ޙަޤީޤީ ޙާދިސާ: މިފަހަރު އިނގިރޭސިވިލާތުން! ބިޒީކަމުން އަނބިމީހާ ބަލިވެއިންތާ 3 މަސްވީއިރު އެވާހަކަ ބުނެލާނެ ފުރުޞަތު ނުދެވުނު ފިރިއަކު އަނބިމީހާއަށްކުރާ ޚާއްޞަ ވައުދެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޙަޤީޤީ ޙާދިސާ: މިފަހަރު އިނގިރޭސިވިލާތުން! ބިޒީކަމުން އަނބިމީހާ ބަލިވެއިންތާ 3 މަސްވީއިރު އެވާހަކަ ބުނެލާނެ ފުރުޞަތު ނުދެވުނު ފިރިއަކު އަނބިމީހާއަށްކުރާ ޚާއްޞަ ވައުދެއް!

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު މިފޮނުވަނީ އިނގިރޭސިވިލާތުގައި ހުރެގެންނެވެ. ވިދާޅުވާށެވެ! 

އަޅުގަނޑަކީ ކިޔަވައިގެން ވަޒީފާއަދާކުރާ ދިވެއްސެކެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރަމެވެ. 2020 ގެ ރީތި ތާރީޚެއްގައި ކައިވެނިކުރީމެވެ. ކައިވެނިކުރި ތާރީޚު ރީތިވިނަމަވެސް ދިރިއުޅެވުނީ ރީތިކޮށެއް ނޫނެވެ. ކައިވެންޏަށްފަހު އަނބިމީހާއަށް ސަމާލުކަމެއް ނުދެވުނެވެ. ސަމާލުކަންދެވުނީ މަސައްކަތަށެވެ. ރޭގަނޑު ގެއަށް ދެވެނީވެސް ވަރަށް ލަހުންނެވެ. އެހެންވެ އަނބިމީހާ ވާހަކަދައްކަން އުޅުނު ނަމަވެސް އެފުރުޞަތުވެސް ނުދެވެއެވެ. 

މިދިއަ އަހަރަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު އަހަރެކެވެ. ކޮންމެ ދުވަހަކު ހެނދުނު ގެއިން ނުކުންނައިރު އަޅުގަނޑާއި ވާހަކަދައްކަން ބޭނުންވެގެން އަނބިމީހާ އުޅެއެވެ. ވަރަށް މުހިންމު ވާހަކައެއް ބުނަން އެބައޮތްކަމަށްވެސް ބުނެއެވެ. "މިރޭ އައިމަ" ތިވާހަކަ ދައްކަންބުނެފަ ނުކުމެގެންދެވެނީއެވެ. 

އެގޮތަށް 3 މަސްދުވަސްވީފަހުން އެއްރޭ އަވަށްޓެރިއަކު ގުޅާފައި ބުނީ އަންހެނުން ހޭނެތިގެން ވެއްޓިފައި އެބައޮތްކަމަށާއި މިއުޅެނީ އެމްބިޔުލާންސަށް ގުޅައިގެން ކަމަށެވެ. އަދި ގެއަށް އައުމުގެ ބަދަލުގައި ސީދާ ހޮސްޕިޓަލަށް ދިއުމަށެވެ.

އަވަސްއަވަސްކޮށްލައިގެން ހޮސްޕިޓަލަށް ދެވުނުއިރު އަނބިމީހާވަނީ އައިސީޔޫއަށް ވައްދައިފައެވެ. ފެންނާނެ ގޮތެއްވެސް ނުވިއެވެ. އިންތިޒާރުގައި އިންނަތާ 4 ގަޑިއިރުފަހުން ނަރުސްކުއްޖަކު އައިސް ބުނީ އުފާކުރުމަށާއި ދެމައިންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.

"ދެމައިންގެ ޙާލު ރަނގަޅު" ކަމަށް އަޅުގަނޑު ހީކުރީ އެދައްކަނީ އެހެން އަނހެނެއްގެ ވާހަކަ ކަމަށެވެ. އެހެންވެ ނަންކިޔާފައި ތިއަ ދައްކަނީ އަޅުގަނޑުގެ އަނބިމީހާގެ ވާހަކަތޯ ސުވާލުކުރުމުން ބުނީ މިދައްކަނީ އަޅުގަނޑުގެ އަނބިމިހާގެ ވާހަކަކަމަށެވެ. ދެން އެހިށާބުން ބުނާނެ އެއްޗެއް ނުއެނގިފައި އިނދެވުނެވެ. 

އަނބިމީހާ އާއި ބައްދަލުވީ އަނެއް ދުވަހުއެވެ. ބައްދަލުވުމުން ކަންކަން އެނގުނުއިރު އަނބިމީހާ އަށް އަޅުގަނޑު ފުރުޞަތު ނުދޭތީ އަޅުގަނޑު ގާތު ނުބުނެވި 3 މަސްވެގެން މިދިއައީ އޭނާ ބަލިވެއިން ވާހަކައެވެ. ގަތްލަދެއް ބުނަންވެސް ނުއެނގުނެވެ. ނަމަވެސް އެހިސާބުން އެކަންކަން އެއީ މާޒީކަމުގައި ހެދީމެވެ. އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަންދޭންފެށީމެވެ. ދަރިފުޅު ލިބުމުން އަނބިމީހާ އާއި ދަރިފުޅަށެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެންމެ ބޮޑަށް ސަމާލުކަންދޭނީ އަނބިމިހާއަށާއި ދަރިފުޅަށެވެ. I really love both of them 

އަޅުގަނޑުގެ އަނބިމިހާއަކީ މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ޙާދިސާ" ސީރީޒް ވަރަށް ޤަވާއިދުން ކިޔާ އަންހެނެކެވެ. ވަގުތުވާވަރަކުން އަޅުގަނޑުވެސް ކިޔަމެވެ. ބައެއް ފަހަރު އަބިމީހާ ބުނާނެއެވެ. "ތިއައީ ކުށް ޤަބޫލުކުރާ ފިރިއެއް ނޫނެވެ. ކުށް ޤަބޫލުނުކުރާ ފިރިން ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ. މިއަދުނޫހުގައި މިވާހަކަކޮޅު ޝާއިޢުކޮށްލަން ބޭނުންވީ މިހާރު މިހުރީ ކުށް ޤަބޫލުކޮށްގެންކަން އަނބިމީހާއަށް މިއަދުނޫސް މެދުވެރިކޮށް އަންގާލުމަށެވެ. ހަމައެކަނި މިއަދުނޫސް މެދުވެރިކޮށެއްވެސް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ ހެކިވެރިއަކަށްވެސް މިއަދުނޫސް ހަދާށެވެ! 

ލަޠީފްބެ އަތުގަ އަޅުގަނޑުގެ ފޮޓޯއާ ވަނަވަރުވެސް ހުންނާނެއެވެ. ވައުދުއުވާލައިގެން އަނބިމީހާ ލަޠީފްބެ ގާތު ބުނެފިނަމަ އެވާހަކަ ފޮޓޯއާއެކު ނޫހުގަޖަހާށެވެ. މިހާވަރުން ވައިފް ވަރަށް ހެޕީވާނެކަމަށް ހީކުރަމެވެ. ދެން ކިޔުންތެރިންނަށްވެސް ފައިދާކުރާނެ ކަމަށްވެސް އުންމީދުކުރަމެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. މިއީ އަނބިދަށުވުމެއްވެސް ނޫނެވެ. މިއީ މިއަދުނޫހުގައި ލިޔަމުން އަންނަ "ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާޕްޕުޅުން-" ސިލްސިލާގައި އޮތް ގޮތަށް އަނބިމީހާދެކެ ލޯބިވާކަން ހާމަކުރުމެވެ. 

- ފައިޞަލް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން