ރިސާލަތު:
هود عليه السّلام ފުރާފުރިހަމަވުމުން އެކަލޭގެފާނު ނަބީކަމުގެ މަސްޢޫލިއްޔަތާއިގެން ޢާދުބާގައިގެ މީސްތަކުންގެ ގާތަށް ފޮނުއްވިއެވެ. އެކަލޭގެފާނު، ޢާދުބާގައިގެ މީސްތަކުންނަށް ބުދަށް އަޅުކަން ކުރުން ދޫކޮށް މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަމަށް އީމާން ވުމަށް ގޮވައިލެއްވިއެވެ. އެބައިމީހުން ކުރަމުންގެންދިޔަ އެންމެހައި ނުބައި ޢަމަލުތަކުން ދުރުވެގަތުމަށް ގޮވައިލެއްވިއެވެ.
ނަމަވެސް هود عليه السّلام އަކީ ﷲ ގެ ނަބީބޭކަލެއް ކަމަށް އެމީހުން އިންކާރު ކުރިއެވެ. އެކަލޭގެފާނު ދެއްވާ އިންޒާރުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް އިންޒާރުތަކެއްކަން އާންމު ރައްޔިތުންނަށް ވިސްނައިދިނެވެ. އެ ވާހަކަތައް ފެތުރުމުގައި އެންމެ އިސް މޭސްތިރިންނަކީ ޤައުމުގެ ބޮޑުނެވެ. އެމީހުން هود عليه السّلام އަށް އީމާން ނުވެތިބެމެ، އެހެން މީހުން އެކަލޭގެފާނަށް އީމާންވިޔަ ނުދިނުމަށް ވެސް އެތައް ޙުއްޖަތްތަކެއް ދެއްކިއެވެ. އެތައް ހަމަތަކަކާއި ދަލީލުތަކެއް ދެއްކިއެވެ. މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލް މުއުމިނޫން ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَ الْمَلَأُ مِن قَوْمِهِ الَّذِينَ كَفَرُوا وَكَذَّبُوا بِلِقَاءِ الْآخِرَةِ وَأَتْرَفْنَاهُمْ فِي الْحَيَاةِ الدُّنْيَا مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ ﴿٣٣﴾
މާނައީ: "އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كافر ވެ، އަދި آخرة އާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياة ގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ".
هود عليه السّلام އަކީ ނަބީބޭކަލެއް ނޫންކަމާއި އެކަލޭފާނަކީ އާދައިގެ އިންސާނެއް ކަމަށް ޙުއްޖަތް ދެއްކުމަށް ފަހު، އެމީހުންގެ ބޮޑުން ބުނި ބަސްތައް ކީރިތި ޤުރްއާނުގެ މުއުމިނޫން ސޫރަތުގެ 34 ވަނަ އާޔަތުގައި މާތްالله سبحانه وتعالى ވަޙީ ކުރައްވާފައި ވަނީ މިދަންނަވާ ފަދައިންނެވެ.
وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَاسِرُونَ ﴿٣٤﴾
މާނައީ: "އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدم ގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ."
އެވަރުން ވެސް އެމީހުން ފުއްދައިލީކީ ނޫނެވެ. ޝިރުކުގެ މަތީގައި މަރުވެއްޖެ ނަމަ، އާޚިރަތުގައި ހުރި ވޭންދެނިވި އަޒާބާ ބެހޭ ގޮތުން هود عليه السّلام އިންޒާރު ދެއްވުމުން އެކަމަށްވެސް އިންކާރު ކުރިއެވެ. މަރުވުމަށް ފަހު އަލުން ދިރުއްވުމަކީ ނުވާނެކަމެއްކަން އެބައިމީހުން ޤަބޫލު ކުރިއެވެ. މިކަން ކީރިތި ޤުރްއާނުގެ މުއުމިނޫން ސޫރަތުގައި މާތްﷲ ބަޔާން ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ.
أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ ﴿٣٥﴾ هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ﴿٣٦﴾ إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٣٧﴾
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެ ހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެ ހިނދު، އަލުން ދިރުއްވައި ނެރުއްވާނޭ ކަމަށް އޭނާ ތިޔަބައިމީހުންނަށް ވަޢުދު ކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަންތައް ދުރުވެގެންވެ އެވެ. (ވަރަށް) ދުރުވެގެންވެ އެވެ. އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމު އެވެ. އަދި ދިރިއުޅެމު އެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމު އެވެ."
هود عليه السّلام، މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމުން، ޢާދުބާގައިގެ މީސްތަކުންނަށް ހީވީ އެކަލޭގެފާނު އިތުރުފުޅު ހައްދަވަނީ ކަމަށެވެ. ކެހިވެރި ރޭވުމެއްގެ ތެރޭގައި އަމިއްލަފުޅު މަޤްޞަދެއް ޙާޞިލު ކުރައްވަން އުޅުއްވަނީ ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 66 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ ﴿٦٦﴾
މާނައީ: "އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."
ޢާދުބާގައިގެ މީސްތަކުން هود عليه السّلام އަށް ތަފާތު ތުހުމަތުތައް ކުރަމުން ގެންދެއެވެ. އެއްބައިފަހަރު، އެކަލޭގެފާނަކީ ދޮގުވެރިއެއް ކަމަށް ތުހުމަތުކުރަމުން ގެންދެއެވެ. އަނެއްބައިފަހަރު، އެކަލޭގެފާނަކީ ބުއްދި ހަމަނުޖެހޭ މޮޔައެކޭ ބުނަމުންގެންދެއެވެ. ޤައުމުގެ މީހުން ކޮންމެ ތުހުމަތެއް ކުރިޔަސް، هود عليه السّلام ސާބިތުކަމާއެކު ހުންނެވީ މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަމަށް ދަޢުވަތު ދެއްވުމުގައެވެ. އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ދެއްވި ނަޞޭހަތް ބަޔާން ކުރައްވާ ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 67 ވަނަ އާޔަތާއި 68 ވަނަ އާޔަތުގައި މާތްالله سبحانه وتعالى ވަޙީ ކުރައްވައިފައިވެއެވެ.
قَالَ يَا قَوْمِ لَيْسَ بِي سَفَاهَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴿٦٧﴾ أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ ﴿٦٨﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން އައި رسول އަކީމެވެ. އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ أمانة ތެރި نصيحة ތެރިޔަކީމެވެ."
هود عليه السّلام އެކަލޭގެފާނަކީ މާތްالله سبحانه وتعالى ގެ ޙައްޤު ރަސޫލެއްކަމާއި އަމާނާތްތެރި ރަސޫލުބޭކަލެއްކަން ބަޔާން ކޮށްދެއްވިއެވެ. އެމީހުންނަށް މާތްالله سبحانه وتعالى ދެއްވި މަތިވެރި ނިޢުމަތްތަކާއި ޖިސްމާނީ ޤާބިލުކަން އެމީހުންނަށް ވިސްނައިދެއްވިއެވެ.
- ލިޔުނީ ޢަލީ އިޙްޞާން ފިޜާޤް