މައިންބަފައިންގެ ޙައްޤުތައް އަދާނުކުރާނަމަ އެކުރެވެނީ އެންމެ ބޮޑު 4 ފާފައިގެތެރެއިން ފާފައެކެވެ. ވީމާ މައިންބަފައިންނަށް ކަމެއްކޮށްދޭން ޖެހުމުން ބަލަންވީ ތިމާގެ އަމިއްލަބޭނުންތައް ފުދިފައިހުރިތޯއެއް ނޫނެވެ. އަވަސްވެގަންނަންވީ މައިންބަފައިންނަށް ބޭނުންވާ ކަންކަން އަވަހަށް ފުއްދައިދިނުމަށެވެ.
މައިންބަފައިންގެ ޙައްޤުތައް އަދާނުކުރުމާއި ދޮގުހެކި ދިނުމަކީ އެންމެ ބޮޑު 4 ފާފައިގެ ތެރޭގައި ރަސޫލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައިވާ 2 ފާފައެވެ.
އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިތޯ ރަސޫލް (ﷺ) އާއި ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ 4 ކަމެކެވެ. އެއީ، 1 ﷲ ތަޢާލާ ނޫން ފަރާތަކަށް އަޅުކަން ކުރުން (އަޅުކަން ކުރުމުގައި ދެވަނަ ފަރާތެއް ބައިވެރިކުރުން
2 މައިންބަފައިންގެ ޙައްޤުތައް އަދާ ނުކުރުން
3 ޝަރުޢީ ހަމަތަކުގެ މަތިން ނޫނީ މީހަކު މެރުން
4 ދޮގުހެކި ދިނުމެވެ.
Prophet Mohammad (ﷺ) was asked about the great sins He ﷺ said, They are : 1 To join others in worship with Allah 2 To be undutiful to one's parents. 3 To kill a person (which Allah has forbidden to kill). 4 And to give a false witness. Sahih al-Bukhari 2653
ކަން މިފަދައިން އޮތް އިރު މައިންބަފައިންގެ ޙައްޤުތައް އަދާނުކުރުމާއި ދޮގު ހެކިދިނުމަކީ ވަރަށް ޢާންމުވެފައިވާ ކަންކަމެވެ. ބައެއް އެއީ ފާފަ ކަމުގައި ނުވެސް ދެކެއެވެ. ކޮން ފަދަ ބޮޑު ހިތާމައެއްތޯއެވެ؟ މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ނުއެނގި ތިބެ ނަމަވެސް ބޮޑެތި ފާފަތަކަށް އަރައިގަނެވުމަކީ ކޮންފަދަ ބޮޑު ހިތާމައެއް ކުރިމަތިވެދާނެ ކަމެއް ކަމާއިމެދު ފުންކޮށް ވިސްނާށެވެ!
"އެއީ އެވަރު ބޮޑު ފާފައެއްކަން ނުވެސް ދެނެހުރިން" ކަމަށް ބުނެގެން ފުއްދައިލެވޭކަށް ނުއޮންނާނެއެވެ. ދީނީ ޢިލްމުވެރިން ގެންދަވަނީ މިކަންކަން ބަޔާންކޮށްދެއްވަވަމުންނެވެ. މީގެ އިތުރުން ހޯދާ ބަލައި ދަސްކުރުމަކީ އެމީހެއްގެ ކަމެކެވެ.
ކޮންމެ މީހަކު ވެސް އެމީހަކު ޝައުޤުވެރިވާކަންކަން އެކި ގޮތްގޮތުން އޮޅުން ފިލުވައެވެ. އިންޓަރނެޓުން މައުލޫމާތު ހޯދައެވެ. އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދައެވެ. ވީއިރު އިސްލާމް ދީނުގެ ކަންކަން ނުއެނގޭ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟
މިކަންކަމަކީ ކީޜިތި ޤުރްއާނުގައި ބަޔާން ކުރައްވަވާފައިވާ ކަންކަމެވެ. ﷲ ތަޢާލާ ވަޙީ ބާވައިލައްވަވާފައިވާ ކަންކަމެވެ. ވީމާ ނުއެނގޭ ކަމަށް ބުނެ އެއްވެސް ޙުއްޖަތެއް ނުދެއްކޭނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން