އަބަދު ހީނ އުފާކުރާމީހުންނަށް އިމާމް ޙަސަން އަލް ބަސަރީގެ ޚާއްޞަ ސުވާލުތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 10ސ
އަބަދު ހީނ އުފާކުރާމީހުންނަށް އިމާމް ޙަސަން އަލް ބަސަރީގެ ޚާއްޞަ ސުވާލުތަކެއް!

ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ. 

"ތިމަން ކަލޭގެފާނަށް އެނގިލައްވާއެއްޗެހި ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ ތިޔަބައިމީހުން ހުނީހީ މަދުންނެވެ. އަދި ވަރަށް ގިނައިން ތިޔަބއިމީހުން ރޮއެހަދާނެތެވެ"  

ޙަސަން އަލް ބަސަރީ އަކީ  މީގެ ޒަމާންތަކެއް ކުރިން އުޅުއްވި ޢިލްމުވެރިއަދި އެހާމެ އަޅުވެރި ބޭކަލެއްގެ އިތުރުން  މީހުންގެ އިޙްތިރާމާއި ލޯބި އެންމެ ފުރިހަމަގޮތުގައި ލިބިލެއްވި ބޭކަލެއްވެސްމެއެވެ. މަރުމަތީންނާއި އަދި ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ މަތީން ގިނަގިނައިން ހަނދުމަކޮށް އުޅުއްވުމަކީ އެކަލޭގެފާނުގެ އާދައެވެ. އެހެންކަމުން ހީ ސަމާސާ ކުރުމަކީ އެކަލޭގެފާނު މާގަޔާވެ ވަޑައިގަންނަވާ އަދި އެހާ ކުރައްވާހިތްވާ ކަމެއްނޫނެވެ. މިގޮތުން އެއްދުވަހަކު މަގުމަތީގައި ހުރި ޒުވާނަކު މާގަދަޔަށް ހީ ސަމާސާކޮށް ހަދާތަން ފެނިވަޑައިގެން އެތަނުގައި މަޑު ކުރެއްވިއެވެ. އަދި އެމަންޒަރު ބައްލަވަން ހުންނަވާފައި އެޒުވާނާގެ ކައިރިއަށް ދުރުވެ ސުވާލު ކުރެއްވިއެވެ. 

" އޭ ޒުވާނާއެވެ! ކަލޭ ޞިރާތުމަގު ހުރަސްކުރީތޯއެވެ؟ ކަލޭ ވަންނާނެ ތަނަކީ ސުވަރުގެކަން ފަހެ ކަލެއަށް އެނގުނީތޯއެވެ؟"

ޒުވާނާ ޖަވާބުގައި ނޫނެކޭ ބުނުމުން ވިދާޅުވިއެވެ.

"އެހެން ކަމުގައިވަނީނަމަ ކަލޭ މާގިނައިން ހީ ސަމާސާކޮށްތިހަދަނީ އަޅެފަހެ ކޮން އުފަލެއް ކަލެއަށް ޙާޞިލްވެގެންތޯއެވެ؟" 

އަޚުންނާއި އުޚްތުންނޭވެ! ދުނިޔޭގެ ދިރިއުޅުމުގެ ވަގުތަކީ ދާދި ކުޑަ ވަގުތުކޮޅެކެވެ. އެވަގުތުކޮޅަކީ އަޅުގަނޑުމެންގެ ކުޅިވަރާ މަޖަލުގެ ވަގުތުކޮޅަކަށް ނަހަދަމާތޯއެވެ. ޙަޤީޤީ އަރާމާއި ލައްޒަތާއި ހުނުމުގައި އުޅެން އޮތްތަކަނީ މަތިވެރިވެގެންވާ ސުވަރުގެއެވެ. ޙަޤީޤީ މުއުމިނުން ހޭންފަށާނީ ކާމިޔާބު ލިބިގެންވާ ޙާލު ޞިރާތު މަގު ހުރަސްކުރުމަށްފަހުއެވެ. 

ނެތުމުގެ ތެރެއިން މާތްﷲ އިންސާނުން ހެއްދެވި ހަމައެކަނި ބޭނުމަކީ އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް އަޅުކަންކުރުމެވެ. މާތްﷲ އިންސާނުން ހެއްދެވި މަޤްސަދު ބަޔާންކުރައްވައި الذاريات ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

"وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ"

މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." 

އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުން މިކަން ހަދާންނައްތާލައި ގިނަ ވަގުތު ކުޅިވަރާ މަޖަލުގެތެރޭގައި، އުޅެމުންދާތީއެވެ. އަދި ނަންގަންނަމެވެ، މާތްﷲ އުޑާއި ބިން ޚަލްޤު ކުރެއްވީ އަޅުގަޑުމެން ކުޅިވަރުކުޅެ ހީ، ސަމާސާކޮށް މަޖާ ކުރާކަށް ނޫނެވެ. ކީރިތި ޤުރުއާނުގެ الأنبياء ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވައެވެ 

"وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ

މާނައީ: ” ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެ." 

ކަންއޮތީ މިހެންކަމުގައިވީއިރު އުޑާއި ބިމާއި އެދެމެދުގައި ވާހައިތަކެއްޗެއް ހެއްދެވި ޙަޤީޤީ މަޤްސަދު ހަނދާން ނައްތާލައި، ބޭކާރުގޮތުގައި ކުޅިވަރުކުޅެ ހީ ސަމާސާކޮށް ހަދައިއުޅުމަކީ ޖާހިލުކަން ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ 

- އައްޝައިޚް މުޙައްމަދު ނިހާދު ޖަމާލު

 

މިއަދު އޮންލައިން