ޙަޤީޤީ ޙާދިސާ: ދަރިފުޅު ލޮލުންވެސް ނުދެކި ޚަރަދެއްވެސް ނުކޮށް ހުއްޓާ ބާރަ އަހަރުގަ ދަރިފުޅު މަރުވުމުން ރޯން މަހާނަކައިރިއަށް ދިއަ ބައްޕައެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅު ލޮލުންވެސް ނުދެކި ޚަރަދެއްވެސް ނުކޮށް ހުއްޓާ ބާރަ އަހަރުގަ ދަރިފުޅު މަރުވުމުން ރޯން މަހާނަކައިރިއަށް ދިއަ ބައްޕައެއްގެ ވާހަކަ-

އަޅުގަނޑަކީ ކިތަންމެހައިވެސް ބޮޑު ކުށްވެރިއެކެވެ. އެހެނަސް އަޅުގަނޑު މިވާހަކަތައް ކިޔައިދޭން ބޭނުމެވެ. ފަހަރެއްގައި އަޅުގަނޑުފަދަ ނުބައި އެހެން ބައްޕައިންނަށް ފައިދާއެއް ކޮށްފާނެ ކަމަށެވެ. 

އަޅުގަނޑުމެންވެސް ކައިވެނިކުރީ ހަމަ ވަރަށް ލޯބިންނެވެ. އެކުގައި ދިރިއުޅެމުން އައީވެސް ހަމަ ވަރަށް އުފަލުގައެވެ. ކުށްވެރިއަކީ ކާކުކަމާމެދުގައި ވާހަކަދައްކާކަށް ނެތީމެވެ. މިހާރު މާބޮޑަށް ވަގުތު މިވަނީ ފާއިތުވެފައެވެ. 

އަޅުގަނޑާއި އަނބިމީހާ އާއި ދެމެދުގައި ޖެހުނު މައްސަލަތަކަކާއި ގުޅިގެން އަނބިމީހާ ވަރިކުރީ ކައިވެނީގެ 4 ވަނަ އަހަރުއެވެ. އެއިރު އަނބިމީހާ އިނީ ބަލިވެކަން އެނގުނީވެސް ވަރިކުރިފަހުންނެވެ. އެކަން އެގޮތަށް ދިމާވީ އަނބިމީހާ އާއި އަނގައިންވެސް ނުބުނެ މަހެއްހައި ދުވަހު ހުރެފައި ވަރިކުރީތީއެވެ. އެދުވަސްތަކުގައި ގެއަށްވެސް ނުދާތީ އާއި ފޯނުންވެސް ވާހަކަ ނުދައްކާތީއެވެ. 

ބަލިވެ އިންކަން އެނގުމުން ދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވާން ބޭނުންވިއެވެ. އެހެން ނަމަވެސް އަނބިމީހާއަކަށް ނުގުޅަމެވެ. ޙާލެއްވެސް ނުބަލަމެވެ. ޚަރަދެއްވެސް ނުކުރަމެވެ. ވިހެއިކަން އެންގުމުން ދަރިފުޅު ދެކިލަން ހޮސްޕިޓަލަށްދާން ބޭނުންވިއެވެ. އެކަމަކު ނުދެވުނެވެ. އަޅުގަނޑަށް އުޅެވުނީ މުޅިން އެހެން ދުނިޔެއެއްގައެވެ. 

އަޅުގަނޑު އަޅާނުލި ނަމަވެސް ޚަރަދުނުކުރި ނަމަވެސް އަނބިމީހާ ކަންކަންކުރީ ވަރަށް ރަނގަޅަށެވެ. ކޮންމެ މަހަކުހެން ދަރިފުޅުގެ ފޮޓޯގަނޑެއް ފޮނުވައެވެ. އެކަމާމެދު ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ކޮންމެ ފަހަރަކުވެސް ފޮޓޯގަނޑު ލިބުނީމާ ބައްދަލުކުރަންދާން ބޭނުންވެއެވެ. ނަމަވެސް ނުދެވެއެވެ. އެއީ އަޅުގަނޑަށް ކަންތައްތައް ކުރެވުނު ގޮތުން ގަންނަ ލަދަކުން ކަމަށްވެސް ވެދާނެއެވެ. 

ކޮންމެއަކަސް ދަރިފުޅުގެ އުމުރުން 12 ވަނަ އަހަރުގައި އެއްރޭ ނިދާފައި ހެނދުނު ހޭލިއިރު ކުރީގެ އަނބިމީހާ ފޮޓޯތަކެއް ފޮނުވާފައި ހުއްޓެވެ. ދަރިފުޅު ހޮސްޕިޓަލަށް ގެންދިއަ ފޮޓޯއަކާއި އައިސީޔޫގައި ފަރުވާދެމުން ގެންދިއަ ފޮޓޯއަކާއި މަހާނައިގެ ފޮޓޯއެކެވެ. ހޮސްޕިޓަލަށް ގެންދިއަ ފޮޓޯ ފޮނުވާފައި އިނީ އިރުއޮއްސުނުތަނާއެވެ. ވީމާ ފޯނު ބެލުނު ނަމަ ފެނުނީހެވެ. އަޅުގަނޑު ފޮޓޯތައް ނުބެލުމުން 11 ޖަހަނިކޮށް ގުޅާފައިވެސް އޮތެވެ. އެއިރުވެސް ހޭލާ އުޅެމެވެ. އެކަމަކު މިސްކޯލުވެސް އޮތީ ނުފެނިފައެވެ. އަޅުގަނޑަކީ އިރުއިރުކޮޅުން ފޯނު ހާވާ މީހެކެވެ. ވީމާ ބުނަން އޮތީ އެކަން އެހެން އެދިމާވީ އަޅުގަނޑަށް ދަރިފުޅާއިމެދު ކަންކަން ކުރެވުނު ނުބައިގޮތުން ކަމަށް ޤަބޫލުކުރާ ވާހަކައެވެ. 

ފޮޓޯތައް ފެނުމުން ބާރަށް ރޯން ފެށުނެވެ. ވަގުތުން ސަހަރާއަށް ދިއައިމެވެ. މަހާނަކައިރިއަށް ގޮސް އިނދެ ރުއީމެވެ. އެތައް އިރެއްވަންދެން ރޯން އިނީމެވެ. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑު ރުއިރުއިމުގެ އަޑު ދަރިފުޅަށް އިވޭނެ ކަމަށެވެ. އެންމެކުޑަމިނުން ބައްޕަ ދަރިފުޅުދެކެ ލޯބިވާކަން އެނގޭނެ ކަމަށެވެ. 

މިވާހަކަ ފަށަމުންވެސް އަލުގަނޑަކީ ވަރަށް ބޮޑު ކުށްވެރިއެއްކަމަށް ބުނީ މިސަބަބުތަކަށްޓަކައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހުށަހެޅީ އަޅުގަނޑަކީ ކުށްވެރިއެއް ކަމަށް ޤަބޫލުކުރަމުންނެވެ. އަޅުގަނޑުގެ މިވާހަކަކޮޅު ކިޔާ އަޅުގަނޑުފަދަ ނުބައި ހުރިހާ ބައްޕައިންނަށްވެސް ފައިދާއެއް ކުރާނެ ކަމަށް ހީކުރަމެވެ. އަޅުގަނޑަކީ އެހެން ބައަކަށް ނަޞޭޙަތްދެވޭފަދަ ޙާލަތެއްގައި ހުރި ބައްޕައެއް ނޫންކަންވެސް އެނގެއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑަށް ދިމާވިފަދަ ދެރަ ގޮތެއް ލިބި ނުގަތުމަށް ވަރަށް ބޮޑަށް އެދޭވާހަކަ ބުނެލަމެވެ. 

- ނަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

    

މިއަދު އޮންލައިން