ހޫދުގެފާނުގެ ވާހަކަ 5: ބޮޑާވުމަށް ﷲ ތަޢާލާ ދޫނުކުރައްވަވާނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 56ސ
ހޫދުގެފާނުގެ ވާހަކަ 5: ބޮޑާވުމަށް ﷲ ތަޢާލާ ދޫނުކުރައްވަވާނެތެވެ!

قَالُوا يَا هُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِي آلِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ ﴿٥٣

މާނައީ: "އެއުރެން ދެންނެވޫއެވެ. އޭ هود ގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ إله ންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ."

ޢާދުބާގައިގެ މީސްތަކުން އެކިގޮތް ގޮތުން هود عليه السّلام ގެ ބަސްފުޅުތައް ދޮގުކުރެވޭނެ މަގުތައް ކޮށައި އަލިކުރަމުން ގެންދިޔައެވެ. އެބައިމީހުން އަޅުކަންކޮށް އުޅުނު ބުދުތަކުގެ ގުދުރަތްތެރިކަމާއި ކުޅަދާނަކަން، މާވަރުގަދަ ކަމުގައި އެކަލޭގެފާނަށް ވިސްނައިދީގެންނެވެ. هود عليه السّلام ހުންނެވީ އެބައިމީހުންގެ ބާޠިލު ކަލާނގެތަކުގެ ބާރުގެ ދަށުގައި ކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ. އެތަކެއްޗަށް އައިބުބަސް ވިދާޅުވުމުގެ ސަބަބުން އެކަލޭގެފާނަށްވަނީ ކޮންމެވެސް އާފާތެއް ޖެހިވަޑައިގެންފައި ކަމުގައި އެބައިމީހުން ބުނަމުން ގެންދިޔައެވެ. ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 54 ވަނަ އާޔަތާއި 55 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

إِن نَّقُولُ إِلَّا اعْتَرَاكَ بَعْضُ آلِهَتِنَا بِسُوءٍ ۗ قَالَ إِنِّي أُشْهِدُ اللَّـهَ وَاشْهَدُوا أَنِّي بَرِيءٌ مِّمَّا تُشْرِكُونَ ﴿٥٤﴾ مِن دُونِهِ ۖ فَكِيدُونِي جَمِيعًا ثُمَّ لَا تُنظِرُونِ ﴿٥٥

މާނައީ: "ތިމަންމެންގެ ބައެއް إله ން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން شريك ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް اللَّه ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ! އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ."

هود عليه السّلام ތަކުރާރުކޮށް އެމީހުންނަށް ވިސްނައިދެއްވަމުން ގެންދެވީ އެމީހުން އަޅުކަން ކޮށް އުޅެނީ ބާޠިލު އެއްޗެހިތަކަކަށް ކަމުގައެވެ. އެ ތަކެތިން އެމީހުންނަށް، އަދި ކީއްތޯ؟ އެހެން މީހަކަށް ވެސް މަންފާއެއް އަދި ގެއްލުމެއް ވެސް ނުލިބޭނެކަމުގައެވެ. އެތަކެއްޗަށް އަޅުކަންކުރަނީ ކޮންބައެއެއްކަން ނުވަތަ ނުކުރަނީ ކޮންބައެއް ކޮންބައެއްކަންވެސް އެތަކެތި ނުދަންނާނެކަން ކަމަށެވެ. ހަމައެހެންމެ، މާތްالله سبحانه وتعالى ގެ އެއްކައުވަންތަކަމަށް އީމާންނުވާނަމަ، އެބައިމީހުން ނެތިކުރެއްވުމަށް ގަދަފަދަ ޢަޛާބެއް ފޮނުއްވައިފާނެކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ކާބަފައިންގެ އަންޒަމާނުއްސުރެ އަޅުކަންކޮށް އުޅުނު ބުދުތައް ދޫކޮށް، އެމީހުންގެ ލޮލަށް ނުފެންނަ އިލާހަކަށް އީމާންވުމަކީ އެމީހުންގެ ބުއްދި ޤަބޫލު ކުރި ކަމެއް ނޫނެވެ. އެ މީހުން ޤަބޫލު ކުރީ، ކަލާނގެއެއް ނަމަ އެމީހުންގެ ލޮލަށް ފެންނަން ޖެހޭނެ ކަމުގައެވެ. ކަލާނގެ ހުންނަ ސިފަ އެނގެންވާނެ ކަމުގައެވެ. އެހެންކަމުން ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައި ބުދުދީން ދޫނުކުރާނެކަމަށް އެބައިމީހުން ބުނަމުން ގެންދިޔައެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަލްއަޢުރާފް ސޫރަތުގެ 70 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

قَالُوا أَجِئْتَنَا لِنَعْبُدَ اللَّـهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا ۖ فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ ﴿٧٠

މާނައީ: "އެއުރެން ބުނޫއެވެ. ކަލޭގެފާނު އަހުރެމެންގެ ގާތަށް ތިޔަވަޑައިގަތީ، ހަމައެކަނި اللَّه އަށް އަހުރެމެން އަޅުކަން ކުރުމަށާއި، އަހުރެމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހުރެމެން ދޫކޮށްލުމަށް އެންގެވުމަށްތޯއެވެ؟ ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމަށްވާނަމަ، ކަލޭގެފާނު އަހުރެމެންނަށް ތިޔަ وعد ކުރައްވާ ކަމެއް، އަހުރެމެން ގާތަށް ނިކަން ގެންނަވައި ބައްލަވާށެވެ!"

ޢާދުބާގައިގެމީހުން، هود عليه السّلام ގެ އަރިހުގައި މާތްﷲ ގެ ޢަޛާބު ނިކަން ގެނެސްބަލާށޭ ބުނެ ގޮންޖަހަމުންގެންދިޔައެވެ. ތިމާމެންނަށް މި ބުނެވެނީ ކިހާ ވަރެއްގެ ވާހަކައެއް ކަމެއް އެބައިމީހުންގެ ހިތްތަކަށް މޭރުނުވާކަހަލައެވެ. އެބައިމީހުންގެ ހިތްތަކަށް ކަލާނގެ ކުޅަދުންވަންތަކަން ތަޞައްވުރުނުކުރެވޭ ކަހަލައެވެ. މާތްالله سبحانه وتعالى ގެ ކޯފާއެއް ނުވަތަ ޢަޛާބެއް ފޮނުއްވައިފި ނަމަ، އެކަމުން އިންސާނާ ދަފަރާކުރާނެ އެއްވެސް ބާރެއްނުވާނެކަން އެބައިމީހުންގެ ކަނުވެފައިވާ ސިކުނޑިތަކަށް ނުވިސްނެއެވެ.

ޢާދުބާގައިގެ މީސްތަކުންގެ މިދެންނެވި ނޭއްގާނީކަމުގެ ސަބަބުން هود عليه السّلام ހިތްޕުޅަށް ނުހަނު އަސަރު ކުރިއެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް ހިތާމަތައް އިތުރުވެ މޮޅިވެރިކަން އިތުރުވެގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި އެކަލޭގެފާނަށް އީމާންވާނެ މަދު މީހަކު މެނުވީ ނެތް ކަން ޔަޤީންވުމުން، އެބައިމީހުންގެ މައްޗަށް ނަޞްރު ދެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވި އެވެ.

މާތް الله سبحانه وتعالى ގެ ޙަޟްރަތުން هود عليه السّلام އަށް ޖަވާބު ލިބިވަޑައިގަތެވެ. އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، އެމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކުގެ މައްޗަށް ބޮޑާވެ، ދުނިޔަވީ އުފަލުގައި ޣަރަޤުވެފައިވާ މީސްތަކުން  ކުޑަ ހިނދުކޮޅެއްގެ ހަލާކުކުރައްވާނެ ކަމަށް އެންގެވިއެވެ. އެބައިމީހުން ނެތިކުރެއްވުމަށް ގަދަފަދަ ޢަޛާބެއް ފޮނުއްވާނޭ ކަންވެސް އެންގެވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި މުއުމިނޫން ސޫރަތުގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. 

قَالَ عَمَّا قَلِيلٍ لَّيُصْبِحُنَّ نَادِمِينَ ﴿٤٠

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ." 

މާތް الله سبحانه وتعالى ދެއްވި ނިޢުމަތްތަކުން ބޭނުން ހިފާ ޙާލުގައި އެކަލާނގެ އަށް އީމާންނުވެ، ބޮޑާކަމާއި ކިބުރުވެރި ކަމުގައި އުޅޭ ނަމަ، އެކަލާނގެކޯފާއާއި ކުރިމަތިލާން ޖެހިދާނެ ކަމަށް هود عليه السّلام ތަކުރާރުކޮށް އިންޒާރު ކުރެއްވުމުން ވެސް އެމީހުން އިސްކުރީ، ދެކޮޅުވެރިކަމެވެ.  އެމީހުންނަށް މާތްﷲ ދެއްވި ނިޢުމަތްތަކުގެ މައްޗަށް ކިބުރުވެ، ތިމަންމެންނީ ނިކަމެތި އިންސާނުންތަކެއްކަން ހަނދާން ނައްތައިލިއެވެ. އެންމެ ބާރު ގަދަ، އެންމެ ކުޅަދާނަ ބަޔަކީ ވެސް އެބައިމީހުން ކަމަށް އަމިއްލަ އަށް ދަޢުވާ ކުރިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ފުއްޞިލަތު ސޫރަތުގެ 15 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّـهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ ﴿١٥

މާނައީ: "ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ."

 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

 

 

މިއަދު އޮންލައިން