މަރުވެފައިވާ މީހަކަށް ކޮށްދޭން އެންމެ ރަނގަޅު ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
މަރުވެފައިވާ މީހަކަށް ކޮށްދޭން އެންމެ ރަނގަޅު ދުޢާ!

މަރުވުމުން އެއްވެސް ކަމަށް އެދި އެއްވެސް މީހަކަށް ދުޢާއެއް ނުކުރެވޭނެއެވެ. ކަންކަމަށް އެދި ދުޢާކުރުމުގެ ފުރުޞަތު ލިބިގެންވަނީ ހަމައެކަނި ދުނިޔޭގައި ހުރިއިރުގައެވެ. ވީމާ ކިތަންމެ ބޮޑު ތަޤްވާވެރިއެއް ކަމަށް ބެލެވޭ މީހަކުކަމުގައިވީނަމަވެސް މައިންބަފައިން ކަމުގައިވީނަމަވެސް ކިތަންމެ ގާތްތިމާގެ މީހަކު ކަމުގައިވީނަމަވެސް އަދި ދުރުމީހަކު ކަމުގައިވީނަމަވެސް މަރުވެއްޖެ އެމީހަކަށްޓަކައި ކޮށްދޭން އެންމެ ރަނގަޅު ކަމަކީ، އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަމަކީ އެމީހަކަށްޓަކައި ހެޔޮދުޢާކުރުމެވެ.  

ދެން ބަލައިލަންވީ ކުރަންވީ ކޮން ދުޢާއެއްތޯއެވެ؟ އެއްވެސް ޝައްކެއް ނެތްގޮތުގައި ދުޢާކުރަންވީ އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި އެވެ. ދަރިންގެ ދުޢާއިން ސުވަރުގޭގައި ތިއްބާ މައިންބަފައިން ސުވަރުގޭގައި ތިބި ދަރަޖަ ﷲ ތަޢާލާ މަތިކުރައްވަވަތެވެ. މަތީދަރަޖަތަކަށް އުފުއްލަވަވަތެވެ. ސުވަރުގެ ދެއްވެވުމާއި ސުވަރުގޭގައި މަތީދަރަޖަތައް ލިބުންވަނީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމުންނެވެ. އެމީހެއްގެ ﷲާފަތައް ފުއްސަވައި ދެއްވަވައިފިނަމަ ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެއިން މަތީ ދަރަޖަތައްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ގިނަގިނައިން މިފަދައިން ދުޢާކުރާށެވެ!  

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ. 

"އޭ ﷲ! އޭނާއަށް ފާފަފުއްސަވާ، ރަޙުމަތް ލައްވާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވައި ޢަފޫ ކޮށްދެއްވާނދޭވެ!" 

ޢައުފު ބުން މާލިކް رضي الله عنه ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު، ނަބިއްޔާ صلى الله عليه وسلم އަރިހުގައި ޖަނާޒާ ނަމާދެއްގައި ބައިވެރިވެ ވަޑައިގަތީމެވެ. އެކަލޭފާނު ޖަނާޒާގައި ވިދާޅުވި ދުޢާ ތިމަންކަލޭގެފާނު ހިތުދަސްފުޅު ކުރެއްވީމެވެ. އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. 

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ، وَاعْفُ عَنْهُ.

وَأَكْرِمْ نُزُلَهُ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ.

وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ.

وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ.

وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ. 

"އޭ ﷲ! އޭނާއަށް ފާފަފުއްސަވާ، ރަޙުމަތް ލައްވާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވައި ޢަފޫ ކޮށްދެއްވާނދޭވެ!

އަދި އޭނާގެ މެހްމާންދާރީ މާތްކޮށްދެއްވާނދޭވެ! އަދި އޭނާގެ ވެއްދެވޭ ތަން (އެބަހީ : ކަށްވަޅު) ތަނަވަސްކޮށްދެއްވާނދޭވެ! އަދި ފެނުންނާއި، ސުނޯއިންނާ  އަދި ގަނޑުފެނުން އޭނާ ދޮވެދެއްވާނދޭވެ!

އަދި ހުދު ފޭރާން ހަޑި މިލައިން ސާފު ކޮށްދެއްވި ފަދައިން ފާފަތަކުން އޭނާ ސާފު ކޮށްދެއްވާނދޭވެ!

އަދި އޭނާގެ ގޯއްޗައް ވުރެ ހެޔޮ ގޯއްޗަކަށް އޭނާއަށް ބަދަލުކޮށްދެއްވާނދޭވެ! އަދި އޭނާގެ އަނބިމީހާއަށް ވުރެ ހެޔޮ އަނތްބެއްގެ ގާތަށް އޭނާ ބަދަލު ކޮށްދެއްވާފާނދޭވެ! އަދި އޭނާގެ އަހުލުވެރިންނަށް ވުރެ ހެޔޮ އަހުލުވެރިންގެ ގާތަށް އޭނާ ބަދަލު ކޮށްދެއްވާފާނދޭވެ!

އަދި އޭނާ ސުވަރުގެއަށް ވައްދަވާފާނދޭވެ! އަދި ކަށްވަޅުގެ އަޛާބުންނާއި ނަރަކައިގެ އަޛާބުން އޭނާ ރައްކާތެރި ކޮށްދެއްވާނދޭވެ!"

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

___________________________________

الأذكار والآدابޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން