއުނު ރަށުގެ އަހުލުވެރިންނެވެ. އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާ ފަދަ ބިނާތަކެކެވެ."

ޢާދުބާގައިގެ މީސްތަކުންނަށް ދެއްވި ނިޢުމަތްތައް:

ޢާދުބާގެ މީހުންނަކީ، نوح عليه السّلام ގެ  سام ގެ عوص ގެ عاد ގެ ދަރިފަސްކޮޅު މީހުންނެވެ. މާތްالله سبحانه وتعالى އެބައިމީހުންނަށް ވަރަށް ގިނަގުނަ ނިޢުމަތްތައް ދެއްވިއެވެ. ބިމުގެ ވެރިކަމާއި، ޖިސްމާނީ ބާރެވެ. ނަޢަމް ސޫފިތަކާއި، ދަރީންނެވެ. ގިނަގުނަ ބަގީޗާތަކާއި، ފެންއާރުތަކެވެ. ޢާދުބާގައި މީހުން އިރަމްގެ ނުވަތަ އެބައިމީހުންގެ ރަށުގެ ކޮންމެ ތަނެއްގައި ބިޔަ ތަނބުތަކެއް ބިނާކުރިއެވެ. އެބައިމީހުންގެ ރަށްތައް ހިމާޔަތްކުރުމަށްޓަކައެވެ. ސަހަރާގެ ތެރެއިން ދަތުރުކޮށް ދާ ވިޔަފާރި ޤާފިލާތަކަށް މާ ދުރުން އެ ރަށް ފެންނާނެހެން، އެބައިމީހުންގެ ކުޅަދާނަކަން ދެއްކުމަށްޓަކައެވެ. {އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު/ ތަފްސީރު އިބްނު ކަޘީރު}

މީގެ އިތުރުން، ސަހަރާގެ ތެރޭގައި އެ މީހުންނަށް ކުރިމަތިވާ ތަފާތު މޫސުމީ ގޮންޖެހުންތަކާއި ޠޫފާންތަކާއި ކޮޅިގަނޑުތައް ފަދަ ކަންކަމުން ސަލާމަތް ކޮށްދޭނެ ގޮތްގޮތައް ބިޔަ ގަނޑުވަރުތައް ބިނާކުރިއެވެ. އެ ބިޔަ ގަނޑުވަރުތައް، އެންމެހައި މުސީބާތަކުން އެމީހުން ޙިމާޔަތް ކޮށްދޭނެ ކަމަށް ހީކޮށްގެންނެވެ. އެ ވަރުގެ ޖިސްމާނީ، މާއްދީ ތަނަވަސްކަން ލިބިގެންވާ ބަޔަކު ވިޔަސް، ހިނދުކޮޅެއްގައި ނެތި ފަނާކޮށްލުމަށް ކުޅަނދުންވަންތަ ކަލަކު ވޮޑިގެންވާ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރިއެވެ. މިކަމަށް އިޝާރާތްކުރައްވައި، ކީރިތި ޤުރްއާނުގެ  އައްޝުޢަރާއު ސޫރަތުގެ 128 އާޔަތާއި 129 އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ ﴿١٢٨﴾ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ ﴿١٢٩﴾

މާނައީ: "ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން (އެތަންތާނގައި މަރުނުވެ) އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟"

ޢާދުބާގައިގެ މީހުންނަކީ، އިސްކޮޅުން ދިގުބައެކެވެ. ހަށިގަނޑުން ބިޔަ، ޖިސްމާނީގޮތުން ވަރުގަދަ ބައެކެވެ. މިކަމަށްޓަކައި، އެބައިމީހުން ވަރަށް ބޮޑާވެ ފަޚްރުވެރިވެއެވެ. އެބައިމީހުން ބަލިކުރެވޭނެ އެއްވެސް ބަޔަކު ދުނިޔެ މަތީގައި ނުވާކަމަށް ދައުވާކޮށް އުޅުނެވެ. މާތް الله سبحانه وتعالى އެބައިމީހުންނަށް ދެއްވާފައިވާ، ބާރުގެ ނަހަމަ ބޭނުން އެބައިމީހުން ކުރަމުން ގެންދިޔައެވެ.[3] މީސްތަކުންނަށް އަނިޔާވެރިވެ، މީސްތަކުންގެ މުދާ ފޭރެމުން ގެންދިޔައެވެ. މިދެންނެވި އަނިޔާވެރިކަން، ނިކަމެތި މީސްތަކުންގެ ނޭފަތުކުރި ފެނުޖެހޭ ހިސާބަށް ދިޔައެވެ.

ޢާދުބާގައިގެ މީސްތަކުންގެ މިދެންނެވި އަނިޔާވެރިކަމުގެ އިންތައް ފަހަނައަޅައިގޮސް، އެހިސާބުން ދަތުރުކޮށްދާ ދަތުރުވެރިންނަށްވެސް ވަނީ އެބައިމީހުންގެ އަނިޔާވެރިކަމާއި ކުރިމަތިލާންޖެހިފައެވެ. ދަތުރުވެރިންގެ މުދަލާއި ތަކެތި ފޭރި އެބައިމީހުން މަރާ ހަދައެވެ. މަގުފޭރުމުގެ ނުބައި އާދާ އެބައިމީހުންގެ ގައިގައި ހަރުލާފަ ހުރީ އެއިން އެބައިމީހުންނަށް ދުރަށް ނުދެވޭ ވަރަށެވެ. ކަންތައް މިހިސާބަށް ދިޔުމުން އެޒަމާނުގެ މީސްތަކުން ޢާދުބާގައިގެ މީހުންދެކެ، ބިރިގަނެ ޖެހިލުން ވާންފެށިއެވެ. ވިޔަފާރި ޤާފިލާތަކުގެ ވެރިން ޢާދުބާގައިގެ މީސްތަކުން ވަޒަންވެރިވެގެން އުޅޭ ރަށް ކައިރިން ދަތުރު ކުރަން ފަސްޖެހެންފެށިއެވެ.

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

[1] ނަބީބޭކަލުންގެ ވާހަކަ ސިލްސިލާ މުޙައްމަދު ރަޝީދު އިބްރާހީމް

 

[2] ތަފްހީމުލް ޤުރްއާން

 

[3] މަޢާރިފުލް ޤުރްއާން

މިއަދު އޮންލައިން