ހޫދުގެފާނުގެ ވާހަކަ-2: ނަންފުޅާ ނަޞަބްފުޅު

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 28ސ
ހޫދުގެފާނުގެ ވާހަކަ-2: ނަންފުޅާ ނަޞަބްފުޅު

ޝަރީކުކުރަން ފެށުން

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން، މާތްالله سبحانه وتعالى ޢާދުބާގައިގެ މީހުންނަށް ވަރަށް ގިނަގުނަ ނިޢުމަތްތަކެއްދެއްވިއެވެ. ނަމަވެސް ޝައިޠާނާ އެބައިމީހުންގެ ހިތްތަކުގައި ވަހުމްތަށް އުފެއްދިއެވެ. ނަތީޖާއަށްވީ އެއްކައުވަންތަ މާތްالله سبحانه وتعالى އަށް އަޅުކަން ކުރުން ދޫކޮށްލުމެވެ. ތިމާމެންގެ އަމިއްލަ އަތްތަކުން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރަންފެށުމެވެ. نوح عليه السّلام ގެ ޤައުމުގެ ކާފިރުން ޢަމަލުކުރަމުން ގެންދިޔަ ޝަރީކުކުރުމުގެ ގޮތްތައް ޝައިޠާނާ  ޢާދުބާގައިގެ މީސްތަކުންނަށް ވެސް އުގަންނައިދިނެވެ.

ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނަށްފަހު، މާތްالله سبحانه وتعالى އަށް ޝަރީކުކުރުމުގެ ބޮޑު ފާފަ މިބިން މަތީގައި ކުރަންފެށި ބަޔަކީ ޢާދުބާގައިގެ މީސްތަކުންނެވެ. އެބައިމީހުން އަޅުކަން ކުރާ ތިން ބުދެއްވެއެވެ. އެއީ صدا އާއި صمود އާއި هرا އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، 184 ވަނަ ޞަފްޙާ} 

قصص الأنبياء ގައި ޢަބްދުލް ވައްހާބުއް ނައްޖާރު ލިޔުއްވައިފައިވެއެވެ. ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ އަޘަރެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ޢާދުބާގައިގެ މީސްތަކުން އަޅުކަންކޮށް އުޅުނު ބުދުތަކުގެ ތެރޭގައި ޞަމޫދު އޭ ކިޔުނު ބުދަކާއި ހަތާރު އޭ ކިޔުނު ބުދެއްވެއެވެ." {ބައްލަވާ ޢަބްދުލް ވައްހާބުއް ނައްޖާރު ލިޔުއްވާފައިވާ ޤިޞަޞުލް އަންބިޔާޢުގެ 51 ވަނަ ޞަފްޙާ}

ޢާދުބާގައިގެ މީހުން ޝިރުކުކޮށް، މީސްތަކުންނަށް އަނިޔާ ކުރުމުގައި ހައްދުފަހަނަ އަޅައި ދިޔުމުން މާތްالله سبحانه وتعالى އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް އިރާދަކުރެއްވިއެވެ. މާތްالله سبحانه وتعالى ގެ ސީދާ ތެދުމަގު ބަޔާންކޮށްދެއްވާނެ ރަސޫލަކު ފޮނުއްވުމަށް އިރާދަކުރެއްވިއެވެ. އެ ރަސޫލުބޭކަލަކީ هود عليه السّلام އެވެ. 

قصص الأنبياء ގައި ޢަބްދުލް ވައްހާބުއް ނައްޖާރު ލިޔުއްވައިފައިވެއެވެ. هود عليه السّلام އެ ޤަބީލާއަކުން ވަޑައިގެންނެވި ޤަބީލާއަކީ އެ ޤައުމުގެ އެންމެ ރަނގަޅު އެންމެ ކަމުވޮށިގެންވާ ޤަބީލާއެވެ. އެކަލޭގެފާނުގެ ޤަބީލާގެ ނަމަކީ ޚުލޫދެވެ.

{ބައްލަވާ ޢަބްދުލް ވައްހާބުއް ނައްޖާރު ލިޔުއްވާފައިވާ ޤިޞަޞުލް އަންބިޔާޢުގެ 50 ވަނަ ޞަފްޙާ} 

ނަންފުޅާއި ނަސަބުފުޅު:

هود عليه السّلام އަކީ، ޢާދުބާގައި މީހުންގެ ތެރޭގައި  ހިމެނޭ ނުހަނު ޤަދަރުވެރި ދަރިކޮޅަކުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅުވަނީ نوح عليه السّلام އާ ގުޅިފައެވެ. އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ، އެކަލޭގެފާނު ލިޔުއްވި ތާރީޚު ފޮތްކަމުގައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ވިދާޅުވެފައިވެއެވެ. ހޫދުގެފާނަކީ، ނޫޙުގެފާނުގެ ސާމުގެ އަރުފަޚްޝަޛުގެ ޝާލިޚުގެ ދަރިކަލެކެވެ. هود بن شالخ بن أرفحشذ بن سام بن نوح عليه السّلام އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު}

އިތުރު އެހެން ރިވާޔަތެއްގައި ވާގޮތުން ހޫދުގެފާނަކީ، ނޫޙުގެފާނުގެ ސާމުގެ އަރުފަޚްޝަޛުގެ ޝާލިޚްގެ ޢާބިރުގެ ދަރިކަލެކެވެ. هود بن عابر بن شالخ بن أرفحشذ بن سام بن نوح عليه السّلام އެވެ. އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ،  އަލްބިދާޔަތު ވައްނިހާޔަތުގައި، هود عليه السّلام ގެ ނަސަބުފުޅާމެދު ތިންވަނަ ރިވާޔަތެއްވެސް ބަޔާން ކުރައްވައިފައިވެއެވެ. އެރިވާޔަތުގައި ވާގޮތުން ހޫދުގެފާނަކީ، ނޫޙުގެފާނުގެ ސާމުގެ އިރަމުގެ ޢިވްޞުގެ ޢާދުގެ އަލްޖާރޫދުގެ ރިބާޙުގެ ޢަބްދުﷲ ގެ ދަރިކަލެކެވެ. هود بن عبد الله بن رباح بن الجارود بن عاد بن عوص بن ارم بن سام بن نوح عليه السّلام އެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު}  

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން