ޒަމާނާއިއެކު ދިރިއުޅުމަށް ދަނީ ބަދަލުތައް އަންނަމުންނެވެ. އަނބިދަރިން ގޮވައިގެން ބޭރަށް ގޮސް ކައިބޮއެ ހިތްހަމަޖައްސާ މީހުންވެސް ދަނީ ގިނަވަމުންނެވެ. ނަމަވެސް އަދިވެސް ގިނަ ބައަކަށް ވަރަށް ބޮޑަށް އިހްމާލްވެވޭ ކަމެއް އެބައޮތެވެ. އެއީ އުމުރުން ދުވަސްވެފައިވާ މައިންބަފައިން ވެސް ބޭރަށް ގެންގޮސް ހިތްހަމަޖެހުން ހޯދައިދިނުމެވެ.
ގިނަ ބައަކަށް ޤަބޫލުކުރެވެނީ މުސްކުޅިވީމާ ގޭގައި ބައިތިއްބާފަ ކާނެ އެއްޗެއް ގެންގޮސްދިނުމުން ފުދޭނެ ކަމަށެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މަހުގެ ކޮންމެ ރެއަކު އެގޮތަށް ކާއެއްޗެތި ގެންގޮސްދިނުމަށްވުރެ މަހަކު އެންމެ ރެއަކު އެމީހުން ބޭރަށް ގެންގޮސްލިނަމަވެސް އެމީހުންނަށް ލިބޭނެ ހިތްހަމަޖެހުން މާބޮޑުވާނެއެވެ. މިހެން މިބުނަނީ އެފަދަ މަންޒަރެއް އަޅުގަނޑަށް ފެނިފައިވާތީއެވެ.
އެއީ އަޅުގަނޑު ކިޔަވަން ކޭއެލްގައި ހުރި ދުވަސްވަރުއެވެ. ބައްޕަމެން ގޮސްއުޅުނު އިރެއްގަ އެންމެން ކާންގޮސްތިބީ އެންމެ އަގުބޮޑު އެއް ރެސްޓޯރަންޓުގައެވެ. އެތަނަށް މުސްލިމް ޒުވާން ދެމަފިރިއަކު އެމީހުންގެ ދަރިފުޅާއިއެކު ދިއައީ މުސްކުޅިކަމުން އެކަނި ނުވެސް ހިނގޭ މަންމައާއި ބައްޕަ ގޮވައިގެންނެވެ.
އެދެމީހުންނަށް އެކަނި ރަނގަޅަށް ނުވެސް ކެވެއެވެ. ކާއިރު ގައަށް އެޅޭނެތީ އެމީހުން ގޮސްތިބީ އަޅުވާނެ އޭޕްރަންވެސް ހިފައިގެންނެވެ. ކައިނިމުމުން ނައްޓުވާފައި ލީ އެމީހުން ގެންދިއަ ކޮތަޅަށެވެ. އަދި ވެއިތަރުން ހުރަސްއެޅުމުންވެސް އެމީހުން އަތުން ބިންމައްޗަށް އެޅުނު ކާތަކެތިވެސް ސާފުކުރީ އެމީހުން އެކަމަށްޓަކާ ގެންދިއަ ޓިޝޫއިން އެދެމަފިރިން އަމިއްލައަށެވެ.
އެކަންކަން ފެނިފައި އަމިއްލައަށް ދެރަނުވާ އެކަކުވެސް ނެތެވެ. ގިނަ ބައަކު އެމޭޒުކައިރިއަށް ގޮސް އެދެމަފިރިންނަށް ތައްރީފްކުރިއެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަވެސްމެއެވެ. ބައެއް މީހުން އެޢާއިލާ އާއިއެކު ސެލްފީވެސް ނެގިއެވެ. އެދެމަފިރިން ބުނީ އެއީ ފިރިމީހާގެ މަންމަ އާއި އަނބިމީހާގެ ބައްޕަ ކަމަށެވެ. އަނެއް ދެމީހުންވީ ނިޔާވެފައި ކަމަށެވެ. ކޮންމެ މަހެއްގެ ވެސް ފުރަތަމަ ހުކުރު ދުވަހުގެ ރޭ މަންމައާއި ބައްޕަ ކޮންމެވެސް ރެސްޓޯރަންޓަކަށް ގެންގޮސް ކާންދޭ ކަމަށާއި އެހެންވެ ދެމީހުން ތިބެނީ ދުވަސްގުނަގުނައި ކަމަށެވެ.
ކޮންމެއަކަސް މިއީ އަޅުގަނޑަށް ލިބުނު ފިލާވަޅެކެވެ. އިރާދަކުރެއްވިއްޔާ ތަނަވަސްކަން ހުރިވަރަކުން އެ ފިލާވަޅަށް މުޅި ޢުމުރުގައިވެސް ޢަމަލުކުރާނަމެވެ. އެދެމަފިރިން ބުނި އެއްވާހަކަ ބުނެލާނަމެވެ. "އަހަރެމެންގެ ހުރީ އެންމެ ދަރިފުޅެކެވެ. އެދަރިފުޅުގެ ކަންކަމަށްވުރެ ބޮޑަށް މަންމަ އާއި ބައްޕަގެ ކަންކަމަށް ސަމާލުކަންދެމެވެ." އެހެން ބުމުން އަޅުގަނޑު ހިތަށް އެރިއެވެ. "އިރާދަކުރެއްވިއްޔާ އެދެމަފިރިން ސުވަރުގެ ވަނުމަށް ޓިކެޓް ހޯދައިފިތާއެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް ހޯދާނަމެވެ."
- ޝީން / މިއަދުނޫހުގެ ކިޔުންތެރިއެއް