ތިބާއާއި ކަޢުބަތުﷲ ގެފުޅާ ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވެވުމަށް އެދެމުހެއްޔެވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 33ސ
ތިބާއާއި ކަޢުބަތުﷲ ގެފުޅާ ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވެވުމަށް އެދެމުހެއްޔެވެ؟

ތިމާއަށް ކުރެވޭ ކުޑަކުޑަ ޢަމަލަކުން ވަރަށް ގިނަ އަތި މަތިވެރި ޘަވާބާއި ރަޙްމަތް ދެއްވަވާ އެތައް ކަމެއް އިސްލާމް ދީނުގައި އެބްއޮތެވެ. ފުރުޞަތުގެ ބޭނުން ހިފަން މަސައްކަތްކޮށްފި މީހަކަށް ދުނިޔެއާއި ޢާޚިރަތުގައިވެސް އެކަމުގެ ފައިދާކުރާނެއެވެ. 

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަން  

ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުން ޞައްޙަ ޙަދީޘްތަކެއް ނަބިއްޔާ محمد صلى الله عليه وسلم ގެ އަރިހުން ވާރިދުވެ އައިސްފައިވެއެވެ. އޭގެތެރޭގައި:

1.    އަބޫ ސަޢީދު އަލްޚުދުރީގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

»مَنْ قَرَأَ سُورَةَ الْكَهْفِ لَيْلَةَ الْجُمُعَةِ، أَضَاءَ لَهُ مِنَ النُّورِ فِيمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيقِ« [رواه الدارمي (3450)، وصححه الشيخ الألباني فيصحيح الجامع” (6471)]

މާނައީ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ." 

2.    އަދިވެސް ޙަދީޘެއްގައިވެއެވެ. 

»مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ «[رواه الحاكم (2 / 399) والبيهقي (3 / 353)، وصححه الشيخ الألباني فيصحيح الجامع” (6470)]

މާނައީ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ." 

މި ޙަދީޘާއި ބެހޭގޮތުން "تخريج الأذكار" ގައި އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "މިއީ ޙަސަން ޙަދީޘެކެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. " އަދި މި ޙަދީޘަކީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމާއި ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ބާރުގަދަ ޙަދީޘެވެ."

[فيض القدير (6 / 198)] 

ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަންވީ ކޮން ވަޤުތަކު؟ 

ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވިދާނެއެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ވިލޭރޭ ފެށުނީއެވެ. އަދި ހުކުރު ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ދުވަސް ނިމުނީއެވެ. ވުމާއެކު ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމުގެ ވަޤުތަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ. 

އަލްމުނާވީ رحمه الله ވިދާޅުވެފައިވެއެވެ. "އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. "ބައެއް ރިވާޔަތްތަކުގައި "ހުކުރު ދުވަހު" އަދި ބައެއް ރިވާޔަތްތަކުގައި "ހުކުރު ވިލޭރޭ" ބަޔާންވެފައިވެއެވެ. ދުވަހެއް އެދުވަހުގެ ރެޔާއެކު ބުނެވޭ ބަހުގެ މާނައަކީ ރޭގަނޑު އޭގެ ދުވާލުގަޑިއާއެކު ވުމެވެ."

فيض القدير  (6 / 199)

އަލްމުނާވީ رحمه الله އަދިވެސް ވިދާޅުވެފައިވެއެވެ. "ފަހެ އައްޝާފިޢީ رحمه الله ނައްޞު ކުރައްވާފައިވާ ފަދައިން ހުކުރު ދުވަހާއި ހަމަ އެފަދައިން ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ."

فيض القدير (6 / 198)

ހުކުރު ދުވަހު އާލް-ޢިމްރާން ސޫރަތް ކިޔެވުމަކީ ސުންނަތެއް ހެއްޔެވެ؟

ހުކުރު ދުވަހު އާލް-ޢިމްރާން ސޫރަތް ކިޔެވުމާއި ބެހޭގޮތުން ޞައްޙަ އެއްވެސް ޙަދީޘެއް ވާރިދުވެފައެއް ނެތެވެ. މިކަމާ ގުޅޭގޮތުން ވާރިދުވެފައިވާ ހުރިހާ ޙަދީޘަކީވެސް ވަރަށް ބޮޑަށް ޟަޢީފް (ބަލި) ނުވަތަ މަޢުޟޫޢު ޙަދީޘްތަކެވެ.

والله أعلم.

 

- އަލްއަޚް ނަޡީމް ނިޡާމް

 

 

 

މިއަދު އޮންލައިން