ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދި މިދުޢާ ގިނަގިނައިން ކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދި މިދުޢާ ގިނަގިނައިން ކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އިސްލާމް ދީނުގައި ސާބިތުވެ ހުރުމަށްވެސް އަދި ދުނިޔަވީ ޙަޔާތުގައި ކުރިއަރައިދިއުމަށްވެސް ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް މުހިންމުވެގެންވަނީ ކެތްތެރިކަމެވެ. ކެތްތެރިކަމާއި ނުލައި ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކަށް އެންމެ ނުކުރެވޭ ކަމަކީ ކެތްތެރިވުމެވެ. ވީމާ ކެތްތެރިކަމާއި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ.  

އެކަމަށް ކުރަން ޤުރްއާނާއި ސުންނަތުގައި ބަޔާންވެގެންވާ ދުޢާތަކުގެ ތެރެއިން މިބަޔާންކުރަނީ ޤުރްއާނުގައިވާ ވަރަށް މުހިންމު ދުޢާއެކެވެ.  

رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ!"

(އަލް ބަޤަރާ: 250)

މީސްތަކުންނޭވެ! ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަން ހިތްއެދޭނެތެވެ. ހަށިގަނޑުގެ ގުނަވަންތައް އެދޭނެތެވެ. އޮތީ ކެތްތެރިވުމެވެ. ކެތްތެރިވެވޭނީ އެކަލާނގެއަށް ބިރުވެތިވެވިގެންނެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ތިމާގެ ގުނަވަންތައް ސާބިތުކޮށްދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ!

ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ރީތި އަންހެނަކު ފެނުމުން އޭނާގެ ކިބައިން އުފާލިބިގަންނަން ހިތް އެދޭނެއެވެ. ތެޅިފޮޅޭނެއެވެ. އަދި މިނޫނަސް އިންސާނުން ބޭނުންވާ ކަންކަން ކުރާނެ ފުރުޞަތު ލިބިއްޖެނަމަ އެކަމެއް ކުރަން ހިތް އެދޭނެއެވެ. އެފަދަ ޙާލަތްތަކުގައި ކެތްތެރިކަން ދެއްވެވުން އެދި މިދުޢާކުރާށެވެ! ސާބިތުކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން