ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކަށް ދެއްވަވާނެ ހުރިހާ ނިޢްމަތްތައް ލިޔުއްވަވައިފައެވެ. އެއިން މަދުވުމެއް ނެތެވެ. ނަމަވެސް ދުޢާގެ ސަބަބުން އިތުރުވުމުގެ ފުރުޞަތު އެބައޮތެވެ. ވީއިރު އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކާއިމެދު ޙަސަދަވެރިވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ރީތި މީހަކު ފެނުނު ނަމަވެސް ހަސަދަވެރިނުވާށެވެ! ކިތަންމެ ވަރަކަށް ހަސަދަވެރިވީނަމަވެސް އޭނާގެ ރީތިކަމުން ތިބާއަށް ބައެއް ނުލިބޭނެއެވެ. އޭނާވެސް ތިބާވެސް ތިއަވަނީ ތިއަ 2 މީހުން ތިބުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައެވެ. ތަނަވަސްކަމާއިމެދުގައިވެސް އޮތީ ހަމަ އެގޮތެވެ. ތިބާ ކިތަންމެ ވަރަކަށް ހަސަދަވެރިވީނަމަވެސް އަނެކާއަށް ދެއްވެވި ތަނަވަސްކަމުން ޛައްރެއްގެ މިންވަރުވެސް ތިބާއަކަށް ނުލިބޭނެއެވެ.
އޭނާއަށް މޮޅު ގޮތްތަކެއް މެދުވެރިވުމުން ތިބާއަށް ލިބެނީ ކޮން އުނިކަމެއް ހެއްޔެވެ؟ ﷲ ތަޢާލާ ގެ ޚަޒާނާއަކީ އެއްވެސް ވަރަކަށް މަދުވާނެ ޚަޒާނާއެއް ނޫނެވެ. ދުނިޔޭގެ އެންމެން ހެޔޮ އަމަލުތައް ކޮށްގެން ކިތަންމެ ގިނައިން ނެގި ނަމަވެސް މެއެވެ.
ވީމާ އޭނާ ކުރިއަރާތީ، އޭނާއަށް ރީތި އަންތބަކު ލިބުނީތީ، އޭނާގެ މުއްސަނދިކަން އިތުރުވާތީ، އޭނާ މަޝްހޫރުވާތީ ތިބާއަށް ކީއްހެއްޔެވެ؟ އެކަމާއި ތިބާ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް މިންވަރު ކުރެއްވެވި ނަމަވެސް ތިބާއަށް މިންވަރު ކުރައްވަވަން ހުރި ނިޢްމަތްތަކުން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. ތިބާއަށް ދެއްވަވަން ހުރި ނިޢްމަތްތައް ދެއްވަވަން ހުރި ޢަދަދަށް އެކަމުގެ ވަގުތު ޖެހުމުން ދެއްވަވާނެތެވެ!
އޭނާ އާއިމެދު ހަސަދަވެރިވުމުން އެކަމުގެ އަނިޔާ ލިބެނީ ހަމަ ތިބާއަށެވެ. އެހެނީ އެ ހަސަދައިގެ ސަބަބުން އަނދައި ހުލިވަމުންދަނީ ތިބާ ކުރާ ހެޔޮ އަމަލުތަކެވެ. ވީމާ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ހަސަދަވެރިވުން އަވަހަށް ހުއްޓައިލާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން