ރިބާއަށްވުރެ ނުބައިކަންބޮޑު އެއްޗެއް މީހާގެ އެތެރެހަށްޓަކަށް ނުދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ރިބާއަށްވުރެ ނުބައިކަންބޮޑު އެއްޗެއް މީހާގެ އެތެރެހަށްޓަކަށް ނުދާނެ!

ޤިޔާމަތް ދުވަސް އައުމުން ކޮންމެ މީހަކުވެސް އެމީހެއްގެ ކައްވަޅުން ތެދުވެ އަވަސްއަވަހަށް ޤިޔާމަތުގެ މައިދާނަށް އަންނާނެއެވެ. ނަމަވެސް ރިބާކާ މީހުން ތެދުވަން އުޅުމުން ވެއްޓޭނެއެވެ. އަދި އެމީހުންނަށް ޤިޔާމަތުގެ މައިދާނަށް ދެވޭނީ މޮޔަވެފައިވާ، ޖިންނި އަވަލާފައިވާ ބައެއް ފަދައިންނެވެ.

އެހެން އެއްވެސް ފާފައެއް ކުރުމުން އެމީހާ ކައްވަޅުން ތެދުވެގެން އަންނާނީ މިފަދަ ގޮތަކަށް ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައެއް ނުވެއެވެ. ވީމާ މިފަދަ ނުބައި ގޮތަކަށް ރިބާ ކާ މީހުންގެ ވާހަކަ ވަޙީ ކުރައްވަވާފައެވާ ސަބަބާއިމެދު އަމިއްލައަށް ވިސްނަންވާނެއެވެ.

އިމާމް މާލިކްގެފާނަށް މީހަކު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން ކީރިތި ޤުރްއާނާއި ރަސޫލް (ﷺ) ޙަދީޘްފުޅުތައް ވަރަށް ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައި ބެއްލެވުމަށްފަހު އިމާމް މާލިކުގެފާނު ވިދާޅުވެފައިވަނީ ރިބާއަށްވުރެ ނުބައިކަންބޮޑު އެއްޗެއް މީހާގެ އެތެރެހަށްޓަށް ނުދާނެ ކަމަށެވެ.

އިމާމް މާލިކް އަކީ އެބޭކަލެއްގެ ޢިލްމުވެރިކަމާއިމެދު މުޅި އިސްލާމީ އުންމަތް އިއްތިފާޤްވާ ބޭކަލެކެވެ.

އެކަމުގެ އެއް ހެއްކަކީ އެބައަކާއި ދެކޮޅަށް ހަނގުރާމަ ކުރަން ކީރިތި ޤުރްއާނުގަ އިޛުނަ ދެއްވަވާފައިވާ އެއް ބައަކީ ރިބާ ކާ މީހުންނެވެ. އަދި ރިބާކާ މީހުން ކީރިތި ޤުރްއާނުގައި ސިފަކުރައްވަވާފައިވަނީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ﷺ) އާއި ދެކޮޅަށް ހަނގުރާމަކުރާ ބައެއްގެ ގޮތުގައެވެ.

ރިބާ ޙަރާމް ކުރައްވާފައިވަނީ އެންމެހައި މީސްތަކުންގެ ސަލާމަތަށްޓަކައެވެ. ރިބާގެ ސަބަބުން ބޮޑެތި ޤައުމުތައް ދަނީ ފަޤީރުވެ ދަރަނިވެރިވެ ނިކަމެތިވަމުންނެވެ. އެކަން މިދަނީ މީސްތަކުންގެ ލޯތަކަށް ފެނި ތަޖުރިބާ ކުރެވެމުންނެވެ. ލޯނު ނެގުމުން އިންޓަރެސްޓްގެ މައްޗަށް އިންޓަރަސްޓް އަރަމުން ދިއުމުގެ ސަބަބުންނެވެ. ހަމަ އެއާއިއެކު ރިބާ ހިމެނޭ ލޯނުތައް ނަގާ އެތައް ބައަކު ދަނީ ފަޤީރުވެ ނިކަމެތިވެ ދަރަނިވެރިވަމުންނެވެ. ކުއްލިއަކަށް މިހާލަތު ކުރިމަތިވާ އެތައް ބައަކު މިދަނީ ފެންނަމުންނެވެ. މުޅި ދުނިޔޭގައި ތިބި ހުރިހާ އެންމެން ރިބާ ކޭ ނަމަވެސް އެކަމުން ﷲ ތަޢާލާ އަށް ޒަރެއްގެ މިންވަރުގެވެސް އަސަރެއް ނުކުރާނެއެވެ. އެކަމުގެ ސަބަބުން ގެއްލުމާއި ހަލާކާއި ޢަޒާބު ލިބޭނީ ހަމަ އެކަން ކުރި އިންސާނުންނަށެވެ.

ރިބާކައި ރިބާގެ މުޢާމަލާތްކުރާ މީހުން އެމީހުން ރިބާކައި މުޢާމަލާމާތުކުރަމުން ގެންދާއިރު އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ދަނީ ކުރިއަށް ކަމަށް އެބަ ޤަބޫލުކުރެއެވެ. ކީރިތި ޤުރްއާނުގައި މިވަރަށް މަނާފައިކުރައްވަވާފައިވާއިރުވެސް އަދި ޙަދީޘްފުޅުތަކުން އެކަން އެގެން އޮތް ނަމަވެސް ތިމާއަށް އެއްވެސް ބަލިމަޑުމަޑު ކަމެއް ނުޖެހޭ ކަމަށް އެބަ ޤަބޫލުކުރެއެވެ.

ނަމަވެސް އެއީ އެންމެ ނުބައި ވިސްނުމެވެ. ﷲ ތަޢާލާ އެފަދަ މީހުންނަށްވެސް މުޙުލަތު ދެއްވަވާނެތެވެ. އަދި ހިއްޕަވަން ވުމުން ހިއްޕަވާނެތެވެ. ވީމާ ރިބާގެ މުޢާމަލާތްތައް ކުރަން ބިރުވެތިވާށެވެ. ރިބާ ހިމެނޭ އެއްވެސް މުޢާމަލާތަކާއި ކައިރިވެސް ނުވާށެވެ! ޙަޤީޤީ މަންފާއެއް ކުރާނީ ﷲ ތަޢާލާއަށް ބިރުވެތިވުމުންނެވެ.

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

މިއަދު އޮންލައިން