ޢާދުބާގައިގެ މީހުން މާތްالله سبحانه وتعالى އަށް އީމާންވެއްޖެނަމަ، އެބައިމީހުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތައް އަބަދަށް ލަހައްޓަވާނެކަން هود عليه السّلام ބަޔާންކޮށްދެއްވިއެވެ. އެބައިމީހުންނަށް ދެއްވައިފައިވާ ނިޢުމަތްތަކުގެ އިތުރުން އެތައް ނިޢުމަތްތަކެއް މާތްالله سبحانه وتعالى ދެއްވާނެކަން ހަނދާން ކޮށްދެއްވިއެވެ. މިކަން ބަޔާން ކުރައްވައި ހޫދު ސޫރަތުގެ 52 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައި ވަނީ މިދަންނަވާ މޭރުމުންނެވެ.
وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ ﴿٥٢﴾
މާނައީ: "އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް توبة ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"
މާތް الله سبحانه وتعالى ގެ ނިޢުމަތްތައް ހަނދާން ކޮށްދެއްވި ނަމަވެސް، އެމީހުންގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުމާއި، ނުސިޔާނުކަމަކަށް ބަދަލެއް ނައެވެ. هود عليه السّلام ގެ ނަބީކަން ކަށަވަރުވާނޭ ހެކިތައް ދެއްކެވި ނަމަވެސް އެމީހުންގެ ހިތްތަކަށް އަސަރެއް ނުކުރިއެވެ. އެއިން މަންފާއެއް ނުކުރިއެވެ. ޝައިޠާނާގެ ވަސްވާހުގައި ޖެހި އެބައިމީހުންގެ هود عليه السّلام ޖަދަލު ކުރަމުން ގެންދިޔައެވެ. މިކަން ބަޔާން ކުރައްވައި ހޫދު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް