އޭ މުސްލިމް އަޚާއެވެ! އެންމެ ކުރީ ސަފުން ޖާގަލިބޭތޯ ގަދަ އަޅާ މަސައްކަތްކުރާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ، وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ، لاَسْتَهَمُوا))
މާނައީ: "ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ދެން އެކަންކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއްނެތްނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުން ގުރުއަތުވެސްލީހެވެ." (ބުޚާރީ: 615، 653، 2689، މުސްލިމް: 437)
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا، وَشَرُّهَا آخِرُهَا))
މާނައީ: "ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެންމެ ފުރަތަމަ ސަފެވެ. އަދި އެންމެ ހެޔޮކަން ކުޑަވެގެންވަނީ އެންމެ ފަހަތު ސަފެވެ." (މުސްލިމް: 440)
އިމާމާއާ ވީހާވެސް ކައިރިން ފުރުޞަތު ލިބޭތޯ މަސައްކަތްކުރާށެވެ. މިއީ ސަފުތައް ހެދުމުގައި ފިރިހެނުންނަށް ޚާއްޞަވެގެންވާގޮތެވެ.
އަންހެނުންނަށް އެންމެ ހެޔޮކަންބޮޑުވެގެންވަނީ އެންމެ ފަހަތު ސަފެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا، وَشَرُّهَا أَوَّلُهَا))
މާނައީ: "އަންހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ހެޔޮކަން ކުޑަވެގެންވަނީ އެންމެ ފުރަތަމަ ސަފެވެ." (މުސްލިމް: 440) އެހެނީ، ފިރިހެނުންގެ ބެލުންތަކާއި އެންމެ ދުރުވާނެ ސަފަކަށްވާނީ އެސަފެވެ.
ސަފުތައް ތެދުކޮށް ތަރުތީބުކުރުމަކީ އިމާމްމީހާއާއި މައުމޫމުންގެ މައްޗަށްވާ ޙައްޤެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((سَوُّوا صُفُوفَكُمْ ؛ فَإنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ)) މާނައީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަފުތައް އެއްވަރުކުރާށެވެ. ފެހެ، ހަމަކަށަވަރުން ސަފުތައް އެއްވަރުކުރުން ވަނީ ނަމާދު ފުރިހަމަވުމުގެ ތެރެއިންނެވެ." (މުސްލިމް: 433)
އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ((لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللهُ بَيْنَ وُجُوهِكُمْ)) މާނައީ: "ތިޔަބައިމީހުން، ތިޔަބައިމީހުންގެ ސަފުތައް އެއްވަރުކުރާހުށިކަމެވެ. އެހެންނޫނަމަ، ތިޔަބައިމީހުންގެ މޫނުތައް ﷲ ޚިލާފުކުރައްވަ ފާނެތެވެ. (އެބަހީ، ތިޔަބައިމީހުންގެ ހިތްތައް ބައިބައި ކުރައްވަފާނެތެވެ.)" (ބުޚާރީ: 717، މުސްލިމް: 436)
ކޮނޑާއި، ފުންނާބުތައް އެއްވަރުކުރުން ވަނީ ސަފުތައް އެއްވަރުކުރުމުގެ ތެރެއިންނެވެ.
ސަފުތަކުގައިވާ ހުސްތަންތަނާއި، ނަމާދުކުރާ ދެމީހުންގެ ދެމެދުގައިވާ ހުސްތަންތަން ފުރުމަކީ މައުމޫމުންގެ މައްޗަށްވާ ޙައްޤެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((أَقِيمُوا صُفُوفَكُمْ وَتَرَاصُّوا)) މާނައީ: "ތިޔަބައިމީހުން، ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާށެވެ. އަދި އެކަކުއަނެކަކާ ގުޅި ލާމެހިލާށެވެ." (ބުޚާރީ: 719، 725)
ސަފުތަކުގައިވާ ހުސްތަންތަނާއި، ނަމާދުކުރާ މައުމޫމުންގެ ދެމެދުގައިވާ ހުސްތަންތަން ފުރުމަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް މުހިއްމުކަމެއް ދެއްވެވިއެވެ. މިކަމުން ދަލީލިކޮށްދެނީ ސަފުތަކުގައިވާ ހުސްތަންތަން ފުރުމުގެ އަހައްމިއްޔަތާއި އެކަމުގެ ފައިދާއެވެ. އެއްވެސް ޙާލެއްގެ ގުޅިލާމެހުމުގެ މާނައަކީ މާބޮޑަށް ފިތުމުގެ ސަބަބުން ނަމާދުކުރާ މީހުންނަށް އުނދަގޫވާވަރަށް ފިތުމެއް ނޫނެވެ. ފަހެ، މުސްލިމުންގެ މައްޗަށް ވަނީ ސަފުތައް ހެދުމުގައި ފަރުވާބަހައްޓަކައި، ސަފުތައް އެއްވަރުކުރުމުގައި އަވަސްވެގަތުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމުގެ ގޮތުންނާއި، ނަމާދު ފުރިހަމަކުރުމުގެ ގޮތުންނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން ލިބުމުގެ މަގަށް އަޅަމެނަށް ތައުފީޤް ދެއްވާށި !
- އައްޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން