ޙަޤީޤީ ޙާދިސާ: ހުރިހާ އަންހެނުން މުސްކުޅިންދެކެ ލޯބިވަނީ ތަނަވަސްކަމުގެ ބޭނުމުގައި ނޫންކަން ސާބިތުކޮށްދިން އިޚްލާޞްތެރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ޙަޤީޤީ ޙާދިސާ: ހުރިހާ އަންހެނުން މުސްކުޅިންދެކެ ލޯބިވަނީ ތަނަވަސްކަމުގެ ބޭނުމުގައި ނޫންކަން ސާބިތުކޮށްދިން އިޚްލާޞްތެރި އަންހެނެއްގެ ވާހަކަ-

އެއިރު އަޅުގަނޑުގެ އުމުރަކީ 20 އަހަރެވެ. އަޅުގަނޑު ފުރަތަމަ ކައިވެނިކުރީ އަޅުގަނޑާއި އެއް އުމުރުގެ ޒުވާނަކާއިއެވެ. އަދި އޭނާ އާއި ކައިވެނިކުރީ ލޯބިވެގެން 3 އަހަރު އެކުގައި އުޅުމަށްފަހުގައެވެ. އެހެނަސް ނަތީޖާއަކަށްވީ 2 ދަރިންނާއި "ބަންގާޅުފޮށްޓެއް" ދީފައި ފިލުމެވެ. ވަރިކުރީވެސް ލޮލަށް ނުފެނި އަހަރަކަށްވުރެ ގިނަ ދުވަހު ހުރެފައެވެ. 

އަތްމަތީގައި ތަނަވަސްކަމެއް ނެތް، އެހީތެރިވެދޭނެ މީހަކު ޢާއިލާގައި ނެތި އަންހެނަކަށް އެފަދަ ޙާލަތެއް ކުރިމަތުވުމުން ކަންކަން މެދުވެރިވާނެ ގޮތް އެނގޭނީ ހަމަ އެފަދަ ޙާލަތެއް ކުރިމަތިވެފައިހުރި އަންހެނަކަށެވެ. ނަޞީބަކުން އަޅުގަނޑު އައީ ވަޒީފާ އަދާކުރަމުންނެވެ. ތިބޭތަނުގެ ކުލި ދެއްކުމުން އެހެން ހުރިހާ ޚަރަދެއްކުރަން ބާކީވަނީ އެންމެ 3000 ރުފިޔާއެވެ. ބިލްތައް ދައްކައި ދަރިންގެ ކަންކަން ކުރަމުން އުޅެންޖެހޭނެ ދަތިޙާލު ހިތަށް ގެނެވޭނީ ހަމަ އެފަދަ ޙާލަތެއް މެދުވެރިވުމުން ކަމަށް މިބުނަނީ އެހެންވެގެންނެވެ. 

އެހެން އުޅުމުގެ ތެރޭގައި ބައްދަލުވި އަޅުގަނޑަށްވުރެ 25 އަހަރު ދޮށީ ފިރިހެނަކު އަޅުގަނޑާއިމެދު ކަންކަންކުރި ގޮތުން އަޅުގަނޑުގެ ހިތުގައި އޭނާގެ މައްޗަށް ލޯބި އުފެދުނެވެ. އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ކިބައިން އެއްވެސް ކަމަކަށް ނުއެދި އަޅުގަނޑާއި 2 ދަރިންނަށް އެހީތެރިވެދިންކަމެވެ. 

އޭނާގެ ބޮޑެތި ދަރިން ތިބެއެވެ. އަޅުގަނޑާއި ދާދި އެއް އުމުރުގެ 2 ކުދިންނެވެ. ކައިވެނިކުރަން އުޅުމުން އޭނާގެ ދަރިންނަށް ހީވީ ބައްޕަގެ ތަނަވަސްކަމާއިހެދި އަޅުގަނޑު އުޅޭކަމަށެވެ. އެހެންވެ ކައިވެނިކުރަން ޤަބޫލެއް ނުވިއެވެ. ޙަޤީޤަތަށް އަޅުގަނޑު ކިޔައިދިނުމުންވެސް އެކަންވެސް ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން ބައްޕައަށް ޕްރެޝަރުކޮށްގެން ބައްޕަގެ ތަނަވަސްކަން އެމީހުންގެ ނަމަށް ބަދަލުވެސްކުރިއެވެ. ބައްޕައަކީ އެއްވެސް ތަނަވަސްކަމެއް ނެތް މީހަކަށް ހެދިއެވެ. އެހުރިހާ ކަމެއް ކޮށްދިނުމުންވެސް ކައިވެނިކުރަން ރުހުމެއް ނުދިނެވެ. 

އެގޮތަށް އެކަންކަންކުރަން އަޅުގަނޑުގާތު ލަފައަށްވެސް އެހިއެވެ. އަޅުގަނޑު ބުނީ އަވަހަށް އެކަން އެގޮތަސް ކުރުމަށެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށާއި މަރުވުމުން މުދައު ވާރުތަވާން ތިބި 2 ދަރިންނަށް ދުނިޔޭގައި ހުރެ މުދައު ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. 

އެއްދުވަހަކު މީހެއްގެ ކިބައިން އެނގުނީ އޭނާ ވަރަށް ބަލިޙާލުގައި ހޮސްޕިޓަލުގައި އޮތްކަމެވެ. އަޅުގަނޑު ވަގުތުން ހޮސްޕިޓަލަށް ދިއައީމެވެ. އެހީތެރިވާންފެށީމެވެ. އެއިރު ދެދަރިންވީ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. ވީމާ ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. 

ލޯނުނެގުމަކީ އަޅުގަނޑު އެހައިތަނަށް ކުރި ކަމެއް ނޫނެވެ. ނަމަވެސް އޭނާއަށް އެހީތެރިވުމަށްޓަކައި އަޅުގަނޑު ލޯނުވެސް ނެގީމެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގެންދަންޖެހުނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. 

ކޮންމެއަކަސް 2 ދަރިން އެނބުރި އައުމުން ފެނުނު މަންޒަރުން އެމީހުންނަށް ވަރަށް އަސަރުކުރިއެވެ. އަދި ކަންކަން މެދުވެރިވިގޮތް ކިޔައިދިނުމުން އެމީހުންނަށް ވިސްނުނެވެ. އަޅުގަނޑަކީ އެމީހުންގެ ބައްޕަގެ ތަނަވަސްކަން ބޭނުންވެގެން އުޅޭ އަންހެނެއް ނޫންކަން ޤަބޫލުކުރެވުނެވެ. އެހިސާބުން އަޅުގަނޑު ނެގި ލޯނުވެސް ދައްކައިދިނެވެ. އަދި ކައިވެނިކުރަން ޤަބޫލުވެސްވިއެވެ. 

ކައިވެނިކުރުމުން ދެދަރިން ބޭނުންވީ އެމީހުންނާ އެއްވަރުގެ ޙިއްޞާއެއް އަޅުގަނޑަށް ދޭށެވެ. އަޅުގަނޑު ބުނީ ބޭނުން ނުވާކަމަށެވެ. ދެން ދެކުދިން އެދުނީ ކުންފުނީގައި މަސައްކަތްކޮށްދިނުމަށެވެ. އެކަންކުރަން އެއްބަސްވީމެވެ. 

ފިރިމީހާ ނިޔާވީ ކައިވެނިކުރިތާ 7 ވަނަ އަހަރުއެވެ. ބައްޕަ ނިޔާވުމުން ދެބެއިން ވަރަށް ހިތްހެޔޮކަމާއިއެކު އަޅުގަނޑަށް ކަންކަންކުރިއެވެ. އަޅުގަނޑަށް ދިރިއުޅޭނެ ފްލެޓެއްވެސް ގަނެދިނެވެ. އަދި ކުރާ މަސައްކަތަށް ރަނގަޅު މުސާރައެއްވެސް ދިނެވެ. އަޅުގަނޑު އެކުދިންގެ ވަޒީފާއިން ވަކިވީ 20 އަަހަރު ޚިދުމަތްކޮށްދީފައެވެ. އަދި މިހާރުވެސް ދެބެއިން އަޅުގަނޑުގެ ޙާލުބަލައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވީ ގިނަ އަންހެނުން މުސްކުޅިންދެކެ ލޯބިވަނީ ތަނަވަސްކަމުގެ ބޭނުމުގައިކަމަށްވީނަމަވެސް އެއީ ހުރިހާ އަންހެނުންގެ ގޮތް ކަމަށް ނުބުނާށެވެ. ލޯބިވާކަށް އުމުރެއް ނެތެވެ. މީހަކާއިމެދު ކޮށްދެވޭ ހެޔޮކަމަކުން އުފެދޭ ލޯބި އެއީ މާވަރުގަދަ ލޯތްބެކެވެ. އެކެއްގެ އުމުރަށް އެކުގައި އުޅެވޭނީ ލޯބިވީ ތަނަވަސްކަމަށް ކަމުގައި ނުވާނަމައެވެ.

މިޒަމާނުގައި ގިނަ ފިރިހެނުންގެ އާދައަކީ އެކަނިވެރިމައަކަށް ކަމެއްކޮށްދެވިއްޖެނަމަ އެކަމުގެ ބަދަލު އަންހެންމީހާގެ ހަށިގަނޑުން ހޯދުމެވެ. ނަމަވެސް އޭނާ ދުވަހަކުވެސް ކައިވެނީގެކުރިން އެފަދަ ގޮތަކަށް އަޅުގަނޑާއި ބައްދަލުވެސް ނުކުރެއެވެ. ބައްދަލުކުރަން ނުވެސް އެދެއެވެ. އަޅުގަނޑަށް އޭނާ ބަލައިގަނެވުނީ އާދައާ ޚިލާފް މީހެއްގެ ގޮތުގައެވެ. އޭނާ ނިޔާވުމުން އިތުރު ކައިވެންޏެއްވެސް ނުކުރަމެވެ. 

އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ ޙަޔާތުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. 

- ޢާއިޝަތު މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން