ދަތިކަން ޖެއްސެވުން
މުފައްސިރުން ވިދާޅުވާ ގޮތުގައި هود عليه السّلام ގެ ދަޢުވަތަށް ޢާދުބާގައި މީހުން އިންކާރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މާތް الله سبحانه وتعالى އެބައިމީހުންނަށް ދަތި ގޮތްތައް މެދުވެރި ކުރެއްވިއެވެ. ވާރޭ ގެ މަތިވެރި ނިޢުމަތުން މަޙްރޫމުކުރެއްވެވުމާއި ހަނަފަސްކަން މެދުވެރި ކުރެއްވެވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުބިންތައް ހަލާކުވާންފެށިއެވެ.
ޢާދުބާގައިގެ މީސްތަކުންނަށް ހަނަފަސްކަން މެދުވެރިވުމުން އެބައިމީހުންގެ ތެރޭގައި ހުރި "ޤައިލު" ކިޔުނު މީހަކު މައްކާއަށް ފޮނުވިއެވެ. އެއީ އެބައިމީހުންނަށް ފެން ލިބުން އެދި ދުޢާ ކުރުމަށެވެ. އޭނާގޮސް އަބޫ ބަކުރު ބިން މުޢާވިޔާއޭ ކިޔުނު މީހެއްގެ މެހެމާނެއްގެ ގޮތުގައި މަސްދުވަސް ވަންދެން ހުއްޓެވެ. މުޢާވިޔަތު އޭނާއަށް ރާބޯންދިނެވެ. އަދި އޭނާއާއެކު ލަވަކިޔާ މަޖާކުރާނެ ދެ އަންހެން ކުދިން ދިނެވެ.
ދެން އެގޮތުގައި މަސްދުވަސް ހަމަވުމުން އޭނާ މަހްރާގެ ފަރުބަދަތަކާއި ދިމާއަށް ގޮސް ދުޢާ ކުރަންފެށިއެވެ. "އޭ މާތްﷲ އެވެ. އަޅުގަނޑު މި އައީ ބަލިމީހަކަށް ޝިފާދެއްވުން އެދި ދަންނަވާކަށް ނޫނެވެ. އަސީރަކު މިނިވަން ކުރަން އެދި ދަންނަވާކަށެއްވެސް ނޫނެވެ. އިބަރަސްކަލާނގެ ޢާދުބާގައިގެ މީސްތަކުންނަށް ކުރިންވެސް ވާރޭގެ ޒަރީޢާއިން ފެން ދެއްވާ ފަދައިން ފެން ދެއްވުން އެދި ދުޢާކުރާށެވެ. ދެން އުޑުން ދެ ވިލާގަނޑު ފާޅުވިއެވެ. އޭނާއަށް އެންގެވުނެވެ. މިތަނުން ވިލާގަނޑެއް އިޚްތިޔާރު ކުރާށެވެ. އޭނާ އިޚްތިޔާރު ކުރީ އެތަނުން ކަޅުކުލައިގެ ވިލާގަނޑެވެ. ދެން އޭނަށް އަށް ބުނެވުނު އަޑު އިވުނެވެ. ޢާދުބާގައިގެ މީސްތަކުންގެ އެކަކުވެސް ދޫނުކޮށް އެބައިމީހުންގެ އެންމެން އަޅިޔަށް ހަދާލާށެވެ. { ތަފްސީރު އިބްނު ކަޘީރު ތިންވަން ޖިލްދުގެ 265 ވަނަ ޞަފްޙާ އިނގިރޭސި ތަރުޖަމާ/ މިޙަދީޘާއި އެއްގޮތް ޙަދީޘެއް جامع الترمذي ގެ كتاب تفسير القرآن عن رسول الله صلى الله عليه وسلم ގެ ޙަދީޘް ނަންބަރު 3723 ގައި ވެއެވެ. އެއީ ޙަސަން ދަރަޖައިގެ ޙަދީޘެއް}
ދެން ޢާދުބާގައިގެ މީސްތަކުންނަށް ފެނުނީ އުދަރެހުން އަރައިގެން އެމީހުންގެ ރަށާ ދިމާލަށް އަންނަ ބޯ ވިލާގަނޑެކެވެ. އެމީހުންގެ ނަޒަރުގައި އެއީ އާދައިގެ ވިއްސާރަ ވިލާގަނޑެކެވެ. ތިމާމެންނާ މި ކުރިމަތިވަނީ، މާތްالله سبحانه وتعالى އިންޒާރު ކުރެއްވި ކަންތައްތައް ކަމެއް، ނުވަތަ އެއީ، ހޫދުގެފާނަށް ގޮންޖަހައި އުޅުނު ޢަޛާބުގެ ކަންތައް ކަމެއް އެ މީހުންނަށް ކުޑަކޮށް ވެސް ގަބޫލެއް ނުކުރެވެއެވެ. މި ކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަލްއަޙްޤާފް ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ ﴿٢٥﴾
މާނައީ: "އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެއެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ. ފަހެ، އެއުރެން އުޅުނު ތަންތަންމެނުވީ، ފެންނާންނެތްބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ. ކުށްވެރިވިމީހުންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ."
ޢަޛާބު އައުން:
ޢާދުބާގައިގެ މީސްތަކުން، ހީކޮށްގެން ތިބީ، ދުނިޔެ ދައުރުވަމުންދާ އާންމު އުސޫލުގެ ދަށުން، ވިއްސާރަ ވިލާގަނޑެއް އަންނަނީ ކަމަށެވެ. އެ އަންނަނީ ބޯފެން ނަގަން ރަނގަޅު ކެރިގަނޑެއް ކަމަށް ހީކޮށް ތިއްބައި، އެ ވިލާގަނޑު ކޮޅިގަނޑަކަށް ބަދަލުވިއެވެ. ކޮޅިގަނޑު އެންމެ ފަހުން ޠޫފާނަކަށް ބަދަލުވެ ޢަޛާބެއްގެ ސިފައިގައި ޢާދުބާގައި މީހުންނަށް ޖެހުނެވެ. މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ ފުއްޞިލަތު ސޫރަތުގެ 15 ވަނަ އާޔަތާއި 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّـهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ ﴿١٥﴾ فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا ۖوَلَعَذَابُ الْآخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ ﴿١٦﴾
މާނައީ: "ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب ގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ."
ޢާދުބާގައިގެ މީސްތަކުންގެ މައްޗަށް ފޮނުއްވީ، އާދައިގެ ވިއްސާރަ ވިލާގަނޑެއް ނޫނެވެ. އެ ވިލާގަނޑުން ޖެހެމުން އައީ ހަލާކާއި ގެއްލުމުގެ ވައެވެ. ވައިގެ ގަދަފަދަ ކަމާއި ވައިގެ ބާރުކަމުން، އެ ވައި ބީހޭ ކޮންމެ ތަނެއް ސުންނާފަތިވެ ފުނޑުފުނޑުވެގެންދެއެވެ. އަނދައި ހުލިކޮށް އަޅިއަށް ހަދައެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރްއާނުގެ އައްޛާރިޔާތު ސޫރަތުގެ 41 ވަނަ އާޔަތާއި 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ ﴿٤١﴾ مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ ﴿٤٢﴾
މާނައީ: "عاد ބާގައިމީހުންގައިވެސް عبرة އެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ. އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ".
ޢާދުބާގައިގެ މީސްތަކުންނަށް، هود عليه السّلام އިންޒާރު ކުރެއްވި ޢަޛާބު އައިސް ޖެހުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެބައިމީހުން ސުންނާފަތިވެގެންދާފަދަ ގޮތެއްގައެއްނޫނެވެ. ހަތްރެޔާއި، އަށްދުވާ ވަންދެން އެބައިމީހުންނަށް ޢަޛާބެއްގެ ގޮތުން ގަދަފަދަ ވައިފޮނުއްވިއެވެ. އެދުވަސްތައް މާތްالله سبحانه وتعالى ސިފަ ކުރައްވާފައިވަނީ ސުންޕާ ދުވަސްތަކެއްގެ ގޮތުގައެވެ. މިކަމަށް އިޝާރާތް ކުރައްވައި ސޫރަތުލް ޙާއްޤާގެ 6 ވަނަ އާޔަތުން 8 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ﴿٦﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ﴿٧﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ ﴿٨﴾
މާނައީ: "އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟"
މިދެންނެވި އާޔަތުގައިވާ ފަދައިން، އެބައިމީހުންނަށް އެ ޢަޛާބުން ސަލާމަތްކޮށްދޭނެ އެއްވެސް ފަރާތެއްނުވިއެވެ. އެބައިމީހުންގެ ފަޚްރެއްކަމުގައި ބަލަމުން ގެންދިޔަ އުސްބޮޑެތި ބިނާތަކުގައި ފޮރުވިގެންތިބި އިރުވެސް އެބައިމީހުންނަށް އެއްވެސް ޙިމާޔަތެއް ނުލިބުނެވެ. ރައްކާތެރިކަމެއް ނުލިބުނެވެ. އެބައިމީހުންތިބީ އެއްވެސް އާރެއް ބާރެއްނެތްގޮތެއްގައެވެ. ތިމާމެންގެ އަމިއްލަ ނަފްސުތައް ސަލާމަތްކުރާނެ އެއްވެސް އުރަތްޕެއްނެތިފައެވެ. މިދެންނެވި އާޔަތުގައި ކަދުރުރުކުގެ ބުޑުތަކުގެ ގޮތުގައި އެބައިމީހުން ސިފަކުރައްވާފައިވަނީ މިސަބަބަށްޓަކައެވެ.
މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލްޤަމަރު ސޫރަތުގެ 18 ވަނަ އާޔަތުން 20 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ﴿١٨﴾ إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ﴿١٩﴾ تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ﴿٢٠﴾
މާނައީ: "عاد ބާގައިމީހުންވެސް ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عذاب އާއި ތިމަންރަސްކަލާނގެ إنذار ތައްވީ ކޮންފަދައަކުން ހެއްޔެވެ؟ ދެމިހުންނަނިވި ސުންޕާކަމުގެ ދުވަހެއްގައި ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވީމެވެ. އެ ވައިރޯޅިއައިސް، މީސްތަކުން (ތިބިތަނުން) ލުހެލަތެވެ. ވެއްޓިފައިވާ ކަދުރު ރުކުގެ ބުޑުތަކެއްފަދައިން އެއުރެން ވާކަހަލައެވެ."
ޢާދުބާގައިގެ މީސްތަކުން، ކަދުރުރުކުގެ ބުޑުތަކެއްގެ ގޮތުގައި ސިފަކުރައްވާފައިވަނީ، އެ އަޒާބުގެ ސަބަބުން، އެބައިމީހުންގެ ބޯތައް ކަނދުރާތަކުން ވަކިވެފައިވުންކަމުގައެވެ. އެހެނީ އަޒާބުގެ ވައިގެ ގަދަފަދަ ކަމުން، އެބައިމީހުން ޖައްވުގެ ތެރެއަށް ގެންގޮސް އެނބުރި ބިން މައްޗަށް ވެއްޓުނުއިރު އެބައިމީހުން ތިބީ ބޮލާއި ކަނދުރާ ވަކިވެފައެވެ.[1]
މިދެންނެވި ނަޒަރިއްޔާގެ އިތުރުން މުފައްސިރުންގެ އެހެން ނަޒަރިއްޔާ އެއްވެސް އޮވެއެވެ. އެއީ އެވައި އެމީހުންގެ އަނގަތަކުން ވަދެގެން ދިޔަ ބާރުމިނުގައި ފުރަގަސް ފަރާތުން ނުކުމެގެންދިޔުމެވެ. އެވައި ނުކުމެގެން ދިޔައީ އެތެރެހަށީގެ ހުރިހާ ގުނަވަންތަކެއްވެސް ހިފައިގެންނެވެ. އެފަދަ ހާލަތެއްގައި އެމީހުންގެ ހަށިތައް ހުންނާނީ ހޮއި ހެދިފައިވާ ގަސްގަނޑުތަކެއް ފަދައިނެވެ. މިކަމުން، ޢާދުބާގައި މީހުންނަށް ޖެހުނު ޢަޛާބުގެ ގަދަފަދަ ކަމާއި ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަވެގެން ދެއެވެ.
ބައެއް ފަހަރު ވަޔަކީ ހަލާކެއްކަމުގައިވެއެވެ. އަނެއެއްބައިފަހަރު އެއީ ރަޙްމަތެއްކަމުގައިވެދެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. "ވާރޭ ވިލާގަނޑެއް ނުވަތަ ގަދަ ވަޔެއް ޖެހޭނަމަ ރަސޫލާ صلّى اللّـه عليه وسلّم ގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެގެންދެއެވެ. އެކަލޭގެފާނުގެ މޫނުފުޅުން ކަންބޮޑުވުމާއި މޮޅިވެރިކަން ފާޅުވެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ދެން ތިމަންކަމަނާ އެކަލޭގެފާނަށް ދަންނަވަމެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ. މީސްތަކުންނަށް ވާރޭ ވިލާގަނޑެއް ފެނިއްޖެނަމަ އެބައިމީހުން އެކަމާ އުފާކޮށް އުޅެއެވެ. އެއީ، އެބައިމީހުންނަށް އެ ވިލާގަނޑުން ވާރޭފެން ލިބޭނެކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް ތިމަންކަމަނާއަށް ކަލޭގެފާނު ފެނިވަޑައިގަންނަވަނީ ތަފާތުކޮށެވެ.
- ލިޔުނީ: ޢަލީ އިޙްޞާނ ފިރާޤް