ނަމާދަށް އިންތިޒާރުކުރަން އިންނައިރު ދުނިޔަވީ ވާހަކަތައް ދެއްކުމަކީ އަލިފާން ދަރު އަންދާލާ ފަދައިން ހެޔޮކަންތައްތައް ފޮހެވިގެންދާނެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނަމާދަށް އިންތިޒާރުކުރަން އިންނައިރު ދުނިޔަވީ ވާހަކަތައް ދެއްކުމަކީ އަލިފާން ދަރު އަންދާލާ ފަދައިން ހެޔޮކަންތައްތައް ފޮހެވިގެންދާނެކަމެއް!

ތިބާ މިސްކިތައް ވަދެއްޖެކަމުގައިވާނަމަ، ތަޙިއްޔަތުލްމަސްޖިދުގެ ދެ ރަކުޢަތްކޮށްފައި މެނުވީ ނީށިންނާށެވެ. އެކަލޭގެފާނު ޙަދީޘްފުކުރެއްވިއެވެ. 

((إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّىَ رَكْعَتَيْنِ)) 

މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެކަމުގައިވާނަމަ، ދެ ރަކުޢަތް ކޮށްފައި މެނުވީ ނީށިންނާށެވެ." (ބުޚާރީ: 1163) 

އޭގެ ފަހުގައި ނަމާދަށް އިންތިޒާރުކުރާށެވެ. އަދި އިންތިޒާރުކުރުމުގެ ޙާލަތުގައި އިންނައިރު ﷲ ގެ ޛިކުރުކުރުމާއި ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވާށެވެ. ނަމާދަށް އިންތިޒާރުކުރަން އިންނައިރު ދުނިޔަވީ ވާހަކަތައް ދެއްކުމުން އެއްކިބާވާށެވެ. އެހެނީ، ޙަދީޘްގައި ވާރިދުވެފައިވާ ފަދައިން މިކަމުގެ ސަބަބުން އަލިފާން ދަރު އަންދާލާ ފަދައިން ހެޔޮކަންތައްތައް ފޮހެވިގެންދާނެއެވެ. އަދި އެހެން ޙަދީޘެއްގައި ވާރިދުވެފައިވާފަދައިން، އަޅަކު ނަމާދުކޮށް އަވަދިވެގެން އަނެއްނަމާދަށް އިންތިޒާރުކުރުމުގައިވާނަމަ، އެމީހަކަށް ފާފަފުއްސެވުމަށް މަލާތްކަތް ބޭކަލުން ދުޢާ ކުރައްވާނެތެވެ. އޭ މުސްލިމް އަޚާއެވެ!

މި ގިނަގުންވެގެންވާ ޘަވާބުތައް ގެއްލުވާ ނުލައްވާށެވެ. އަދި މިއިންތިޒާރުގެ ވަގުތުތައް ކުޅުމުގަޔާއި ބޭކާރު ވާހަކަތައް ދެއްކުމުގައި ހޭދަނުކުރާށެވެ. 

ނަމާދަށް ތެދުވާނީ ކޮންވަގުތަކު؟ 

ޤަމަތްދޭމީހާ قد قامت الصلاة ގޮވާލެވުމުން ނަމާދަށް ސަފުހެދުމަށް ތެދުވާށެވެ. އެހެނީ، އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަމަލުކުރެއްވިގޮތެވެ. ޤަމަތްދިނުމަށް ފެށުމާއެކީ އިމާމާ ފެނިއްޖެކަމުގައިވާނަމަ ސަފުހެދުމަށް ތެދުވުމަކުން މައްސަލައެއްނެތެވެ. ނަމަވެސް ޤަމަތްދިނުމަށް ފެށުމާއިއެކީ އިމާމްމީހާ ނުފެންނަކަމުގައިވާނަމަ، އިމާމްމީހާ ފެންނަދެން ނުތެދުވުން މޮޅުއިތުރެވެ. 

- އައްޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން

 

މިއަދު އޮންލައިން