ކަހްފި ސޫރަތަށް އެ ނަން ދެވިފައިވަނީ ހޮހޮޅައިންނެވެ. ހޮހޮޅައިގައި ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވެވި މީހުންގެ ވާހަކައިންނެވެ. އެ ސޫރަތުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ﷲ ތަޢާލާގެ ރައްކައުތެރިކަން މީސްތަކުންނަށް ހުރި މިންވަރެވެ. ﷲ ތަޢާލާއަށް ވަކީލުކޮށް ރައްކައުތެރިކަމަށް އެދޭ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.
ކަހްފި ސޫރަތުން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅު:
"އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހަފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާ ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފުސް ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިއަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކޮށް ، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަ ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!" (ކަހްފި: 28)
މިއާޔަތުން އެނގިގެންދާ އެއްކަމަކީ އުޅެންވީ ކޮން ބައަކާއިއެކުގައި ކަމެވެ. އުޅެންވީ " އެއުރެންގެ ވެރިރަސްކަލާނގެ ވަޖުހަފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު ދުޢާ ކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު"ގައި ކަމެވެ.
ހަމަ އެއާއިއެކު ދުރުހެލިވާންވީ ކޮން ބައަކާއިކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. " ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކޮށް ، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަ ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ" މީހުންނާއި ޖެހޭނީ ދުރުހެލިވާށެވެ. އެއިގެ އިތުރުން އެފަދަ މީހަކަށް ކިޔަމަންވުމެއްވެސް ނެތެވެ.
އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމަށް އެދުމެއްވެސް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން