އޭ މުސްލިމް އަޚާއެވެ! ނަމާދުކުރުމަށް މިސްކިތަށް ދިޔުމަށް ޝަރުޢުވެގެންވާ އަދަބުތައް ދެނެގަތުމަކީ ހަމަކަށަވަރުންވެސް ތިބާއަށް މުހިއްމު ކަމެކެވެ. އެއީ ނަމާދަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެނީ، ނަމާދަކީ މަތިވެރިވެގެންވާ އަޅުކަމަކަށްވުމާއިއެކު، ޒީނަތްތެރިކަން ލިބިގެންވާޙާލު ނަމާދުކުރުމަށްޓަކައި ނަމާދަށް ދިޔުމުގެ ކުރިން އެކަށީގެންވާގޮތަށް ތައްޔާރުވުންވެއެވެ.
މުސްލިމުންގެ ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ހިނގާފައިދާއިރު ހަމަހިމޭންކަމާއި މަޑުމޮޅިކަމާއެކީ ދިޔުންވެއެވެ. ހަމަހިމޭންކަމަކީ އަވަސް އަރައިގަތުމެއްނެތި މެދުމިނެއްގައި ހިނގާފައިދިޔުމެވެ. އަދި މަޑުމޮޅިކަމަކީ ހިނގާފައިދާއިރު ބެލުންތިރިކުރުމާއި، ވާހަކަ ދައްކާއިރު އަޑު މަޑުކުރުމެވެ.
ބުޚާރީއާއި މުސްލިމުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. "ނަމާދަށް ޤަމަތްދީފިނަމަ (އެހެން ރިވާޔަތެއްގައިވެއެވެ. ޤަމަތްދޭ އަޑު އިވިއްޖެނަމަ) ހިނގާފައިދާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް (ހިނގުމުގައި) ހަމަހިމޭންވުންވެއެވެ. (ނަމާދުން) ލިބުނު މިންވަރެއް ކުރާށެވެ. އަދި ފާއިތުވިބައި ފުރިހަމަ ކުރާށެވެ.” (ބުޚާރީ: 636، މުސްލިމް: 602)
މުސްލިމްގައި ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރުމަށް ނިޔަތްގެންފިކަމުގައިވާނަމަ އެމީހާ އެވަނީ ނަމާދުގެ ތެރޭގައެވެ." (މުސްލިމް: 602)
އޭ މުސްލިމް އަޚާއެވެ! ޙަރަމް ބަން ތަކުބީރު ލިބިގަތުމަށްޓަކައި މިސްކިތައް އަވަހަށް ދިޔުން ތިބާގެ މައްޗަށްވެއެވެ. އަދި ޖަމާޢަތު އެންމެ ކުރީ ސަފުން ތަން ހޯދުމަށް މަސައްކަތް ކުރުންވެއެވެ. އަދި ތިބާ ހިނގާފައިދާއިރު ދެފިޔަޅުދެމެދު ކައިރިކުރާށެވެ. މިކަންކަމީ ތިބާގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތުތަކެކެވެ. ބުޚާރީއާއި މުސްލިމުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
"ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކުރިއިރު ވުޟޫކުރަންޖެހޭ ފުރިހަމަގޮތަށް ވުޟޫކޮށްގެން ނިކުމެއްޖެކަމުގައިވާނަމަ، އޭނަ އަޅާ ކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުލި، ފާފައެއް ފުއްސެވޭ ގޮތުގައި މެނުވީ އޭނާ ފިޔަވަޅެއްނާޅައެވެ." (ބުޚާރީ: 647، މުސްލިމް: 649)
- އައްޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން