ދަރިންގެ މެދުގަ ތަފާތުކުރުމަކީ ހަސަދަވެރިކަން އުފެދޭ އެންމެ ބޮޑު ސަބަބު! ތަފާތުކުރަން ހެޔޮނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިންގެ މެދުގަ ތަފާތުކުރުމަކީ ހަސަދަވެރިކަން އުފެދޭ އެންމެ ބޮޑު ސަބަބު! ތަފާތުކުރަން ހެޔޮނުވާނެ!: މުފްތީ މެންކް

ކިތަންމެ ރަނގަޅަށް ތަރުބިއްޔަތުކުރިނަމަވެސް ދަރިންގެ މެދުގައި ހަސަދަވެރިކަން އޮވެދާނެއެވެ. އެއީ އެކިކުދިންގެ ކިބައިގައި އީމާންކަން ހުންނާނީ އެކިވަރަށް ކަމުގައިވާތީއެވެ. އީމާންކަން ބަލިކަށިނަމަ އެމީހެއްގެ މައްޗަށް ޝައިޠޯނާ ވެރިވެގަންނާތީއެވެ.  

ދެބެއިންގެ ދެމެދުގައި ދުނިޔޭގައި ހިނގި ފުރަތަމަ ހަމަނުޖެހުން ހިނގީ އާދަމްގެފާނުގެ ދެދަރިންގެ މެދުގައެވެ. އެއްދަރިކަލަކު އަނެއްދަރިކަލަކު ޤަތުލުވެސް ކުރިއެވެ. އެހެންކަމަށްވާއިރު އެއީ އާދަމްގެފާނު އެދެދަރިކަލުން ތަރުބިއްޔަތުކުރެއްވެވި ގޮތުން ކަމަށްބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެނގިގެން މިދަނީ މިކަންމެ ރަނގަޅަށް ތަރުބިއްޔަތުކުރިނަމަވެސް ޝައިޠޯނާ އަތްގަދަކޮށްފާނެ ކަމެވެ. ވީމާ ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަކީ މިއެވެ.  

ދަރިންގެ ހިތުގައި ހަސަދަވެރިކަން އުފެދެން މެދުވެރިވާ އެންމެ ޢާންމު އެއް ސަބަބަކީ އެކަކަށްވުރެ އަނެކަކު މޮޅުވުމެވެ. ތަނަވަސްވުމެވެ. އަނެކާގެ ބައިވެރިޔާ ރީތިވުމެވެ. އެކަންކަމުގެ ސަބަބުން ހިތުގައި އުފެދޭ ނުތަނަވަސްކަމެވެ. ވީމާ އެންމެ ކުޑައިރުންސުރެ ހަސަދަވެރިނުވުމަސް ދަރިންނަށް ދަސްކޮށްދޭށެވެ.  

ދެބެއިން ކަމުގައިވީނަމަވެސް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވާނީ އެކިވަރަށްކަން ދަސްކޮށްދޭންވާނެއެވެ. އެކަކަށްވުރެ ގިނަ ނިޢްމަތް އަނެކާއަށް ދެއްވަވައިފާނެކަމާއި ނިޢްމަތްތައް ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާކަން ކުދިންނަށް އޮޅުންފިލުވައިދޭށެވެ.  

ހަމައެއާއިއެކު ބައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެކަން އެބައޮތެވެ. އެއީ ދަރިންނަށް ތަފާތުނުކުރުމެވެ. އެކަމުގެ ސަބަބުން ހިތުގައި ނުތަނަވަސްކަން އުފެދި ހަސަދަވެރިކަމަށް ބަދަލުވެގެންދާތީއެވެ. އެފުރުޞަތުގެ ބޭނުން ހިފަން ޝައިޠޯނާއަށް ފަސޭހަވެގެންދާތީއެވެ.

ހަސަދަވެރިކަމުގައި ހުރި ނުރައްކައުތެރިކަމަށް ނިކަން ބަލައިބަލާށެވެ. ދެދަރިކަލުންނަކީވެސް އާދަމްގެފާނުގެ ދެދަރިކަލުންނެވެ. އެހެނަސް ހިތުގައި އުފެދުނު ހަސަދަވެރިކަމުގެ ސަބަބުން އޭނާގެ އަޚާއެޤަތުލުކުރީ އެއްވެސް ރަޙުމެއް ނެތިއެވެ. ﷲ ތަޢާލާގެ ޢަޛާބަށް ވިސްނައިލުމެއްވެސް ނެތިއެވެ.  

އަލްމާއިދާ ސޫރަތުގެ 27 ވަނަ އާޔަތުން 31 ވަނަ އާޔަތަށް އެވަނީ އާދަމްގެފާނުގެ ދެދަރިންގެ މެދުގައި ކަންކަން ހިނގައިދިއަގޮތެވެ. ޢިބްރަތްޙާޞިލުކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން